ޖިންސީ އަނިޔާގައި އެތައް ދުވަހެއް، މަންމަގެ ހިމާޔަތެއް ނުލިބުނު

ޖޫން 29، 2020: ރޭޕްއާއި ޖިންސީ އަނިޔާއާ ދެކޮޅަށް މާލޭގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކ. މާފުށީގައި ދޮންބައްޕައަކު 10 އަހަރުގެ ދޮން ދަރިއަކަށް ޖިންސީ ގޯނާ ކުރިކަން ހާމަވުމުން ގިނަ ބަޔަކަށް ސިހުން ލިބުނެވެ. އެކަން ފަޅާ އެރީ އެ ކުއްޖާގެ ޔުރިނަރީ ޓްރެކްޓްގެ އިންފެކްޝަނެއް ޖެހިގެން ޑޮކްޓަރަށް ދެއްކުމުންނެވެ. އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައީވެސް އެ ކުއްޖާ ބެލި ޑޮކްޓަރުކަމަށްވެ އެވެ.

މި މައްސަލައިގައި އަނިޔާ ލިބުނު ކުއްޖާއަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ ކ. މާފުށީ، ހެޕީޕާކް ނާޒިމް އިބްރާހިމް އަކީ މީގެ ކުރިން ހަތް ކައިވެނިކޮށްފައިވާ މީހެކެވެ. އޭނާ އަކީ އަމިއްލަ ދަރި އާއި، ކުރީގެ އަނތްބެއްގެ ދައްތަގެ ދަރިންނަށް ވެސް ޖިންސީ ގޯނާކުރުމުގެ ތުހުމަތުވެސް ކުރެވޭ މީހެކެވެ. މިހާރު އޭނާއަށް ތުހުމަތުކުރެވޭ މައްސަލައިގައި އޭނާ ހައްޔަރުކޮށްފައިވާއިރު އޭނާގެ އަމަލުތައް ފޮރުވިކަމުގެ ތުހުމަތު އޭނާގެ މިހާރުގެ އަނބިމީހާ އަދި އަނިޔާ ލިބުނު ކުއްޖާގެ މަންމައަށް ކުރެވެ އެވެ.

މި މައްސަލަ ރަނގަޅަށް ދަންނަ އެ އާއިލާގެ މީހަކު "ސަން"އަށް ކިޔައިދިން ގޮތުގައި އަނިޔާ ލިބުނު ކުއްޖާއަށް ވަނީ ދޮން ބައްޕަ ނާޒިމް އިބްރާހިމްގެ ފަރާތުން އެކި ދުވަސްމަތިން ބޮޑެތި ޖިންސީ އަނިޔާތަކެއް ލިބިފަ އެވެ. ރަށުގެ އިތުރު މީހަކު ބުނިގޮތުގައި މި މައްސަލަ މިގޮތަށް ކުރިމަތިވާތާ ހަތަރު ވަރަކަށް އަހަރު ވެދާނެ އެވެ.

"އާއިލާ ތެރޭގައި ކިޔާނެ އެ ކުއްޖާގެ މަންމަ ކައްކަން ހުންނަ ވަގުތު އެ ކުއްޖާ ގޮވައިގެން ދޮން ބައްޕަ ކޮޓަރީގައި ތަޅުލައިގެން އޮންނަ ކަހަލަ ވާހަކަ،" އާއިލާއިން ވާހަކަދެއްކި މީހާ ސަން އަށް ކިޔައިދިނެވެ.

ކުއްޖާއަށް ހުންނަނީ އަނިޔާކޮށް ބިރުދައްކާފައި

އެ މީހާ ތުހުމަތުކުރާ ގޮތުގައި ކުއްޖާއަށް ޖިންސީ ގޯނާ ލިބުނުކަން ރަށުގެ ސްކޫލަށްވެސް ވަނީ ފާހަގަކުރެވިފަ އެވެ. އެހެންނަމަވެސް އެ ވާހަކަ މަން މައާއި ހިއްސާކުރުމުން މާ ބޮޑު ނަތީޖާއެއް އައިސްފައި ނުވާ ކަމަށް އާއިލާގެ މެންބަރު ބުންޏެވެ. އަދި އެ ކުއްޖާވެސް ބިރުން މަންމައާއި ދޮންބައްޕަ ކަމެއްް ނުކުރާކަމަށް ބުނާކަމަށް "ސަން" އާއި ވާހަކަދެއްކި މީހާ ބުންޏެވެ.

"ދެން ސްކޫލުންވެސް ވާހަކަދެއްކި ޕޭރެންޓުންނާއި. މައްްސަލަ ޖެންޑާ ފަދަ ތަންތަނަށް ހުށަހެޅީމަ ގިނަ ފަހަރަށް ކުއްޖާއަށް ބިރު ދައްކައިގެން ނުވަތަ އަނިޔާ ކުރަނީ. އޭރުން ޖެންޑާ މީހުން އައިމަ އެ ކުއްޖާ ބިރުން އެބަ ބުނޭ މަންމަ ރަނގަޅޭ ބައްޕަ ރަނގަޅޭ. ދެން މައްސަލަވެސް ނުބެލޭނެއެއްނު؟ ސާބިތެއް ނުވާނެތާ." މި މައްސަލަ ރަނގަޅަށް ދަންނަ އެ ރަށު މީހަކު "ސަން" އަށް ކިޔައިދިނެވެ.

"ޝައްކު ކުރިނަމަވެސް ނުކެރޭ އަހާލާކަށް އެހެން އެ ކުއްޖާ ކައިރީގައި. ކުއްޖާ ކައިރީގައި އަހާލައިފިއްޔާ ކުއްޖާ ގޮއްސަ ބުނެފާނެ، އެ ކުއްޖާ އަކީ ވަރަށް އެހެން ކަހަލަ ކުއްޖެއް. ދެން މަސްލަހަތު ގޯސްވެދާނެތާ އެހެންވިއްޔާ. އެހެންވެގެން އަހާލަން ނުކެރެނީ. އެކަމަކު އަބަދުވެސް ގަބޫލުކުރެވޭ ބެހިފާނެކަމަށް."

ކ. މާފުށި ސިއްހީ މަރުކަޒް.

އެ ގޮތަށް ގަބޫލުކުރެވެނީ ކީއްވެގެންތޯ ސުވާލުކުރުމުން އެމީހާ ބުނީ، އެ އާއިލާގެ އެހެން ކުދިންވެސް ނާޒިމް އިބްރާހިމްގެ ފަރާތުން ޖިންސީ އަނިޔާ ލިބިފައިވާކަމަށް ބުނާކަމަށެވެ.

"އެ އާއިލާގެ އެހެން ދެ ކުއްޖަކަށްވެސް އެބަ ހުރި ވަރަށް ކުޑަ އިރު އެކަހަލަ ކަންކަން ދިމާވެފައި. އޭނާ ކުރިން އިނދެގެން އުޅުނު މީހުން އެކުދިންނަށް ކިޔައިދީފަވެސް އެބަ ހުރި. އެކަމަކު އެކުދިން ވަރަށް ކުޑައިރު ވީމަ ހަދާނެއް ނުހުންނާނެތާ،" އެ ރަށު މީހަކު ސަންއަށް ބުންޏެވެ.

"އޭނާގެ ކުރީގެ އަންބަކަށް އެފަދަ މަންޒަރުތަކެއް ހަމަ ލޮލަށް ފެނުނުކަމަށް ވަނީ ދެން އެކަމާ ހިތްހަމަ ނުޖެހިގެން އަންހެންމީހާ ވަރިވާން އުޅުނީމަ ވަރަށް އަނިޔާކުރި، ގާތްގަނޑަކަށް އޭގެ ހަތަރު އަހަރު ފަހުން އެމީހާއަށް ވަރިވެވުނީވެސް. ވަރިވި ގޮތަށް އެމީހާ ރަށުން ބަދަލުވީ."

