ދުންފަތާއި ރަލުން ޑިއުޓީ ކުޑަކުރަން ނިންމިނިންމުން ބަދަލުކުރަން ހުށަހަޅައިފި

ހައިތަމް: އޭނާ ވަނީ ދުންފަތާއި ރަލުން ޑިއުޓީ ކުޑަ ނުކުރުމަށް އިސްލާހު ހުށަހަޅާފައި -- ފޮޓޯ، މަޖިލިސް

ދުންފަތާއި ރަލުން ޑިއުޓީ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނައި އިސްލާހު އުނިކުރުމަށް އިސްލާހު ހުށަަހަޅައިފި އެވެ.

އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ބައެއް ތަކެތިން 50 ޕަސަންޓް ޑިއުޓީ ކަނޑާލުމަށް މަޖިލީހުގެ މުޅި ކޮމިޓީން ފާސް ކުރީ މިދިޔަ އަންގާރަ ދުވަހުއެވެ. ޑިއުޓީ ކަނޑާލާ ބައެއް ތަކެތީގެ ތެރޭގައި ދުންފަތުގެ ބާވަތްތަކާއި ރަލުގެ ބާވަތްތައްވެސް ހިމެނެއެވެ.

ޑިއުޓީ ކަނޑާލާ ބާވަތްތަކުގައި ދުންފަތް ހިމެނުމުން، އިދިކޮޅު ޕާޓީތަކާއި ބައެއް އާންމުން ދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ޑިއުޓީ ކަނޑާލުމަށް މަޖިލީހުގެ މުޅި ކޮމިޓީން ފާސް ކުރި ރިޕޯޓަށް އިސްލާހު ހުށަހެޅީ، މައްޗަންގޮޅި ދެކުނު ދާއިރާ މެމްބަރު އަހްމަދު ހައިތަމެވެ. އޭނާ ވަނީ އެ ރިޕޯޓަށް ޖުމްލަ ތިން އިސްލާހެއް ހުށަހަޅާފައެވެ. އެއީ ކުރިން ޑިއުޓީ ކަނޑާލުމަށް ހިމެނު ފަސް ޗެޕްޓަރުގެ ބައެއް ބާވަތްތައް، ނުވަތަ މުޅި ޗެޕްޓަރު އުނިކުރުމަށެވެ.

މައިގަނޑުގޮތެއްގައި އޭނާ ހުށަހަޅާފައިވާ އިސްލާހުތަކަކީ، ދުންފަތާއި، ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ ބާވަތްތައް ހިމެނޭ ބަވާތްތައްކުން ޑިއުޓީ ކުޑަ ނުކުރުމަށެވެ. އޭގެ އިތުރުން ވޭޕްއާއި އީ- ސިނގިރޭޓާއި އޭގެ ބާވަތްތަކުންވެސް ޑީއުޓީ ކުޑަ ނުކުރުމަށް އިސްލާހުތަކުގައި ވަނީ ބުނެފައެވެ. އަދި ބަނގުރަލާއި ބަނގުރާ އެކުލެވޭ އެހެނިހެން ބާވަތްތަކާއި، ބަނގުރާ އެކުލެވޭ ވިނިގާއާއި 0.5 ޕަސަންޓަށްވުރެ މަދު މިންވަރަކަށް ބަނގުރާ އެކުލެވޭ ބުއިންތަކާއި، ބިއަރާއި، އެނާޖީ ޑްރިންކްސް، ނޮން ސްޕާކްލިންގ ވައިން އިންވެސް ޑިއުޓީ ކަނޑާނުލުމަށް ހައިތަމް އިސްލާހު ހުށަހަޅާފައިވެއެވެ.

ހައިތަމް "ސަން" އަށް ވިދާޅުވީ، ސިއްހީ ގޮތުން ގެއްލުން ލިބޭ އެފަދަ ތަކެތިން ޑީއުޓީ ކަނޑާޅުމަށް ނިންމުމަކީ، ސަރުކާރުގެވެސް އަދި އެމްޑީޕީ މަޖިލިސް މެމްބަރުންގެވެސް ވިސްނުމެއް ނޫން ކަމަށެވެ. އަދި އަލުން އިސްލާހު މި ހުށަހެޅީ، އެއްވެސް ކަހަލަ ޕްރެޝަރެއް އަދި ފާޑުކިޔުންތައް އައިސްގެން ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިސްލާހު ހުށަހެޅި ދުވަހުވެސް ދެކޮޅު ހެދިން. އެއްވެސް ވަރަކަށް ސަރުކާރުގެ ވިސްނުމެއް އަދި، އެމްޑީޕީގެ މެމްބަރުންގެ ވިސްނުމެއް ނޫން ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ކަނޑާލުމަށް،" ހައިތަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުުވީ، ކުރިން އެގޮތަށް ފާސްވެގެން ދިޔައީ، މުޅި ޗެޕްޓަރުތަކަށް އިސްލާހު ހުށަހެޅުމުން، މެމްބަރުންގެ ސަމާލުކަމަށް އެކަން ނައުމުން ކަމަށެވެ. އަދި އޭނާ ހުށަޅި މި އިސްލާހުތައް ފާސްވާނެ ކަމުގެ ޔަގީންކަންވެސް އެބައޮތް ކަމަށް ހައިތަމް ވިދާޅުވިއެވެ.

މަޖިލީހުގެ މުޅި ކޮމިޓީގެ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ އުތުރާއި ދެކުނުގެ ޕޯޓުތަކަށް މުދާ އެތެރެ ކުރުމުން އެ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް ބިލު އިސްލާހު ކުރާށެވެ. އެގޮތަށް 50 ޕަސެންޓް ކަނޑާލަން ގިނަ ޗެޕްޓަރުތަކެއް މުހައްމަދު ރަޝީދު ހުށަހެޅުއްވި އެވެ. އެގޮތަށް އޭނާ ހުށަހެޅުއްވީ، އެ ސަރަހައްދުތަކުގައި ވިޔަފާރީގެ ހަރަކާތްތައް އިތުރުކުރުމުގެ މަގްސަދުގައެވެ.

މަޖިލީހުގެ ދެން އޮންނަ ޖަލްސާއެއްގައި މި ކޮމިޓީ ރިޕޯޓަށް ހުށަހަޅާ އިސްލާހުތަކާއެކު ވޯޓަށް އަހާނެއެވެ. އަދި ގާނޫނަށް ގެންނަ ފަހުގެ ނިންމުން އެނގޭނީ، ތަޅުމުގައި ހުށަހަޅާ އިސްލާހުތަކާއެކު އެ ބިލު ފާސްކުރާ ގޮތަކުންނެވެ.

comment ކޮމެންޓް