މެމްބަރަކު އަވަހާރަކޮށްލުމުގެ ވާހަކަވެސް މަޖިލީހުގައި ދެއްކޭނެ: މަޖިލިސް ރައީސް

--- ފޮޓޯ/ މަޖިލިސް

ރައްޔިތުންްގެ މަޖިލީހުގައި ގަރާރަކުން ނުދެކޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ ވާހަކަ އެކަނި ކަމަށާއި، މަޖިލީހުގެ މެމްބަރަކު އަވަހާރަކޮށްލާ ވާހަކަ ވެސް މަޖިލީހުގައި ދެއްކޭނެ ކަމަށް، މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލިސް ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ ސިޓީ ކައުންސިލުތަކާއި އަތޮޅު އަދި ރަށު ކައުންސިލުތަކުގެ އިތުރުން ލޯކަލް ގަވަމެމެންޓް އޮތޯރިޓީ (އެލްޖީއޭ) އުވާލުމަށް ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ގަރާރާ ގުޅިގެން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވުމާ ގުޅިގެންނެވެ.

ހޮޅުދޫ ދާއިރާގެ މެމްބަރު ޔޫނުސް އަލީ ވިދާޅުވީ ކައުންސިލްތައް އުވާލަން ހުށަހަޅާ ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު ގަރާރެއް ކަމަށާއި އެހެންކަމުން މަޖިލީހަށް އެ ގަރާރު ބަލައިނުގަނެވޭނެ ކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވެސް ވިދާޅުވީ ކާށިދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާ ގަރާރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު ގަރާރެއް ކަމަށާއި އެ ގަރާރު މަޖިލީހަށް ހުށަނޭޅޭނެ ކަމަށެވެ.

އެ ދެ މެމްބަރުންގެ ވާހަކައަށް ރައްދު ދެއްވައި މަޖިލިސް ރައީސް ވިދާޅުވީ ގާނޫނުއަސާސީގައި މަޖިލީހުގައި ނުދެއްކޭނެ ވާހަކައެއް ކަމަށް ބުނެފައި ވަނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަ އެކަނި ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މެމްބަރުންނަށް އެކަމަކާ އެއްބަސް ނުވެވޭ ކޮންމެ ކަމަކީ ގާނޫނުއަސާސީއާ ހިލާފު ކަމަކަށް ނުހެދޭނެ ކަމަށެވެ. އަދި މަޖިލީހަށް އެޖެންޑާ ނުކުރެވޭނެ ކަމަކަށް ވެސް ނުހެދޭނެ ކަމަށް އީވާ ވިދާޅުވިއެވެ.

"ގާނޫނުއަސާސީގައި އޮންނާނީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާހާ ހިނދަކު، ދެން އޮންނަނީ ލާމަރުކަޒީ ނިޒާމުން ދިވެހިރާއްޖެ ހިންގާ ވާހަކަ. ގާނޫނު އަސާސީގައި އޮންނަނީ އެލްޖީއޭގެ ވާހަކަތަކާ ކައުންސިލްތަކުގެ ވާހަކައެއް ނޫން. އެއީ އަޅުގަނޑުމެން ގާނޫނުން ގެނައި ތަފްސީލުތަކެއް،" އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ޖާބިރުގެ ގަރާރު ގާނޫނުއަސާސީއާ ހިލާފުވާ ކަމަކަށް ގަބޫލުނުކުރައްވާ ކަމަށެވެ.

މެމްބަރުންގެ ވާހަކަތަކާ ގުޅިގެން މަޖިލިސް ރައީސް ވިދާޅުވީ މެމްބަރު ގަރާރު ހުށަހެޅުއްވި ދުވަހުން ފެށިގެން ގަރާރުގައި ހުރި ވާހަކަތައް ފެނިވަޑައިގެންނެވި ކަމަށެވެ.

އަދި މެމްބަރުން ފާޅުކުރެއްވި ކަންބޮޑުވުންތަކާ ގުޅޭ ސުވާލުތައް އެމަނިކުފާނުގެ ހިތްޕުޅަށް ވެސް އަރާވަޑައިގެންނެވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

"އެއާ ވިދިގެން އަޅުގަނޑުގެ ހިތަށް ވަން ސުވާލަކީ ގާނޫނުއަސާސީ އުވާލުމުމުގެ ވާހަކަވެސް މި މަޖިލީހުގައި ދެއްކޭނޭ. ގަރާރަކުން. މި މަޖިލީހުގައި ގަރާރަކުން ނުދެއްކޭނެ ހަމައެކަނި ވާހަކައަކީ އިސްލާމްދީނުގެ އަސްލަކާ ހިލާފު ވާހަކަ. މި މަޖިލީހުގައި ގަރާރަކުން އަޅުގަނޑުމެންނަށް ދެއްކިދާނެ އިއްޒަތްތެރި މެމްބަރަކު އަވަހާރަކޮށްލުމުގެ ވާހަކަވެސް،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މަޖިލިސް ރައީސްގެ ވާހަކަފުޅު ނިންމަވާލީ މައްސަލަ މަޖިލީހަށް ބަލައިގަތުމާ ނުގަތުން އޮތީ މެމްބަރުންގެ އަތްމަތީގައިކަން ފާހަގަކުރައްވަމުންނެވެ.

comment ކޮމެންޓް