ގޯނާކުރި ވާހަކަ ބުނުމުންވެސް މަންމަ ދިފާއުކުރީ ދޮންބައްޕަ

އާއިލާއިން ވާހަކަ ދެއްކި އެހެން މީހަކު ބުނިގޮތުގައި އަނިޔާ ލިބުނު 10 އަހަރުގެ ކުއްޖާ އެ ކުއްޖާގެ މަންމަ އާއި، މާމަ އަދި ދައްތަމެން ކައިރީގައިވެސް އެ ވާހަކަތައް ކިޔައިދިނެވެ. އެކަމަކުވެސް އެކަކުވެސް އޭނާއަށް އެހީތެރިނުވުމުން އެންމެ ފަހުން ކެޑޭޓްގައި އުޅޭ މީހަކަށް ފޯނުން ވަގަށް ގުޅައިގެން ކިޔައިދިނީ އެވެ.

"ކުއްޖާ ކިޔައިދޭނެ މީހެއް ނުލިބިގެން. ކެޑޭޓް ސޯ އަކަށް ގުޅީ. ބައްޕަ އާއި މަންމަ އާއި ބޭރަށް ދިޔަ ގަޑީގައި ފޯނު އޮތީމައި، ގުޅާފަ ބުނަނީ މިހެން މިހެން ވެގެންނޭ މިއުޅެނީ ތިމަންނަ ސަލާމަތް ކޮށްދޭށޭ. ބުނީމަ އެ މީހާ ބުނީ މިހާރަކު ދެވޭކަށް ނެތޭ އެކަމަކު ހެނދުނު ދާނަމޭ، ކެތްކުރާށޭ،" ސަންއާ ވާހަކަދެއްކި މީހާ ބުންޏެވެ.

އެމީހާ ކުއްޖާ ކައިރީގައި ކޮންމެވެސް ގޮތަކުން ޑޮކްޓަރަށް ދައްކަން ބުނިކަމަށް އާއިލާއިން ވާހަކަދެއްކި މީހާ ބުންޏެވެ. ކުއްޖާ ޑޮކްޓަރަށް ގެންދިޔައީ ކުޑަކަމުނުދާން އުނދަގޫތަކެއް ވާތީ އެވެ. އަދި ޖިންސީ ގޯނާއަށް ޑޮކްޓަރަށް ޝައްކުވެ ސުވާލުކުރުމުން ކުއްޖާ ބުނީ ބައްޕަ "އަތްލައި" ހަދާކަމަށެވެ. މިތަނުންވެސް ކުއްޖާގެ މަންމަ ނުކުތީ އޭނާގެ ފިރިމީހާގެ ދިފާއުގައިކަމަށް އެމީހާ ކިޔައިދިނެވެ.

"އެކަމަކު އެތަނުންވެސް ކުއްޖާ މަންމަ ބުނިކަމަށް ވަނީ އެ ކުއްޖާ އަކީ މޮޔަ ކުއްޖެކޯ ގަބޫލުކުރާކަށް ނުވާނެއޯ. ކިޔާފަ ހޮސްޕިޓަލުގައި އަޑުގަދަކޮށް އަމިއްލައަށް ބޭސް ނަގައިގެން އައީ." އެމީހާ ކިޔައިދިނެވެ.

ފަހުން އެ ކުއްޖާ އާއި ސުވާލުކުރުމުން އެ ދުވަހު އެ ކުއްޖާ ގޮވައިގެން އޭނާގެ މަންމަ އާއި ދޮންބައްޕަ ކުއްޖާ ފިހާރައަށް ގެންގޮސް 900 ރުފިޔާގެ އެއްޗިހި ގަނެދިންކަމަށް އެ ކުއްޖާ ކިޔައިދިންކަމަށް އެމީހާ ބުންޏެވެ.

"މަންމައަށް އިނގޭތީވެތާ އެހެން ހަދާނީ، އެކުއްޖާއަށް އެހެރީ ވަރަށް އަނިޔާ ލިބިފައި، އިސްތަށިގަނޑު ކޮށާލާ، ތަޅާ އަނިޔާކޮށް. މަންމަ ހުރެގެން ތަޅާކަމަށް ކުއްޖާ ބުނަނީ، އެކަމު މަންމަ ހުރެގެން ނުއެއް ބެހެޔޯ. [އަނިޔާކުރާއިރު] އަޑެއް ނީވެޔޯ މަންމައަށް ކިތަންމެ ވަރަކަށް ރުޔަސް. ދެން ގޭގައި އިތުރު ބަޔަކު ނޫޅެންޏާ ނޭނގޭނެދޯ. އެކަމަކު ހަމަ ދަންވަރު ގަޑީގައި އިވޭނެ ކުއްޖާ ރޯ އަޑު ބައްޕާއޭ ތަދުވެއޭ ތިހެން ނަހަދާށޭ ކިޔާފައި." އެމީހާ ބުންޏެވެ.

