ތިމަރަފުށީ ގެއެއްގައި އަލިފާން ރޯކޮށްލީ ބަޔަކު ގަސްދުގައި ކަމަށް ބެލެވޭ: ފުލުހުން

ތިމަރަފުށީ ގެއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

ތިމަރަފުށީ މީހުން ދިރިއުޅޭ ސަރަހައްދާއި އެކަހެރިކޮށް ހުރި ތާއާގޭގައި ރޭ ރޯވި އަލިފާންގަނޑަކީ ބަޔަކު ގަސްތުގައި ކޮށްފައިވާ ކަމެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް އެރަށު ކައުންސިލުގެ އިދާރާއިން ވެސް ވަނީ ބުނެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރޭ ތިމަރަފުށީގެ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭނެ ހެކިތައް ތަހުގީގަށް ލިބިފައިވާ ކަމަށާއި ނަމަވެސް ތަހްގީގް އަދި ކުރިއަށްދާތީ އެކަންތައް މުޅިން ޔަގީން ނުކުރެވޭ ކަމަށެވެ. އަދި އެމައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

" އަލިފާނުގެ ހާދިސާ ހިނގީ ބަޔަކު ގަސްދުގައި ކޮށްފައިވާ ކަމެއްގެ ސަބަބުން ކަމަށް ތުހުމަތުކުރެވޭ، އެއީ އެގޭގެ ތެރެއަށް ބަޔަކު ވަންނަން މަސައްކަތްކޮށްފައި ހުރި ކަން އެބަހުރި އެނގެން،" އޮފިޝަލް ވިދާޅުވި އެވެ.
ތާއާގޭގައި ރޭ ރޯވި އަލިފާންގަނޑު ނިއްވާލާފައިވަނީ ރޯވިތާ ގަޑިއެއްހާއިރު ތެރޭގަ އެވެ. އޭރު ގޭގައި ހިނގާ ގެންގުޅޭ ހުރިހާއެއްޗަކާއި ސާމާނުތަކެއް އެއްކޮށް ވަނީ އަނދާ ހުލިވެފަ އެވެ.

ފުލުހުން ބުނީ އަލިފާނުގެ ހާދިސާ ހިނގި އެގެއަކީ ގެއެއްގެ އެއް ބައި ކަމަށާއި އެބައި ހަދާފައި ވަނީ ކުއްޔަށްދޭ ގޮތަށް ވަކިން ކަމަށެވެ. އަދި އޭހާދިސާގެ ސަބަބުން ލިބިފައިވާ ގެއްލުން އިނގޭނީ ތަހުގީގު ނިމުމުން ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ އެބައި ހުހަށް ހުއްޓާ ކަމަށާއި އެހާދިސާ ހިނގާފައިވާ ގޮތަށް ބަލާއިރު އެކަންތައް ކޮށްފައިވަނީ ބަޔަކު އެގޭ ތެރެއަށް ވަގަށް ވަދެ ކަމަށް ބެލެވޭ ކަމަށް ތިމަރަފުށީ ރަށު ކައުންސިލުން ވެސް ވަނީ ބުނެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު