ފަސް ކެޓަގަރީއަކުން ދިރިއުޅުމުގެ ހާލަތުބަލަން ނުގުޅިހުރި ފަރާތްތައް އާންމުކޮށްފި

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. މި ފްލެޓުތަކުގެ 90 ޕަސެންޓް މަސައްކަތް ނިމިފައވާ ކަމަށް އެޗްޑީސީ އިން ބުނޭ. ފްލެޓުތައް ހައްގުވެރިންނާ ހަވާލު ކުރާއިރު ފިނިޝިންގެ މަސައްކަތް ނިންމާފައެއް ނުހުންނާނެ. ތަށިމުށި ޖަހައި ބޮކި ފަންކާ ހަރުކުރުމުގެ މަސައްކަތް ކުރަންޖެހޭނީ އަމިއްލަ އަށް. މި ފްލެޓުތަކުގެ ބޮޑުމިނަކީ 570 އަކަފޫޓު. 7000 ފްލެޓުގެ ތެރެއިން މީހުން ދިރިއުޅެން ހާއްސަ ކުރާނީ 6720 ފްލެޓު. ބާކީ ހާއްސަކުރާނީ ކޮމަޝާލް މަސައްކަތްތަކަށް. 25 ބުރީގެ މި އިމާރާތްތަކުގެ ކޮންމެ ފްލޯއަކު 20 އެޕާޓްމެންޓް، ކޮންމެ އިމާރާތަކަށް އަފާ ފޭބުމަށް 4 ލިފްޓު ހުރޭ. މި މަސައްކަތަށް 434 މިލިއަން ޑޮލަރު ހޭދަކުރޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިރިއުޅުމުގެ ހާލަތު ބެލުމަށް ނުގުޅުނު ފަރާތްތައް އާންމުކޮށްފި އެވެ.

ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމެޓީ އިން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތަކުގެ "ދިރިއުޅުމުގެ ހާލަތު" ބެލުމަށް ކުރެވުނު މަސައްކަތުގެ ތެރޭގައި، ގޭގެއަށް ޒިޔާރަތްކުރުމުގެ ކުރިން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކާ ފޯނުން ގުޅައި، ވެރިފައިކުރުމުގެ ޕްރޮސެސްއެއް ކުރިއަށްގެންދާކަމަށެވެ.

ފްލެޓަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން H4 ، H5 ، H6 ، H8 އަދި H10 ކެޓެގަރީތަކަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގުޅޭނެ ނަންބަރެއްގެ ގޮތުގައި ދީފައިވާ ނަމްބަރުން، ނުގުޅުނު ފަރާތްތައް އެ ކޮމެޓީ އިން ވަނީ އާންމުކޮށްފައެވެ.

ކޮމެޓީ އިން ބުނީ އެ ފަރާތްތަކާ ގުޅުމަށް ތަކުރާރުކޮށް މަސައްކަތް ކުރެވިފައިވާނެ ކަމަށެވެ.

އެގޮތުން H4 ކެޓަގަރީ އިން އެކަކު، H10 އިން 43 މީހެއް އަދި H6 އިން 141 މީހެއް، އަދި H5 އިން އެކަކަށް ނުގުޅިވާކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން H7 އަދި H9 ކެޓަގަރީގެ "ދިރިއުޅުމުގެ ހާލަތު" ދެނެގަތުމުގެ މަސައްކަތް އަދި އެކީ ނިމިފައި ނުވާކަމަށާއިި، އެ މަސައްކަތް ނިމުމުން އެ ދެ ކެޓަގަރީއިން ނުގުޅޭ ފަރާތްތަކުގެ ލިސްޓް ވީހާވެސް އަވަހަށް އާންމުކުރާނެ ކަމަށް ކޮމެޓީ އިން ބުންޏެވެ.

މި ލިސްޓުގައި ހިމެނޭ ފަރާތްތަކުން ޖުލައި 15 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން، https://hcc.presidency.gov.mv/ މި ލިންކުގައިވާ ފޯމު ފުރިހަމަކުރެއްވުމަށް ކޮމެޓީ އިން އެދިފައިވެއެވެ.

މިދިޔަ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއު، "ހިޔާ މަޝްރޫއުގެ" ފްލެޓްތައް ލިބޭ ފަރާތްތައް ސެޕްޓެމްބަރުގެ ނިޔަލަށް އިއުލާންކޮށް ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް، ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އިއްޔެ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާތަނަށް 21،000 ފޯމް މިހާތަނަށް ވެރިފައިކޮށްފައިވާ އިރު އަދި 3،340 އެޕްލިކޭޝަން ވެރިފައިނުކުރެވިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ދިރިއުޅުމުގެ ފެންވަރު ބެލުމަށް ވެސް އެ ކޮމިޓީއިން ނިންމާފައިވާ އިރު މިނިސްޓަރު ވިދާޅުވީ 60 ޕަސެންޓް ގޭގެއަށް ޒިޔާރަތްކޮށް އަދި ދިރިއުޅުމުގެ ފެންވަރު ބެލިފައި ނުވާ ކަމަށެވެ. އަދި އެކަން މަޑު ޖެހިފައި އޮތީ، ކޮވިޑް-19ގެ ސަބަބުން މާލެ ފުރަބަންދު ކުރުމާ ގުޅިގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެހެން ނަމަވެސް، އެ މަސައްކަތް އަލުން ފަށާ، ޖުލައި މަސް ނިމޭ ހިސާބުގައި ބައެއް ކެޓަގަރީތަކުން ފްލެޓް ލިބޭ ފަރާތްތައް އިއުލާން ކުރަން ފެށޭނެ ކަމަށް ފްލެޓް ކޮމިޓީއިން ލަފާކުރާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ކެޓަގަރީތައް ނިމޭ ވަރަކަށް ފްލެޓް ލިބޭ ފަރާތްތައް އެ ނިމޭ ކެޓަގަރީތައް ޖުލައި މަހުގެ ނިމޭ ހިސާބުން އިއުލާން ކުރަން ފެށޭނެ ކަމަށް ކޮމިޓީއިން ވިދާޅުވަނީ. އަދި ސެޕްޓެމްބަރުގެ ނިޔަލަށް އެއްކޮށް ފްލެޓް ލިބޭ މީހުން އިއުލާން ކުރެވޭނެ ކަމަށް އެ ކޮމިޓީން އަޅުގަނޑަށް އަންގާފައި ވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ހިޔާ ފްލެޓް މަޝްރޫއުގެ ދަށުން މިހާރު ހަދާ ނިމިފައި ވަނީ 6720 ފްލެޓް އެވެ.

comment ކޮމެންޓް