އެމީހާ ބުނި ގޮތުގައި އެ ކުއްޖާގެ މަންމަ އަދިވެސް އެފަދަ ކަމެއް ދޮން ބައްޕަ ކޮށްފަނެކަމަށް ގަބޫލެއް ނުކުރެ އެވެ. ދަރިފުޅަށް އެހާ ނުބައި ގޮތެއް ހެދުމުންވެސް އެ ކުއްޖާ މަންމަ ގުޅާފައި އޭނާއަށް މާފުކޮށްފީމޯ ބުނިކަމަށް އެމީހާ ކިޔައިދިނެވެ.

"ދިފާއުކުރަނީ މުދަލުގެ ދަހިވެތިކަމުގައި"

ނާޒިމް އިބްރާހިމް އަކީ މާފުށީގައި ދެ ބިން އޮންނަ މީހެކެވެ. އެތަނުން އެއް ބިމަކީ ގެސްޓްހައުސްއަކަށް ކުއްޔަށް ދީފައި އޮންނަ ބިމެކެވެ. ލޯކަލް ޓޫރިޒަމް އިންތިހާޔަށް ކުރިއަރާފައިވާ މި ޒަމާނުގައި މާފުށީގެ ބިމަކީ ރަން ގަނޑެކެވެ. އެ ބިމުން ނާޒިމްއަށް ކުލީގެ ގޮތުގައި ބޮޑު ފައިދާއެއް ލިބެ އެވެ. އާއިލާއިން ވާހަކަދެއްކި މީހަކު ބުނިގޮތުގައި ނާޒިމްގެ އަންހެނުން އެވަރަށް އޭނާ ދިފާއުކުރަނީ އެހެންވެ އެވެ.

ކުއްޖާގެ ދޮން ބައްޕަގެ ދެން އޮންނަ ބިމުން ދެ ބައި ކުޅަ އެއްބައި ކުއްޖާގެ މަންމައަށް ދޭން މި އަހަރު ތެރޭ މަސައްކަތްކުރިކަމަށް ބުނަމުން އެމީހާ ބުނީ އޭނާގެ ހުރި އަންހެން ދަރި އެކަމަށް އެއްބަސްނުވާނަމަ ވަލީ ނުދޭނެކަމަށް ބުނެ ބިރުދެއްކިކަމަށެވެ.

"މީހުންނާއި އެހާ ނުއެއް ގުޅޭނެ. ދެން ވަރަށް އެކަނި އުޅޭނީ. ކުއްޖާވެސް ވަރަށް ފޮރުވައިގެން އުޅޭނީ. އޭނާގެ ހުންނާނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް. އެ އަންހެން ކުއްޖާއާވެސް ވަރަށް ކުޑަ އިރު ބެހުނުކަމަށް ތުހުމަތުވެ މައްސަލަ ޖެންޑާއަށް ލައިގެން ބަލަންވެސް ބެލި،" އާއިލާއިން ވާހަކަދެއްކި މީހާ ކިޔައިދިނެވެ.

މިއީ އެ ރަށަށް އާ ވާހަކަތަކެއް ނޫންކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި މި މައްސަލަތައް ފަސް އަޅުވާ ފޮރުވާފައި ވަނީ އަނިޔާ ލިބުނު ކުދިންނަށް ފައިސާ ދީގެންނެވެ. ރަނގަޅަށް ކޮނެފިނަމަ އެފަދަ އެތައް މައްސަލައެއް ފެންމަތިވާނެ ކަމަށް އޭނާ ކިޔައިދިނެވެ.

comment ކޮމެންޓް