"ފެއިލް ވެއްޖެ" ނަމުގައި އިދިކޮޅުން ޖަލްސާއެއް ބާއްވަނީ

އިދިކޮޅުން އެންމެ ފަހުން ބޭއްވި ޖަލްސާގެ ތެރެއިން: ހުކުރު ދުވަހު "ފެއިލްވެއްޖެ" ނަމުގައި އިދިކޮޅުން ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ފެއިލް ވެއްޖެ" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން ޖަލްސާއެއް ބާއްވަން ނިންމައިފި އެވެ.

މިއަދު އެ ކޯލިޝަންގެ އޮފީސް ހ. ހުރަފައިގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވީ، މި ސަރުކާރު ހުރިހާ ކަމަކުންވެސް ފެއިލްވެފައިވާ ކަމަށެވެ. ޖަލްސާގެ ބޭއްވުމުގެ ބޭނުމަކީ ސަރުކާރު ހަމަމަގަށް އަޅުވައި، ސަރުކާރު ޒިންމާދާ ކުރުވުންކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މަގުމައްޗަށް ނުކުންނަށް ހިސާބަށް ކަންކަން ދިޔައީ، ސަރުކާރު ޖަވާބުދާރީކުރުމަށް އިދިކޮޅުން ކުރި މަސައްކަތައް ސަރުކަރުން ބީރު ކަންފަތެއް ދިނުމުން ކަމަށެވެ.

"ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅިގެން އަޅުގަނޑުމެން ފޮނުވި ސިޓީތަކަށް ބީރު ކަންފަތެއް، ކަނު ލޮލެއް މި ސަރުކާރުން ދީފައިވާތީވެ، އަޅުގަނޑުމެން އެދެެނީ ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ސަރުކާރު ހަމަ މަގަށް އެޅުވުމަށް. ޖަލްސާގައި ބައިވެރިވުމަކީ، އެ ކަންބޮޑުވުންތައް ފެނިގެންދާނެ ކަމެއް ކަމަށް ގަބޫލު ކުރެވޭ،" ޝުޖާއު ވިދާޅުވިއެވެ.

އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ވާހަކަ ދައްކަވަނީ: ހުުކުރު ދުވަހު ސަރުކާރު ޒިންމާދާރު ކުރުމަށް ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމަވައިފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝުޖާއު ވިދާޅުވި ގޮތުގައި، ވޭތުވެގެންދިޔަ ތިން މަސް ދުވަހަކީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދާ ދެބޭފުޅުން ގުޅިގެން ރައްޔިތުން ގޭ ބަންދުގައި ބައިތިއްބައިގެން ވަރަށް ބޮޑެތި ވައްކަންތަކެއް ކޮށްފައިވާ ތިން މަސް ދުވަހެވެ.

"އެހެންވީމަ އަޅުގަނޑު އެދެނީ މިހާރު މިގައުމުގައި ހިނގާ ބޮޑެތި ވައްކަމާއި ފަސާދަ އަދި އޭގެ އިތުރުން ކުޑަކުދިންނާއި އަންހެނުނަށް ކުރާ އަނިޔާއާ ދެކޮޅަށް އަޑު އުފުލަން،"

ޝުޖާއު ވިދާޅުވީ، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައިވެސް މި ސަރުކާރު ނުކުޅެދިފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ އަމަލުތައް ހުރި ގޮތުން "ރޭޕް" ކުރުންވެސް ސަރުކާރަށް މިއަދު ރަނގަޅުކަމަކަށް ވެއްޖެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިގްތިސާދީ ގޮތުންވެސް މި ސަރުކާރު ފެއިލްވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ހުރިހާ ޓެކްސީ ޑްރައިވަރުން އެތިބީ ގޭ ކުލި ނުދެއްކިފައި. ބައެއް ޓެކްސީ ޑްރައިވަރުން ކާރު ބާއްވާފައި، އަނބިދަރިން ރަށަށް ފޮނުވާލާފައި، ޓިއުޝަން ފީ ނުދެއްކި، ކާބޯތަކެތި ގެއަށް ނުވެއްދި ތިބި މަންޒަރު ފެންނަނީ. ޓެކްސީ ޑްރައިވަރުންނަށްވެސް ގޮވާލަން ކާރު ޕާކްކޮށްފައި ޖަލްސާއަށް ވަޑައިގަތުމަށް،" ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު: ސަރުކާރު ހުރިހާ ގޮތަކުންވެސް ފެއިލްވެއްޖެ ކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޝުޖާއު ވިދާޅުވީ، މިއަދު މަސްވެރިން ކިރާ މަހަކަށް ފައިސާ ނުދެވޭނެ ކަމަށް ސަރުކާރު ކުންފުނިތަކުން ބުނަމުންދާ ކަމަށެވެ. އެއާއެކު މަސްވެރިންވެސް ދިރިއުޅެމުން އަންނަނީ ދަތި ހާލުގައި ކަަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

