ސީއެސްސީ ޗެލެންޖް ކަޕް: 50-50 ބަލިކޮށް ބީއެމްޔޫއިން ތަށި އުފުލާލައިފި

ސީއެސްސީ ޗެލެންޖް ކަޕުގެ ފައިނަލް މެޗުގެ ތެރެއިން: 50-50 ބަލިކޮށް ބީއެމްޔޫއިން އެ މެޗު ކާމިޔާބު ކުރީ ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެން --- ފޮޓޯ/ މުހައްމަދު ތަހުލީލް: ކޮމެޓްސް

ނ. ކެނދިކުޅުދޫ ޒުވާނުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކުރުމުގެ ގޮތުން އެރަށު ކޮމެޓްސް ސްޕޯޓްސް ކްލަބުން އިންތިޒާމް ކޮށްގެން ބޭއްވި ފުޓްސަލް މުބާރާތުގެ ފައިނަލުގައި 50-50 ބަލިކޮށް ބޮޑު މަގު ޔުނައިޓެޑް (ބީއެމްޔޫ) އިން ޗެމްޕިއަންކަން ހޯދައިފި އެވެ.

ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައި ރޭ ކުޅުނު ވާދަވެރި ފައިނަލް މެޗުން ބީއެމްޔޫ މޮޅުވީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން ޖެހި ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. މިއީ ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ބީއެމްޔޫއިން ވާދަ ކުރަން ފެށި ފަހުން އެ ޓީމު މިހާތަނަށް ހޯދި އެންމެ ފުރަތަމަ ތަށްޓެވެ.

ސީއެސްސީ ފުޓްސަލް ޗެލެންޖުގެ ނަމުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު ފެށި މި މުބާރާތުގައި ޖުމުލަ އަށް ޓީމު ވާދަކޮށްފައިވާ އިރު ކޮންމެ ރެޔަކު ވެސް ވަނީ ދެ މެޗު ކުޅެފަ އެވެ. މި މުބާރާތަކީ ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ގިނަ ޒުވާނުންތަކެއް ތިބެން ޖެހުމާއެކު އަލުން އަނބުރާ ކުޅިވަރުގެ ފޯރި ގެނައުމަށާއި، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާ ކުރުމުގެ ގޮތުން ބޭއްވި މުބާރާތެކެވެ.

ސީއެސްސީ ޗެލެންޖް ކަޕުގެ ފައިނަލް މެޗުގެ ތެރެއިން: 50-50 ބަލިކޮށް ބީއެމްޔޫއިން އެ މެޗު ކާމިޔާބު ކުރީ ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެން --- ފޮޓޯ/ މުހައްމަދު ތަހުލީލް، ކޮމެޓްސް

ކޮރޯނާ ވައިރަހުގެ ކޮމިއުނިޓީ ސްޕްރެޑަކާ ގުޅިގެން ކުރިން މޮނީޓަރިންގް ހާލަތަށް ގެނެވިފައި އޮތް ކެނދިކުޅުދޫއަކީ މީގެ ކުރިން ކޮންމެ އަހަރެއްގެ ރަމަޟާން މަހަށް އަމާޒުކޮށްގެން މުބާރާތް ބާއްވާ ރަށެކެވެ. އެކަމަކު މިއަހަރު އެ މުބާރާތްވެސް ކެންސަލްކުރަން ޖެހުމާއެކު ރަށުގައި ގާއިމުވެތިބި ގިނަ ޒުވާނުން ތިބީ މުބާރާތެއްގެ އިންތިޒާރުގައި ކަމަށް ކޮމެޓްސް ސްޕޯޓްސް ކުލަބުން ވަނީ ބުނެފަ އެވެ.

ގައުމީ ފެންވަރުގެ ނަން މަޝްހޫރު ކުޅުންތެރިން ވެސް ކުޅުނު މި މުބާރާތުގެ ފައިނަލް ރޭ ކުޅުނު އިރު ޗެމްޕިއަންކަން ހޯދި ބީއެމްޔޫ ފައިނަލަށް ދަތުރު ކުރީ ސެމީ ފައިނަލުގައި ވިންޑް ވޯރިއާސް އަތުން ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ. ރަނަަރަޕްކަން ހޯދި 50-50 ފައިނަލަށް ދަތުުރު ކުރީ އެފްސީ މަޅި އަތުން 1-0 އިން ސެމީގައި ކުރި ހޯދައިގެންނެވެ.

ރޭގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހުނަރުވެރި ކުޅުމެއް ފެނިގެން ދިޔަ އިރު ފުރަތަމަ ހާފުގެ ކުރީކޮޅު ބީއެމްޔޫއަށް ލީޑު ނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަލީ ޝަމާލް ދިން ބޯޅައަކުން އިބްރާހިމް ތަހުސީން (ތާޑޭ) އެވެ. ތާޑޭގެ ގޯލަށްފަހު އިދިކޮޅު 50-50 އިން ގޯލެއް ޖެހުމަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ދަނިކޮށެވެ. ސޮފްވަތު އަހުމަދު ނަގައިދިން ކޯނަރަކުން އެ ބޯޅަ ގޯލަށް ފޮނުވާލީ ވަޖީހް އަހުމަދު އެވެ.

ސީއެސްސީ ޗެލެންޖް ކަޕުގެ ފައިނަލް މެޗުގެ ތެރެއިން: 50-50 ބަލިކޮށް ބީއެމްޔޫއިން އެ މެޗު ކާމިޔާބު ކުރީ ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެން --- ފޮޓޯ/ މުހައްމަދު ތަހުލީލް، ކޮމެޓްސް

ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު އެ މެޗުގައި ދެ ޓީމުގެ ކީޕަރުންގެ ފަރާތުން ވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފަ އެވެ. އެގޮތުން ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ބީއެމްޔޫގެ ކީޕަރު އަންވަރު އަލީ ވަނީ ނަތީޖާ ނެރުމަށް ޖެހި ތިން ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ހިފަހައްޓައިފަ އެވެ. އިދިކޮޅު ޓީމުގެ ކީޕަރު އިސްމާއިލް ރާއިފް ވެސް އެއް ޕެނަލްޓީ ހިފެހެއްޓި އިރު އޭނާ ވަނީ މެޗުގެ ތެރޭގައި ގިނަ ސޭވްތަކެއް ވެސް ކޮށްފަ އެވެ.

ފައިނަލް މެޗަށް ފަހު މުބާރާތުގެ ޓޮޕް ފައިވް ވަނީ ހޮވައިފަ އެވެ. އެ މަގާމުތަކަށް ހޮވިފައި ވަނީ ބީއެމްޔޫގެ ތާޑޭއާއި ޓީސީ ސްޕޯޓްސް ކުލަބަށް ކުޅެމުން އަންނަ މުހައްމަދު އައްޒާމް އާއި 50-50 ގެ ކެޕްޓަން އިބްރާހިމް އަލީމް އަދި އެ ޓީމުގެ ކީޕަރު އިސްމާއިލް ރާއިފްގެ އިތުރުން ވިންޑް ވޯރިއާސްގެ އަބްދުލް ރަހުމާން އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައި ވަނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕުގެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި މީގެ ކުރިން ގިނަ ފަހަރުތަކެއްގައި ހިމެނުނު އައްޒާމް އެވެ.

ސީއެސްސީ ޗެލެންޖް ކަޕުގެ ފައިނަލް މެޗުގެ ތެރެއިން: 50-50 ބަލިކޮށް ބީއެމްޔޫއިން އެ މެޗު ކާމިޔާބު ކުރީ ޕެނަލްޓީގައި 2-1 އިން ކުރި ހޯދައިގެން --- ފޮޓޯ/ މުހައްމަދު ތަހުލީލް، ކޮމެޓްސް

ނ. އަތޮޅުގައި ވެސް ފާހަގަކޮށްލެވޭ ގިނަ ކުޅުންތެރިންތަކެއް ނިސްބަތްވާ ކެނދިކުޅުދޫއަކީ އެ އަތޮޅުގެ ރަށްރަށަށް ހުޅުވާލައިގެން 2018 ވަނަ އަހަރު ބޭއްވި ރާއްޖޭގެ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ ސިޔާމް-މައުރޫފް ކަޕުގެ ޗެމްޕިއަނުންނެވެ. ކެނދިކުޅުދޫއިން ވަނީ 2016 ވަނަ އަހަރު ބޭއްވި އެ މުބާރާތުގެ ރަނަރަޕްކަން ހޯދައިފަ އެވެ.

comment ކޮމެންޓް