އިސްތިއުފާ ނުދެއްވުމުން މިނިސްޓަރު އަލީ ވަހީދު ވަކިކޮށްފި

މާޗް 8، 2020: ކޮވިޑ 19 އާ ބެހޭގޮތުން ޓުއަރިޒަމް މިނިސްޓްރީ އިސްބޭފުޅުންނާއިއެކު ރައީސް އޮފީހުގައި ބޭއްވި ޕްރެސްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިސްތިއުފާ ނުދެއްވުމުން ޓޫރިޒަމް މިނިސްޓަރުކަމުން އަލީ ވަހީދު ރައީސް ސޯލިހު މިއަދު ވަކި ކުރައްވައިފި އެވެ.

އަހްލާގީ މައްސަލަތަކާ ގުޅިގެން އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންގެވީ ރޭގައެވެ. ނަމަވެސް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ދެންމެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު، ޓޫރިޒަމް މިނިސްޓަރުގެ މަގާމުން އަލީ ވަހީދު މިއަދު ވަކިކުރައްވާފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓަރީ ވަގުތީގޮތުން ހިންގުން މިއަދުން ފެށިގެން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ހޫދު ވިދާޅުވި އެވެ.

ހޫދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައިވާ ކަމަށެވެ.

އަލީ ވަހީދާ ގުޅިގެން ހުށަހަޅާފައިވަނީ ކޮން ޝަކުވާއެއް ކަމެއް ހޫދު ހާމައެއް ނުކުރައްވަ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ރައީސް އޮފީހަށް ޝަކުވާ ހުށަހެޅީ އެ މިނިސްޓްރީތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ހިނގައިގެންނެވެ.

އަދި ރައީސް ސޯލިހު އެ ކުއްލި ނިންމެވުން ނިންމެވީ، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް އަލީ ވަހީދުގެ މައްޗަށް ކުރި ސީރިއަސް ތުހުމަތުތަކެއްގެ އަޑު ހުދު ރައީސް އެ މުވައްޒަފުންގެ ފަރާތުން އެއްސެވުމަށް ފަހު އެވެ.

"ސަން"އާ ވާހަކަ ދެއްކި މިނިސްޓްރީގެ ބައެއް މުވައްޒަފުން ބުނީ، އަލީ ވަހީދު މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މިދިޔަ ފުރަބަންދުގެ ތެރޭގައި އެކަންކަން ހައްދުން ނެއްޓި ކަމަށް މުވައްޒަފަކު ބުންޏެވެ. އެންމެ ފަހުން އެ ގޯނާތަކަށް ކެތް ނުވެ، މުވައްޒަފުން ނިންމީ އެ ވާހަކަތައް ރައީސްއާ ހަމައަށް ގެންދާށެވެ.

"އަލީ ވަހީދު ވަނީ މިނިސްޓްރީގެ ގިނަ މުވައްޒަފުންނަށް ޖިންސީ ގޯނާއާއި ފުރައްސާރަކޮށްފައި،" ނަން ނުޖަހާ ގޮތަށް ވާހަކަ ދެއްކި މިނިސްޓްރީގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ، މިނިސްޓްރުގެ ދަތުރުތަކުގައި އަންހެން މުވައްޒަފުން ބައިވެރިކުރުވާ ރިސޯޓުތަކަށް ގެންސްގޮސް ވެސް އަލީ ވަހީދު ތަކުރާރުކޮށް މުވައްޒަފުންނަށް ޖިންސީ ގޯނާ އާއި ފުރައްސާރަ ކުރާ ކަމަށެވެ.

"ވަރަށް ފަހުން ދިޔަ ދަތުރެއްގައި އަލީ ވަހީދު އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާ ކުރަން މަސައްކަތް ކުރި. އެދުވަހު އޭނާ އެ ރިސޯޓުގެ ވޯޓާ ވިލާއަކުން ފުންމާލި މޫދަށް،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ، އެ މުއްވަޒަފަކީ ފަތަންވެސް ނޭނގޭ މުވައްޒަފެއް ކަމަށާއި އެހެން ނަމަވެސް، އަލީ ވަހީދުގެ ޖިންސީ ގޯނާއިން ސަލާމަތްވުމަށް އިތުރުގޮތެއް ނެތުމުން މަރުވުންވެސް ހެޔޮކަމަށް ބަލާ ވޯޓާ ވިލާއިން މޫދަށް ފުއްމާލީ ކަމަށް މިއަދު އެއް މުވައްޒަފަކު ރައީސްއަށް ދެންނެވި އެވެ.

