ނޭކުރެންދޫ އަދި ކެލާގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން އީޕީއޭ އަދި އެގްރިކަލްޗާ މިނިސްޓްރީއިން ދިރާސާއެއް ހަދަނީ

ހދ. ނޭކުރެންދޫގެ ކަނޑޫފަލުގެ ބޮޑު ސަރަހައްދެއް މަރުވެފައި-- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ރާއްޖޭގެ އެންމެ ބޮޑު ކަނޑޫފާތަކުގެ ތެރޭގައި ހިމެނޭ ހއ. ކެލާގެ ކަނޑޫފަލާއި، ހދ. ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާ ގުޅިގެން ދިރާސާއެއް ހަދަން ފަށައިފިއެވެ.

މި އަހަރުގެ ކުރީކޮޅުން ފަށައިގެން ކެލާ އަދި ނޭކުރެންދޫގެ ކަނޑޫފަލުން ބޮޑު ސަރަހައްދުތަކެއްގެ ގަސްތައް ހިކި، ފަތް ފައިބައި މަރުވަމުންދާ ކަމަށް އެ ދެ ރަށުގެ ކައުންސިލުންވެސް ވަނީ ބުނެފައެވެ. އެ ދެ ކަނޑޫފަލަކީވެސް ސަރުކާރުން 2018 ވަނަ އަހަރުގެ ފަހުކޮޅު ހިމާޔަތްކޮށްފައިވާ އެ ދެ ކަނޑޫފަލެވެ. އެ ސަރަހައްދުތައް މަރުވަމުންދާތީ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށް އެ ދެ ކައުންސިލުން މީގެ ކުރިން "ސަން"އަށް ބުނެފައިވެއެވެ.

މިއަދު އީޕީއޭގެ ޑިރެކްޓަރު އިބްރާހިމް ނައީމް "ސަން"އަށް ވިދާޅުވީ، ކެލާގެ ކަނޑޫ މަރުވާ ސަބަބު ހޯދުމަށް އީޕީއޭއާއި ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. ކުރިއަށް އޮތްތަނުގައި އެ ޓީމު ނޭކުރެންދޫ ކަނޑޫފަލަށްވެސް ދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވީ، އީޕީއޭ އަދި އެގްރިކަލްޗާ މިނިސްޓްރީގެ ޓީމުގައި ހިމެނެނީ އެގްރިކަލްޗާ މިނިސްޓްރީގެ ހަނިމާދޫ ސެންޓަރުގެ ބަޔަކާއި، ލޮކްޑައުންގެ ސަބަބުން މާލެއަށް ނާދެވި އަތޮޅު ތެރޭގައި ހުރި އީޕީއޭގެ މުވައްޒަފެއް ކަމަށެވެ. އެ ޓީމު ކެލާގެ ކަނޑޫފާ ބެލުމަށް ފަހު ނޭކުރެންދޫއަށް ދާނީ މި ހަފްތާގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިބްރާހިމް ވިދާޅުވީ، ކަނޑޫފާތައް މަރުވަމުންދާ ސަބަބު އެނގޭނީ ވަރަށް ގިނަ ކަންކަން ބަލައި، ސާމްޕަލް ނަގައި ޓެސްޓުކޮށްގެން ކަމަށެވެ.

https://sun.mv/138016

"ބަލަން ޖެހޭ ބައިވަރު ކަންކަން ހުންނާނެ. ދިރޭ އެއްޗަކަށް ނުވިޔަސް، ޓެމްޕަރޭޗާ ނޫނީ ސެލިނިޓީ ނޫނީ، ކޮންމެވެސް އެހެން ކަަހަލަ ކޮންޑިޝަނަކާ އެ ހުރިހާ އެއްޗެއް ބަލާފައި ރެޕިޑް އެސެސްމެންޓެއް ހަދާފައި ސޮއިލް އާއި ވޯޓާއާ އެއްޗެހި ޓެސްޓުކޮށްފައި، ދެން ސޫތްޕެއް އުޅެންޏާ އެއީ ކޯންޗެއްތޯ ދެނެގަނެ، އެނގޭނީ،" ޑރ. އިބްރާހިމް ވިދާޅުވިއެވެ.

