ޑަބްލިޔުއެޗްއޯ ގެ މެންބަރުކަމުން އެމެރިކާ ވަކިވުމުގެ އިޖުރާއާތްތައް ފަށައިފި

ވޮޝިންޓަން (ޖުލައި 8): ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔޫއެޗްއޯ) ގެ މެންބަރުކަމުން އެމެރިކާ ވަކިވުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާގެ އިސް މަސްއޫލުވެރިއަކު ވިދާޅުވީ ޑަބްލިޔުއެޗްއޯ ގެ މެންބަރުކަމުން އެމެރިކާ ވަކިވުމަށްޓަކައި ނިންމަންޖެހޭ އިޖުރާއާތްތައް ނިންމުމުގެ މަސައްކަތް މިހާރު ފަށައިފި ކަމަށާ އެކަން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރެސް އަށް ދަންނަވާފައިވާނެ ކަމުގައެވެ. ޑަބްލިޔުއެޗްއޯ ގެ މެންބަރުކަމުން އެއްކޮށް ވަކިވުމަށް ދެހަފްތާއެއްހާ ދުވަސް ނަގާނެކަމަށްވެސް ނަންހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިޔާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރުގެ ކުރީކޮޅު ވަނީ ޑަބްލިޔުއެޗްއޯ އަކީ ޗައިނާގެ ނުފޫޒު ހިނގާ ޖަމްއިއްޔާއެއްކަމަށް ސިފަކުރައްވައި އެޖަމްއިއްޔާއިން ކޮވިޑް-19 އާބެހޭ މައުލޫމާތު ދުނިޔޭގެ ގައުމުތަކަށް ދިނުމުގައި ފަރުވާކުޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. އެއަށްފަހު ޑަބްލިޔުއެޗްއޯ އަށް ޗަންދާގެ ގޮތުގައި އެމެރިކާ ދޭ ފައިސާ ނުދޭނެކަން އިއުލާނު ކުރެއްވުމަށްފަހު ޓްރަމްޕްވަނީ އެޖަމްއިއްޔާގެ މެންބަރުކަމުން އެމެރިކާ ވަކިވުމަށް ނިންމިކަންވެސް އިއުލާން ކުރައްވާފައެވެ.

ޑަބްލިޔުއެޗްއޯ އިންވަނީ ކޮވިޑް-19 ގެ ވަބާ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް ގޮވާލާފައެވެ. އަދި ޑަބްލިޔުއެޗްއޯ އަށް އެއްވެސް ގައުމެއްގެ ނުފޫޒު ނުހިނގާނެކަމާއި އަދި ޑަބްލިޔުއެޗްއޯ އަށް ނުފޫޒު ފޯރުވައި ފިއްތުންތައް ކުރިމަތިކުރަން އެއްވެސް ފަރާތަކުން މަސައްކަތް ނުކުރުމަށްވެސް އެޖަމްއިއްޔާއިންވަނީ އެދިފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި ކޮވިޑް-19 ގެ ޝިކާރައަކަށް އެންމެ ބޮޑަށް ވެފައިވާ ގައުމަކީ އެމެރިކާއެވެ. ކޮވިޑް-19 އެމެރިކާގައި ކޮންޓްރޯލް ކުރަން ޓްރަމްޕްގެ ސަރުކާރު ނުކުޅެދިފައިވާއިރު އެމެރިކާގެ ތިން މިލިޔަނަށްވުރެ ގިނަ މީހުންނަށް އެ ރޯގާ ޖެހި އެއްލައްކަ ތިރީސް ހާހަށްވުރެ ގިނަ މީހުންވަނީ އެރޯގާގައި މަރުވެފައެވެ.

މިހާރު އެމެރިކާގައި ކޮވިޑް-19 ފެތުރޭ މިންވަރު ކުރިޔަށްވުރެވެސް މައްޗަށް ގޮސްފައިވީނަމަވެސް އެ ރޯގާ ކޮންޓްރޯލް ކުރުމުގައި ޓްރަމްޕްގެ ސަރުކާރު ވަނީ ނާކާމިޔާބުވެފައެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕާ ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑެންވަނީ އޭނާއަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ އެމެރިކާގެ ޑަބްލިޔުއެޗްއޯ ގެ މެންބަރުކަން އަލުން އިޢާދަކުރާނެކަމަށް ވިދާޅުވެފައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް