ބިދޭސީން މާލޭގައި ކުރި މުޒާހަރާއެއް ފުލުހުން ހުއްޓުވައިފި

ބިދޭސީން މިއަދު އާޓިފިޝަލް ބީޗަށް އެއްވެ އަޑު އުފުލަނީ ---

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް ގިނަ އަދަދެއްގެ ބިދޭސީން އެއްވެ އަޑު އުފުލަމުން ދަނިކޮށް ފުލުހުން އެ މީހުން ފައްސާލައިފި އެވެ.

އެނގިފައިވާ ގޮތުގައި 200 އެއްހާ ބިދޭސީން މިއަދު ހަވީރު އާޓިފިޝަލް ބީޗަށް އެއްވެފައިވަނީ އެ މީހުނަށް މުސާރަ ނުދީ އެތައް މަސްތަކެއްވުމާއި އެ މީހުން އަނބުރާ ގައުމަށް ދިއުމަށް ހުރަސްތަކެއް ހުރުމުންނެވެ.

އެއްވި ބިދޭސީންގެ ތެރޭގައި އެކި ކުންފުނިތަކަށް ނިސްބަތްވާ ބިދޭސީންގެ އިތުރުން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީން ވެސް ހިމެނެވެ.

ފުލުހުން އެ ސަރަހައްދަށް އައިސް ތަން ދޫކޮށް ދިއުމަށް ނަސޭހަތްތެރިވުމުން އިރުއޮއްސެން ކައިރިވެފައިވަނިކޮށް ބިދޭސީން ވަނީ އެ ސަރަހައްދުން ގޮސްފަ އެވެ.

ފުލުހުންނާއި ބިދޭސީންނާ އެއްވެސް ކަހަލަ ކުރިމަތިލުމެއް ހިނގާފައި ނުވާއިރު އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.

އެތައް މަހެއްގެ މުސާރަ ނުލިބުމުން މި މަހު ކުރީ ކޮޅު ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދިޔަ ބިދޭސީންތަކެއް ވަނީ އެތަނުގައި ތިބި ދިވެހިންތަކެއް ހިފަހައްޓައި ރަށުން ފޭބިޔަ ނުދީ އެރަށަށް އައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުންތަކެއް ހިންގާފަ އެވެ. އެ ކަމާއި ގުޅިގެން 19 ބިދޭސީއަކު ހައްޔަރު ކޮށްފައިވާއިރު މި ހަފްތާގައި ވަނީ ބިދޭސީންތަކެއް ހުޅުމާލޭގައި ވެސް މުޒާހަރާ ކޮށްފަ އެވެ. އެ ބިދޭސީން ވެސް އަޑު އުފުލާފައިވަނީ މުސާރަ ނުދީ އެތައް މަަސްތަކެއް ވުމުންނެވެ.

comment ކޮމެންޓް