ވަރުންގެ "ކޫލީ ނަންބަރު 1" އަންނަ އަހަރަށް

ކޫލީ ނަންބަރު 1 ގެ ޕޯސްޓަރެއް---

ކާމިޔާބު އެކްޓަރު ވަރުން ދަވަން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ކޫލީ ނަންބަރު 1" ރިލީޒްކުރުން ފަސްކޮށްފައިވާކަމަށް ހަބަރުތައް ބުނެފި އެވެ.

ވަރުންގެ ބައްޕަ ޑޭވިޑް ދަވަން ޑައިރެކްޓްކުރާ އެ ފިލްމު ކުރިން ރިލީޒްކުރަން ނިންމީ އަންނަ މެއި މަހުގެ ފުރަތަމަ ދުވަހު އެވެ. ނަމަވެސް ކޮވިޑް19 ގެ ސަބަބުން އެ ފިލްމު ވަނީ ރިލީޒްކުރުން ފަސްކޮށްފައެވެ. ނުރައްކާތެރި ކޮވިޑް19 އާ ގުޅިގެން އިންޑިއާ ލޮކްޑައުންކޮށްފައިވާއިރު އެ ގައުމުތަކުގެ ސިނަމާތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދުކޮށްފަ އެވެ.

މި ފިލްމު ޑިޖިޓަލްކޮށް ރިލީޒްކުރަން ޑައިރެކްޓަރު ޑޭވިޑް ބޭނުމެއް ނުވެއެވެ. އޭނާ ކުރިން މީޑިއާއަކަށް ދިން އިންޓަވިއުއެއްގައި ބުނީ އެ ފިލްމު އޭނާ ރިލީޒްކުރާނީ ސްކްރީނުގައި ކަމަށެވެ. ޚަބަރުތައް ބުނާގޮތުގައި މި ފިލްމު މިހާރު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

ވަރުން އާއި ސާރާ އަލީ ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ދެތަރިން އެކުގައި ފިލްމަކުން ފެނިގެންދާ ފުރަތަމަ ފަހަރެވެ.

ކޫލީ ނަންބަރު 1 އަކީ ވަރުން އޭނާގެ ބައްޕަގެ ފިލްމެއްގައި މަސައްކަތް ކުރާ ތިން ވަނަ ފިލްމެވެ. އެ ފިލްމަކީ 1995 ވަނަ އަހަރު ހަމަ އެ ނަމުގައި ގެނެސްދިން ފިލްމުގެ ރީމޭކެކެވެ. 'ކޫލީ ނަމްބަރު 1'ގެ ލީޑުން ފެނިގެންދިޔައީ އޭރުގެ އެންމެ ކާމިޔާބު ދެ އެކްޓަރުން ކަމަށްވާ ކަރިޝްމާ ކަޕޫރާއި ގޯވިންދާ އެވެ.

comment ކޮމެންޓް