"މި ވާހަކަތައް ކިޔައި ދިނުމުން ރައީސަށް އިނީ ރޮވިފައި. ބުނާނެ އެއްޗެއްވެސް ނޭނގިފައި،" ބައްދަލުވުމަށް ދިޔަ މުވައްޒަފަކު ބުންޏެވެ.

މިނިސްޓްރީގެ އެހެން މުވައްޒަފަކު ބުނިގޮތުގައި މިފަހުން މާގިރި ހޮޓެލްގައި ބޭއްވި "ޕާޓީއެއްގައި"ވެސް އަލީ ވަހީދު ވަނީ އެފަދަ ކަމެއް ހިންގާފަ އެވެ. ބައެއް މުވައްޒަފުންނާ ރުހުމުގައި ވެސް އަދި ނުރުހުމުގައިވެސް މި އަމަލުތައް އޭނާ ހިންގާކަމަށް މިނިސްޓްރީގެ އެތައް މުވައްޒަފަކު މިރޭ ސަންއަށް ބުންޏެވެ.

"ބައެއް ފަހަރު މުވައްޒަފުންގެ ގަޔަށް އަތްލާ ހިސާބަށްވެސް ދޭ. ނޫނީ، ކޮންމެވެސް ކަހަކަ ހަޑި ވާހަކައެއް ދައްކާނެ. މެސެޖްވެސް ކުރޭ،" އޭނާ ބުންޏެވެ.

މި ތުހުމަތުތަކާ ގުޅިގެން އަލީ ވަހީދަށް ތަކުރާރުކޮށް ގުޅައި މެސެޖް ކުރުމުންވެސް އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ރޭ އަލީ ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ތެދުވެރިކަމާއެކު ގައުމަށް ހިދުމަތް ކުރުމަށް ފުރުސަތު ލިބުނީތީ ފަހުރުވެރިވާ ކަމަށެވެ. އަދި ވަގުތު ޖެހުމުން ހަގީގަތް ހާމަ ވާނެ ކަމަށް ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.

ނަމަވެސް އޭނާއަށް ކުރެވޭ ތުހުމަތުތަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅެއް ނުވެ އެވެ. އަދި އިސްތިއުފާ ދެއްވާފައެއް ވެސް ނުވެއެވެ.

ޖިންސީ ގޯނާއާއި ފުރައްސާރައިގެ ބޮޑެތި ތުހުމަތުތަކަކާއެކު އަލީ ވަހީދު މަގާމުން ވަކިކުރިއިރު، މިއަހަރު ކުރީކޮޅު އަލީ ވަހީދު ކަމަށް ބެލެވޭ މީހެއްގެ ފޯނުކޯލް ރިކޯޑިން އެއް ވަނީ ލީކްވެފަ އެވެ. އެ އޯޑިއޯގައި އަލީ ވަހީދު ކަމަށް ބެލެވޭ މީހަކު ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާާއާ ވާހަކަ ދައްކާ އަޑު އިވެ އެވެ.

އެ އޯޑިއޯގައި އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވާހަކަ މިނިސްޓަރު ނަހުލާއާ އަލީ ވަހީދު ދައްކަވަ އެވެ. އެކަމާ ގުޅިގެން އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް އޭރު އާންމުން ގޮވާލި އެވެ. އަދި އެ މައްސަލަ ވަރަށް ހޫނުވެ، ސަރުކާރަށް ފާޑުކިޔުން އަމާޒުވި އެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި މިނިސްޓަރު ރައީސް އޮފީހަށް ހާޒިރުކޮށް ވަނީ ނަސޭހަތް ދީފަ އެވެ. އަދި އެފަދަ ކަމެއް ތަކުރާރު ވެއްޖެ ނަމަ، ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވާކަން އެނގިފައިވެ އެވެ.

comment ކޮމެންޓް