އަތޮޅުތެރޭ ޕޯޓްތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީއަށް ބޮޑު މާފެއް

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައްޑޫ ސިޓީއާއި ކުޅުދުއްފުށީގައި ގާއިމް ކޮށްފައިވާ ޕޯޓުތަކަށް ގެންނަ ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ 50 ޕަސެންޓް ކުޑަ ކުރަން ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ.

އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމް ހުށަހެޅުއްވި އިސްލާހުތައް ދިރާސާ ކުރުމަށް މިއަދު ވަނީ މުޅި މަޖިލީހުގެ ކޮމިޓީ ބާއްވާފަ އެވެ. އެ ކޮމިޓީ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުށަހެޅުއްވީ އުތުރާއި ދެކުނުގެ ޕޯޓުތަކަށް މުދާ އެތެރެ ކުރުމުން އެ މުދަލުން 50 ޕަސެންޓް ޑިއުޓީ ކަނޑާލާ ގޮތަށް ބިލު އިސްލާހު ކުރާށެވެ. އެގޮތަށް 50 ޕަސެންޓް ކަނޑާލަން ގިނަ ޗެޕްޓަރުތަކެއް މުހައްމަދު ރަޝީދު ހުށަހެޅުއްވި އެވެ.

އެ ޗެޕްޓަރު ތަކުގެ ތެރޭގައި ޗެޕްޓަރު 96 ހިމެނެ އެވެ. މި ޗެޕްޓަރުގައި ހިމެނެނީ އުފައްދާގައި ހުންނަ ތަފާތު ވައްތަރުގެ އެއްޗިއްސެވެ.

އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ ތަކެތި ހިމެނެ އެވެ. އެއީ މިހާރު 200 ޕަސެންޓް ޑިއުޓީ ނަގާ އެއްޗިއްސެވެ. ނަމަވެސް އައްޑުއާއި ކުޅުދުއްފުށީ ޕޯޓަށް އެތެރެކުރުމުން އޭގެން 50 ޕަސެންޓް ޑިއުޓީ ކަނޑާލާނެ އެވެ.

މުޅި މަޖިލީހުގެ ކޮމިޓީން އެ އިސްލާހު ފާސްކޮށްފައި ވަނީ 54 މެމްބަރުންގެ ވޯޓާ އެކު އެވެ.

comment ކޮމެންޓް