މީރާގެ ބޯޑު މެންބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

އޮކްޓޯބަރ 1، 2019: މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)ގެ ބޯޑު މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މީރާގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތިއްޔާއި އެ ބޯޑުގެ ތިން މެންބަރެއްގެ ދައުރު ހަމަވާތީ ބޯޑަށް މެންބަރުން އައްޔަނުކުރުމަށް، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.

މީރަގެ ބޯޑަށް ކުރިމަތިލާ ފަރާތަކީ ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރެވިފައިވާ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެ ކަމަށާއި އިފްލާސް ކުރެވިފައިވާ މީހެއް ކަމުގައި އަދި ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ޝަރުތުތައް ބުނެއެވެ.

މީގެ އިތުރުން ބޯޑު މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މި މަގާމަށް ކުރިމަތިލާ ފަރާތްތަކަކީ ސަރުކާރު ގަބޫލުކުރާ އިދާރާއަކުން ޓެކްސް، އިގްތިސޯދީ، މާލީ، އެކައުންޓިން، ވިޔަފާރި ނުވަތަ ގާނޫނީ ދާއިރާއިން މާސްޓާސް ޑިގްރީއެއް ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ނުވަތަ އެއިން ދާއިރާއަކުން ފުރަތަމަ ޑިގްރީ ނުވަތަ އެއާ އެއް ފެންވަރުގެ ސަނަދެއް ހާސިލުކޮށް އެ ދާއިރާއެއްގައި މަދުވެގެން 5 (ފަހެއް)ފަސްއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

މީގެ އިތުރން މަގާމަށް ކުރިމަތިލާ ފަރާތަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ވެގެން ނުވާނެ ކަމަށާއި އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެކަމަށް ބުނެފައިވެއެވެ.

މީރާގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް ބަލައިގަންނާނީ ޖުލައި 12 އަދި 13 ވަނަ ދުވަހު ހެނދުނު 09:30 އިން މެންދުރުފަހު 12:30 އަށް، ރައީސް އޮފީހުންނެވެ.

މީރާގެ ބޯޑުގައި ހަތް މެމްބަރުން ހިމެނޭ އިރު އޭގެ ތެރޭގައި ހިމެނެނީ ފިނޭންސް މިނިސްޓަރު ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ ފަސް މެމްބަރުންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނެވެ. މީރާގެ ބޯޑުގެ ޗެއާޕާސަން ކަނޑައެޅުމުގެ ބާރުވެސް މިހާރު ލިބިގެންވަނީ ފިނޭންސް މިނިސްޓްރީއަށެވެ.

މިހާރު ބޯޑުގައި ހިމެނެނީ ޗެއާމަން އަހުމަދު ސަރުވަޝް އާދަމްއާއި ޑެޕިޔުޓީ ޗެއާ ލީނާ މުގައްމަދު ޒާހިރު ހުސައިންގެ އިތުރުން ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސްޒޭޝަން ފަތުހުﷲ ޖަމީލް އާއި ޑިރެކްޓަރުން ކަމަށްވާ އަހުމަދު ފާއިޒް، އާއިޝަތު އާޝާ އަލީ އަދި ފަސީހް ޒާހިރުގެ އިތުރުން މަހްރޫމް ސަލީމްއެވެ.

comment ކޮމެންޓް