ހއ. ކެލާގެ ކަނޑޫފަލުގެ ސަރަހައްދެއްގެ ކަނޑޫ ގަސްތައް މަރުވެފައި: ފަހުގެ ތާރީހެއްގައި އެ ރަށުން މިހާ ބޮޑަށް ކަނޑޫ ގަސް މަރުވެފައި ނުވޭ -- ފޮޓޯ/ އަހުމަދު ޝަރަފް

އީޕީއޭ އަދި އެގްރިކަލްޗާ މިިނިސްޓްރީގެ ޓީމެއް ކަނޑޫފާ މަރުވާ ސަބަބު ހޯދަން ދީރާސާއެއް ކުރަމުންދާއިރު، ނޭކުރެންދޫ ކައުންސިލާއި، ކޮމަންވެލްތުގެ ހިއުމަން އިކޮލޮޖީ ކައުންސިލުން ފަންޑުކޮށްގެން ނޭކުރެންދޫގެ ކަނޑޫފާ މަރުވާ ސަބަބު ހޯދަން މިދިޔަ މަހުގެ 26 ވަނަ ދުވަހު ވަނީ ދިރާސާއެއް ހަދަން ފަށައިފައެވެ.

ރަށުގެ އާންމުން ބައިވެރިކޮށްގެން ހަދާ އެ ދިރާސާއަކީ އިންޓަނޭޝަނަލް ޔުނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗާގެ މެންގްރޫވް ސްޕެޝަލިސްޓް ގްރޫޕް (އައިޔޫސީއެން އެމްއެސްޖީ)އާއި، މެގްރޫވް ދިރާސާ ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ މެންގްރޫވް އެކްޝަން ޕްރޮޖެކްޓް (މެޕް)އާއި، ރާއްޖޭގައި ތިމާވެށި ހިމާޔަތް ކުރަން ވަކާލާތު ކުރާ ސޭވް މޯލްޑިވްސް ހަރަކާތުގެ ފަންނީ އެހީތެރިކަމާއެކު ކުރިއަށްގެންދާ ދިރާސާއެކެވެ.

ހދ. ނޭކުރެންދޫގެ ކަނޑޫފަލުގެ ސަރަހައްދެއް މަރުވެފައި: އެ ރަށު ކައުންސިލުން ބުނާ ގޮތުން ގާތްގަނޑަކަށް ފަސް ހެކްޓަރުގެ ސަރަހައްދެއް ވަނީ މަރުވެފައި -- ފޮޓޯ/ ނޭކުރެންދޫ ކައުންސިލް

ކެލާގައި ހިންގަމުންދާ ޖަމިއްޔާއެއް ކަމަށްވާ "އައިޑިއާސް"ގެ އޮފިޝަލަކު މީގެ ކުރިން "ސަން"އަށް ބުނީ، މިހާރު ކަނޑޫ ގަސްތައް މަރުވަމުން ދާ ވަރާ ގާތަށް ވެސް މީގެ ކުރިން ދުވަހަކުވެސް، އެ ރަށުގެ ކަނޑޫފަލުން ގަސްތައް މަރުވިކަން އެނގިފައި ނުވާ ކަމަށެވެ. ރަށުގެ ދުވަސްވީ މީހުންނަށްވެސް އެހާ ބޮޑަށް ކަނޑޫ ގަސްތައް މަރުވި ހަނދާނެއް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

https://sun.mv/139084

ނޭކުރެންދޫ ކަނޑޫފަލަށް ބަލާއިރު އެ ކަނޑޫފަލުން ވަނީ ފަންޏެއް ފެނިފައެވެ. އެއީ އެ ކަނޑޫފާ މަރުވާ ސަބަބެއް ކަމުގައި ބައެއް މީހުން ދެކެއެވެ. ނަމަވެސް، މީގެ ކުރިން އެ ކަނޑޫފާ ދިރާސާކޮށްފައިވާ ބްލޫޕީސްގެ މާހިރަކު "ސަން"އަށް ވިދާޅުވީ، އެ ކަނޑޫފާ މަރުވަނީ ހަޅައިގެ ސަބަބުން ކަނޑޫފަލަށް ލޮނު އެޅި މާ ބޮޑަށް ލޮނުގަދަވުމުގެ ސަބަބުން ކަމަށް އެކަށީގެންވާ ކަމަށެވެ.

comment ކޮމެންޓް