އޭސީސީގެ ލަފައެއް ނުލިބިގެން ސީޕްލޭން ޓާމިނަލް ކުއްޔަށް ދޭން ހުރަހެއް ނޯންނާނެ

އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ގޮސްފައިވާ ހިސާބު -- ފޮޓޯ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުން ލަސްވަނީ އޭސީސީގެ ލަފައެއް ނުލިބިގެންކަމަށް ގަބޫލު ނުކުރާ ކަމަށް އޭސީސީއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމޮޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ ރައީސާ މަރިޔަމް ޝިއުނާ ވިދާޅުވީ ސީޕްލޭން ޓާމިނަލް ކުއްޔަށް ދިނުމަށް އޭސީސީއިން އެމްއޭސީއެލްއަށް އެއްވެސް ހުރަހެއް ނާޅާ ކަމަށެވެ.

ޝިއުނާ ވިދާޅުވީ އެ މައްސަލައިގެ ޕްލިމިނަރީ ރިޕޯޓު 11 ފެބްރުއަރީގައި އާންމު ކުރި ކަމަށާއި 12 ފެބްރުއަރީގައި އެކަމާ ގުޅޭ ރިކޮމެންޑޭޝަންތައް އެމްއޭސީއެލްއަށް ދީފައިވާނެ ކަމަށެވެ.

"އެއާއެކީ 2 އޭޕްރީލްގައި އެމްއޭސީއެލްއިން އަޅުގަނޑުމެންނަށް ސިޓީއެއް ފޮނުވާފައި، ކޮމިޝަނުގެ އިރުޝާދަކަށް އެދިފައި ވަނީ. މިއާއި ގުޅިގެން އަޅުގަނޑުމެން ހަތެއް މެއިގައު ޖަވާބެއް ފޮނުވިން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ ކަންތަކަކީ ކޮބައިކަން ހިމަނާފައި،" ޝިއުނާ ވިދާޅުވިއެވެ.

އޭގެ ފަހުން އެމްއޭސީއެލް އިން 17 ޖޫންގައި އޭސީސީގެ އިތުރު އިރުޝާދެއް އޮތްތޯ ބެލުމަށް ސިޓީ ފޮނުވި ކަމަށާއި، އެހާތަނަށް ބަލާއިރު ޓާމިނަލް މައްސަލާގައި ކުރިއަށްދާންވީ ގޮތުގެ އެޕްރޫވަލް ފިނޭންސް މިނިސްޓްރީ އިންވެސް އެމްއޭސީއެލްއަށް އޮންނާނީ ދީފައި ކަމަށް އޭނާ ވިދާޅުވިިއެވެ.

"އެހެންވީމާ އަަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެމްއޭސީއެލްއިން އެ މަސައްކަތް ކުރިއަށް ނުގެންދެވިގެން އުޅެނީ އޭސީސީގެ ގޯ އަހެޑް ނުލިބިގެން ކަމެއް،" ޝިއުނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޖޫން 25 ގައިވެސް އޭސީސީއިން އެމްއޭސީއެލްއަށް ސިޓީއެއް ފޮނުވި ކަމަށާއި، ރެކޮމެންޑޭޝަންތަކަކީ ކޮބައިކަން ބުނެފައި ވާނެ ކަމަށެވެ.

"އެއްގޮތަކަށްވެސް ނޯންނާނެ އެމްއޭސީއެލްއަށް އެކަން ކުރުމަށް ހުރަހެއް މިހާރު އޮތްކަމަކަށް އެޕްރޫވަލްތައް ލިބިފައި ހުރީމަޔާއެކީގައި،" ޝިއުނާ ވިދާޅުވިއެވެ.

އާ އާންމު ހާލަތުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހުޅުވާލުމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ކުންފުނިތަކުގެ ކަންކަން ބަލާ ކޮމެޓީ، އެސްއޯއީ ކޮމިޓީގައި ޖޫން މަހުގެ 22 ވަނަ ދުވަހު މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ހިންގުމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީއިން އާންމު ކުރި އުސޫލުތަކާއި މަޖިލީހުން ދީފައިވާ ލަފާ އޭސީސީގެ ލަފަޔަކަށް ފޮނުވާފައިވާ ކަމަށެވެ.