"މަސްވެރިންނަށް ގޮވާލަން މަހަށް ނުގޮސް ޖަލްސާއަށް ވަޑައިގަތުމަށް. މަސްވެރިނަށް އޮނޑިދޯނިފަހަރުގައި ތިބެގެން މިކަން ހާސިލްވާކަށް ނެތް. މިކަން ވާން އޮތީ އަޅުގަނޑުމެންނާއެކު އެއްތަނަކަށް އެއްވެ އަޑު އުފުލައިގެން،"

ޝުޖާއު އިތުރަށް ވިދާޅުވީ، މިއަދު ރިސޯޓު މުވައްޒަފުންވެސް ތިބީ ވަޒީފާ ގެއްލި ދަތި ހާލުގައި ކަމަށާއި، އެކަން ވެސް ސަރުކާރާއި މަޖިލީހުން "ޖޯކަކަށް" ހަދައިފި ކަމަށެވެ. ޖަލްސާގައި ރިސޯޓު މުވައްޒަފުންވެސް ބައިވެރިވުމަށް ޝުޖާއު ދައުވަތު ދެެއްވިއެވެ.

މީގެ އިތުރުން ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒުފޯރުވާ ވާހަކަވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ޝުޖާއު ތަކުރާރު ކުރެއްވިއެވެ. އެގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން ހިންގަމުން އަންނަނީ ވިޔަފާރި ކުންފުންޏެއްގެ ގޮތުގައި ކަމަށާއި މައްސަލަތައް ތާވަލު ކުރެވެނީވެސް ޖޭއެސްސީގެ ވަކި ބަޔަކު އަންގައިގެން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޝުޖާއުގެ ވާހަތަކަށް ތާއީދު ކުރައްވައި، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ، ކޮންމެ ދިމާލަކުން ބެލި ނަމަވެސް މިސަރުކާރު ފެއިލްވެފައިވާ ކަމަށެވެ. އެގޮތުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި ވެސް މި ސާރުކާރު ފެއިލްވެފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ޔާމީން ސަރުކާރުގައި އިމާރާތް ކުރި ހިޔާ ފުލެޓުތައް ނިންމައި، އެތަންތަން ރައްޔިތުންނަށް ދިނުމަށްވެސް ސަރުކާރަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"މިތަންތަން [ފްލެޓުތައް ރައްޔިތުންނަށް] ދޭން މިމީހުން ލަދުގަންނާނެ. އެއީ ރައީސް ޔާމީން ސަރުކާރުގައި ބިނާކޮށްފައި ހުރި ތަނަކަށް ރައްޔިތުން ވަންނަން މި މީހުން ހިތައް ކެތް ނުވާނެ،" ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން ހުކުރު ދުވަހު ޖަލްސާއެއް ބޭއްވުމަށް ނިންމާފައިވާއިރު، އެޗްޕީއޭ އިން އަންގާފައިވަނީ 30 އަށް ވުރެ ގިނަ މީހުން އެއްތަނަކަށް އެއް ނުވުމަށެވެ.

އެންމެ ފަހުން އިދިކޮޅުން ޖަލްސާއެއް ބާއްވާފައިވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް މިދިޔަ ފެބްރުއަރީ މަސްތެރޭގައެވެ.

ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ، ޖަލްސާ ބެއްވުމުގެ ހުއްދަ އަދި ނުލިބޭ ކަމަށާއި ސަރުކާރަށްވެސް އެ ހުއްދަ ދޭން ކެރިވަޑައިނުގަންނަވާނެ ކަމަށެވެ.

comment ކޮމެންޓް