ޖީއެސްޓީ ބަޔާނަށް ބަދަލެއް ގެނެސްފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މުދަލާއި ހިދމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ހުށަހަޅަން ޖެހޭ ދެ ބަޔާނަކަށް ބަދަލު ގެނެސްފި އެވެ.

މީރާ އިން އާންމުކުރި ސާކިޔުލާއެއްގައި ބުނީ މީރާ 205 (ޓޫރިޒަމް ދާއިރާ ނޫން އެހެން ދާއިރާތަކުގެ ޖީއެސްޓީ ބަޔާން) އަދި މީރާ 206 (ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާން) އަށް ބަދަލު ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ޖީއެސްޓީ ބަޔާނުގެ ފުރަތަމަ ސޮފްހާގެ އަށްވަނަ އައިޓަމްގައި "އަނބުރާ ނުލިބޭ ދަރަންޏަށް ނިސްބަތްވާ ޖީއެސްޓީގެ އަދަދު" މިގޮތަށް ބަދަލުކޮށްފައިވާނެ ކަމަށް މީރާ އިން ބުންޏެވެ.

މި އައިޓަމްގައި ރެޖިސްޓާ ކޮށްފައިވާ ފަރާތްތަކުން ހިމަނަންޖެހޭނީ އަނބުރާ ނުލިބޭނެ ދަރަންޏަށް ދައްކާފައިވާ ޖީއެސްޓީގެ އަދަދު ކަމަށް މީރާ އިން ބުންޏެވެ. މީގެ އިތުރުން ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މި އަދަދު ހުށަހެޅުމުގެ ކުރިން މީރާގެ ހުއްދަ ހޯދާކަށްވެސް ނުޖެހޭނެ އެވެ.

މީރާއިން ބުނީ އޮގަސްޓުމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީއަށް ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކުން މީރާ އަށް ހުށަހަޅަންޖެެހޭނީ ޖީއެސްޓީ ބަޔާނުގެ ވާޝަން 20.1 ކަމަށެވެ. މި ވާޝަން އެ އިދާރާގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެ އެވެ.

ޖީއެސްޓީ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުން ޖީއެސްޓީގެ ގޮތުގައު ނަގަނީ ހަ ޕަސެންޓެވެ. ޓޫރިޒަމް ދާއިރާ އިން ދޭ ހިދުމަތާއި ވިއްކާ މުދަލުން ނަގަނީ 12 ޕަސެންޓެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އަށް އައިސްފައިވާ ހީނަރުކަމާއެކު މީރާ އިން ވަނީ ޓީޖީއެސްޓީ ދިވެހި ރުފިޔާ އިން ދެއްކޭނެ އިންތިޒާމު ވެސް ހަމަަޖައްސައިފަ އެވެ.

comment ކޮމެންޓް