އޭސީސީގެ "ގޯ" ލިބުނުހާ އަވަހަކަށް ކޮންޓްރެކްޓުތަކުގައި ސޮއިކުރާނެ ކަމަށް އޭނާ އެދުވަހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާ އޭސީސީއާ ދިމާވި ކުޑަ މައްސަލައަކާ ގުޅިގެން އަޅުގަނޑުމެން ކުރިއަށް ދާން ގަސްތުކުރާ ގޮތްވެސް އޭސީސީގެ ރެކޮމެންޑޭޝަނެއް ހޯދަން ވާނީ ހުށަހަޅާފައި މިޔޭ އަޅުގަނޑުމެން ކުރިއަށް ދާން ގަސްތުކުރާ ގޮތް، ގޯއަހެޑެއް ނުވަތަ އެއްޗެއް ދެއްވާއިރަށް އަޅުގަނޑުމެން އެކަމާ ބެހޭ ފަރާތްތަކަށް ހަވާކު ކުރާނެ،" މޫސާ ސޯލިހު ވިދާޅުވި އެވެ.

ސީޕްލޭން ޓާމިނަލް އާ ގުޅިގެން އުފެދުނު އެންމެ ބޮޑު ބަހުސަކީ އެތަން ހިންގަން ހަވާލުކުރާނެ ބަޔަކާ މެދު ކުރެވުނު ބަހުސެވެ. ދުނިޔޭގެ އެންމެ ބޮޑު ސިޕްލޭން އޮޕަރޭޓަރު، ޓީއެމްއޭއަށް އާ ސީޕްލޭން ޓާމިނަލް ހަވާލުކުރަން އުޅޭކަމުގެ އަޑުތަކާއެކު ރައްޔިތުންގެ މަޖިލީހުންނާއި އޭސީސީއިން އެ މައްސަލަ ބެލި އެވެ.

ޓާމިނަލް މައްސަލައިގައި ސަރުކާރުން ނިންމާފައި އޮތީ ޓީއެމްއޭއާއި މަންޓާއިން މިހާރު ބޭނުން ކުރަމުންދާ ޓާމިނަލާ އެއްވަރުގެ ސަރަހައްދެއް، މިހާރު ވެސް ބިމު ކުލީގެ ގޮތުގައި ނަގަމުންދާ އަގުގައި (އަކަމީޓަރަކަށް 10.35 ޑޮލަރު) އެ ދެ ކުންފުންޏަށް އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ.

އައިލެންޑް އޭވިއޭޝަން ސާވިސަސް (އައިއޭއެސް)އިން އާ ޓާމިނަލުން ޖާގައެއް ބޭނުންނުވާ ކަމަށް ބުނެފައިވާއިރު، ޓީއެމްއޭއާއި މަންޓާއަށް ދޭ ސަރަހައްދުތައް ކަނޑައެޅުމަށްފަހު ބާކީ އޮންނަ ބައި ބިޑު އުސޫލުން ކުއްޔަށް ދިނުމަށް ވަނީ ނިންމާފަ އެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވަނީ ސަރުކާރުގެ ނިންމުން ތަންފީޒު ކުރައްވާނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގެ އަގަކީ 40 މިލިއަން ރުފިޔާ އެވެ.

އާ ސީޕްލޭން ޓާމިނަލްގެ ކޮންޓްރެކްޓުގައި ސޮއިކުރާތާ ހަ މަސްތެރޭ މިހާރު ބޭނުންކުރާ ޓާމިނަލްތައް ތަޅާލަން ޖެހޭނެ ކަމަށް މޫސާ ސޯލިހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އާ ޓާމިނަލް ތަޅާލެވުނުހާ އަވަހަކަށް އާ ރަންވޭ ބޭނުންކުރަން ފެށޭނެ ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ އަމަލީ މަސައްކަތް ފަށާފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 29 ވަނަ ދުވަހު އެވެ. ސީޕްލޭން ޓާމިނަލްގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް