މުއްދަތުހަމަވެފައިވާ ތަކެތި ނައްތާލާއިރު ޓަނަކަށް ނަގާނީ 2،700 ރުފިޔާ

މާލޭމަގުމައްޗަށް ކުނި ޖަމާކޮއްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މުއްދަތު ހަމަވެގެން އަދި ކުނިވެ، ހަލާކުވާ ތަކެތި ވޭސްޓް ޓްރާންސްފާ ސްޓޭޝަނުން ނައްތާލާއިރު ޓަނަކަށް ނަގާނީ 2،700 ރުފިޔާ ކަމަށް ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

ކޮވިޑް19 އާއި ގުޅިގެން ވޭސްޓް ޑިސްޕޯސަލް ހިދުމަތަށް ގެނެސްފައިވާ ބަދަލުތަކާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ މުދާ ނައްތާލުމުގެ އުސޫލަށް ގެނައި ބަދަލާއެކު، ނައްތާލުމަށް ބޭނުންވާ ތަކެތި މަދު އަދަދަކަށް ހިމެނޭ ފަރާތްތަކުން މާލޭ ޓްރާންސްފާ ސްޓޭޝަނަށް ނައްތާލުމުގެ ހިދުމަތަށް އެދި ހުށަހެޅުމުން އެކަމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ.

މި އުސޫލުގެ ތެރެއިން މާލޭ ސްޓޭޝަނުން ނައްތާލާނެ ތަކެތީގެ ތެރޭ ހިމެނެނީ

  • މުއްދަތު ހަމަވެފައިވާ ކާބޯތަކެތި
  • ތަޣައްޔަރު ވެފައިވާ ކާބޯތަކެތި
  • ކުނިވެ/މުޅަވެ/ހަލާކުވެފައިވާ ކާބޯތަކެތި
  • މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ނައްތަލަން ޖެހޭކަމަށް ކަނޑައަޅާފައިވާ ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް
  • ކަމާބެހޭ ފަރާތްތަކުން ނައްތާލުމަށް އަމުރުކޮށްފައިވާ ތަކެތި

ވެމްކޯ އިން ބުނީ މިގޮތަށް ނައްތާލާތަކެތީގެ ތެރޭގައި ކެމިކަލް އެކުލެވޭ ނުރައްކާތެރި ކުނި ނުހިމެނޭނެ ކަމަށެވެ.

މި އުސޫލުގެ ދަށުން މާލޭ ޓްރާންސްފާ ސްޓޭޝަނުން ނައްތާލެވޭ ކުނީގެ މިންވަރު

  • 350 ކިލޯ އާއި 1،500 ކިލޯއާ ދެމެދުގެ އުޅަނދުފަހަރުގައި ގެންދާ ކުނި
  • ހިދުމަތަށް އެދޭ ފަރާތަކުން ދުވާލަކަށް ގިނަވެގެން އުކޭނީ 1،500 ކިލޯގެ އުޅަނދުގެ ކުނި

ވެމްކޯއިން ބުނީ މިކަމަށް ނަގާނެެ ފީއަކީ ޖީއެސްޓީ ނުހިމަނަ ޓަނަކަށް 2،700 ރުފިޔާ ކަމަށެވެ. އާންމު އުސޫލެއްގެ ދަށުން ފީ ނަގާނީ ނަގުދު ފައިސާ އިން ކަމަށާއި ފީ ނަގާނީ ޓްރާންސްފާ ސްޓޭޝަނަށް އެބާވަތުގެ ކުނި އުފުލައިގެން ގެންނަ ވެހިކަލްގެ ބަރުދަނަށް ބަލައިގެން ކަމަށާއި ވެހިކަލްގެ ބަރުދަން ބަލާނީ ރެޖިސްޓްރޭޝަން ސެޓްފިކެޓުން ކަމަށްވެސް ވެމްކޯ އިން ބުންޏެވެ.

މީގެ ކުރިން މިފަދަ ކުނި ބައްތާލަމުންދިޔައީ ތިލަފުށީ ވޭސްޓް ޑިސްޕޯސަލް ސައިޓުގައެވެ. ނަމަވެސް ކޮވިޑާ ގުޅިގެން ލުއި ފަސޭހަ ކޮށްދިނުމަށް މި އުސޫލަށް ބަދަލު ގެނައީ ކަމަށް ވެމްކޯ އިން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް