ފުލުހުންގެ ބައެއް އިސް މަގާމުތަކަށް ބަދަލުތަކެއް، ރިސޯސް މެނޭޖްމަންޓު ހެޑަކަށް ފައިރޫޝް

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް -- ފޮޓޯ: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ބައެއް ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތަކަށް ބަދަލު ގެނެސްފިއެވެ.

ފުލުހުން ބުނީ މިއީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސްޓްރެޓިޖިކް ޕްލޭން 2019 އިން 2023 ގެ ދަށުން ސްޓްރެޓީޖިކް ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެނައި ބަދަލުތަކެއް ކަމަށެވެ.

އެގޮތުން ރިސޯސް މެނޭޖްމަންޓުގެ ހެޑްގެ މަގާމަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވަނީ އައްޔަންކޮށްފައެވެ.

ރިސޯސް މެނޭޖްމަންޓަކީ ޕޮލިސް ސާވިސްގެ ފައިނޭންސް، ހިއުމަން ރިސޯސް އަދި އިންޖިނިއަރިން އެންޑް މެކޭނިކަލް ސާވިސް ޑިޕާޓްމަންޓް ހިމެނޭ ޑައިރެކްޓަރޭޓެވެ.

އޭސީޕީ ފައިރޫޝް ކުރިން ހުންނެވީ ވަގުތީ ގޮތުން މާލެ ސަރަހައްދު ހިމެނޭ ސެންޓްރަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ ގޮތުގައެވެ.

މީގެއިތުރުން ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ހެޑްގެ މަގާމަށް އައއްޔަންކޮށްފައި ވަނީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދެވެ.

ޑިވިޝަނަލް ޕޮލިސިން ކޮމާންޑަކީ މާލެ ފިޔަވައި، އަތޮޅުތަކުގައި ދެވޭ ފުލުހުންގެ ހިދުމަތާއި ގުޅޭ ކަންކަން ބަލަހައްޓާ ކޮމާންޑެވެ.

އަލީ ރަޝީދު ކުރިން ހުންނެވީ ރިސޯސް މެނޭޖްމަންޓްގެ ހެޑް މަގާމުގެ އިތުރުން ކޮވިޑް19 އާއި ގުޅިގެން ޑިވިޝަނަލް ޕޮލިސް ކޮމާންޑުގެ ހެޑްގެ ގޮތުގައި ހުންނެވި އޭސީޕީ ފައިރޫޝް ސެންޓްރަލް ޕޮލިސްން ކޮމާންޑާ ހަވާލުވެލެއްވުމުން، އެ ކޮމާންޑުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެއެވެ.

ޑިވިޝަނަލް ޕޮލިސިން ކޮމާންޑުގެ ނޮދަން ޑިވިޝަންގެ ހެޑްގެ މަގާމަށް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާސިމް އަބްދުﷲ ވެސް މިއަދު ވަނީ އައްޔަންކޮށްފައެވެ.

އާސިމް ކުރިން ހުންނެވީ ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގެ ދަށުން ހިންގަމުން އައި ޑިވިޝަނަލް އޮޕަރޭޝަން ކޮމާންޑްގެ ސަޕޯޓް ސާވިސްގެ ހެޑްގެ މަމާމުގައެވެ.

މީގެއިތުރުން، ކޮވިޑް 19 އާގުޅިގެން އެންއޯއީސީގައި ފުލުހުން އަދާކުރަމުންދިޔަ ދައުރު ނިމުމާ ގުޅިގެން އޭސީޕީ އިސްމާއިލް ނަވީން ވަނީ ކުރިންވެސް ހުންނެވި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ހެޑްގެ މަގާމަށް އައްޔަންކޮށްފައެވެ.

އަދި ސެންޓްރަލް ޕޮލިސިން ކޮމާންޑްގެ ދަށުން ހިންގަމުން އަންނަ މާލޭ ސިޓީ ޕޮލިސްގެ ހެޑްގެ މަގާމަށް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވަނީ އައްޔަންކޮށްފައެވެ. ޝަރީފް ކުރިން ހުންނެވީ ނޮދަން ޑިވިޝަންސްގެ ހެޑްގެ މަގާމުގައެވެ.

ސެންޓްރަލް ޕޮލިސިން ކޮމާންޑަކީ މާލެ، ހުޅުމާލެ، ވިލިމާލެ ހިމެނޭގޮތަށް މާލެ ސަރަހައްދުގެ ޕޮލިސްއާއި ގުޅޭ ކަންކަން ބެލެހެއްޓުމާއި، އޮޕަރޭޝަނަލް ސަޕޯޓުގެ ޑިޕާޓްމަންޓުތައް ހިމެނޭ ކޮމާންޑެވެ.

comment ކޮމެންޓް