ބޮޑުފިނޮޅުން ފެނުނީ ބިދޭސީން ތަހައްމަލުކުރާ ބޭއިންސާފުގެ ނަތީޖާ: ޓްރާންސްޕޭރެންސީ

ބޮޑުފިނޮޅުގައި ތިބި ބިދޭސީން -- ފޮޓޯ/ ނަވާނަވައި

ބ.އަތޮޅުގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުންދާ ބޮޑުފިނޮޅުގައި ހިނގާދިިޔަ ހަމަނުޖެހުމަކީ ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހަންމަލުކުރަން ޖެހިފައިވާ ބޭއިންސާފުގެ ނަތީޖާ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފިއެވެ.

ބޮޑުފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ އާރުއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސީންތަކެއް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމަނުޖެހުން ހިންގައިފަ އެވެ.

އެ ހަމަނުޖެހުންތަކުގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ވަނީ ދީފައެވެ. އެ ހަމަނުޖެހުމުގައި ބައިވެރިވި 19 ބިދޭސީން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ އެއްބަސްވެވަޑައިިގެންފައެވެ.

ރިޒް މޯލްޑިވްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރު ސީލް މޯލްޑިވްސް އާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

އެ ހަމަނުޖެހުންތަކާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ސީލް ކުންފުންޏާއިއެކު މަސައްކަތް ކުރަމުންދިޔަ ރިޒް ކުންފުނީގެ 200 ބިދޭސީ މަސައްކަތްތެރިންނަށް އެތައް މަހެއްގެ މުސާރަނުދީ މަސައްކަތްކުރުވަމުން ގެންދިއުން ކުށްވެރިކުރާ ކަމަށެވެ.

އަދި މިކަމުގެ ފުރިހަމަ ތަހުގީގެއް ހިންގައި، މިކަމުގައި އިހުމާލުގެ ވެފައިވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަށް ވެސް ވަނީ ގޮވާލާފައެވެ.

"ބޮޑުފިނޮޅުގައި މިހިނގާދިޔަ ކަމަކީ، ރާއްޖޭގައި ގިނަ ބިދޭސީ މަސައްކަތްތެރިން ކޮންމެ ދުވަހަކުހެން ތަހަންމަލުކުރަންޖެހިފައިވާ ބޭއިންސާފުގެ ނަތީޖާއެވެ. ބޮޑުފިނޮޅުގައި ހިނގާދިޔަކަންތައްތަކާއި އެކު، މިކަމުގައި ހިއްސާވާ ދެ ކުންފުނިން ނެރެފައިވާ ބަޔާންތަކުގެ އަލީގައި މިބިދޭސީ މަސައްކަތްތެރިންނާއި މެދު ވެފައިވާ އިހުމާލާއި އެފަރާތްތަކުގެ ހައްގުތައް ނިގުޅައިގަނެފައިވާލެއް ބޮޑުކަން ހާމަވެގެންދެއެވެ." ޓްރާންސްޕޭރެންސީގެ ބަޔާނުގައިވެއެވެ.

އެގޮތުން، އިންސާނީ ވަގުފާރިއާއި އުޖޫރައިން ވައްކަން ކުރުމުގެ (ވޭޖުތެފްޓް) އިތުރުން، ފަޅު ރަށެއްގައި ބަންދުކޮށް، ކާބޯތަކެތި ފުރިހަމައަށް ފޯރުކޮށް ދީފައިނުވާކަން ފާހަގަކުރެވޭ ކަމަށް ވެސް ޓްރާންސްޕޭރެންސީން ބުނެފައިވެއެވެ.

އަދި ބިދޭސީ މަސައްކަތްތެރިން އުޖޫރަ ދިނުމަށް އެދުމުން އިންޒާރުދީ ބިރުދައްކާފައިވާކަމާއި، އެކަން ހައްލުކޮށްދިނުމަށް އެދި ސުލްހަވެރިކަމާއެކު 2019 ވަނަ އަހަރުން ފެށިގެންވެސް އިހުތިޖާޖުކޮށްފައިވާކަންވެސް ފާހަގަކުރެވޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ބުނީ އެ ހާދިސާއަކީ ރާއްޖޭގެ އެންމެހާ ނިޒާމުތައް ބައްޓަންކުރެވިފައިވާ ގޮތުން މަސައްކަތްތެރީންނަށް ނިޒާމުގެ ތެރެއިން ކަންކަން ހައްލުކުރުމަށް ހަގީގީ ފުރުސަތު ނެތުމުން ހިނގަން މެދުވެރިވި ހާދިސާއެއް ކަމުގައި ދެކޭ ކަމަށެވެ.

"އެހެންކަމުން، އެތަކެއް ދުވަހެއްވަންދެން އިހުމާލާއި ލާއިންސާނީ ހާލަތަށް ހުށަހެޅުނު މަސައްކަތްތެރިންނަށް އިތުރު އަދަބުތަކެއް ދިނުމުގެ ވިސްނުން ދޫކޮށް، މި މައްސަލަ ބެލުމުގައި 200 ބިދޭސީ މަސައްކަތްތެރިންގެ ނިގުޅައިގަނެވިފައިވާ ހައްގުތަކުގެ ކަންކަން ފުރިހަމަޔަށް ބެލުމަށް މިޖަމިއްޔާއިން ކަމާގުޅޭ އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." ބަޔާނުގައިވެއެވެ.

އަދި މައްސަލަ ބޮޑުވާން މެދުވެރިވި ސަބަބުތަކާއި މިކަމުގެ ވަށައިގެންވާ އެންމެހާ ކަންކަން ރަނގަޅަށް ތަހުގީގުކޮށް، މިކަމުގައި ޒިންމާވާންޖެހޭ ފަރާތްތައް ހޯދާ، އެބަޔަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށްވެސް ވަނީ ގޮވާލަައިފައެވެ.

އަދި މައްސަލައާ ގުޅިގެން ހައްޔަރުކުރެވިފައިވާ އެންމެހާ ބިދޭސީ މަސައްކަތްތެރިންނަށް ގާނޫނުއަސާސީން ލިބިދޭ އެންމެހާ ހައްގުތައް ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށް ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަނަށާއި، ލޭބާ ރިލޭޝަންސް އޮތޯރިޓީއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެެވެ.

ޓްރާންސްޕޭރެންސީން ބުނީ މިފަދަ ކޮންމެ މައްސަލައަކާއި އެކު ވަކިވަކި ކަންކަމަށް ވަގުތީ އަވަސް ހައްލެއް ހޯދުމުގެ އިތުރަށް، ދިގުދެމި ތަކުރާރުވަމުންދާ އިންސާނީ ވަގުފާރިއާ، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ނުބަލާ ދޫކޮށްލެވޭކަން ފާހަގަވާ ކަމަށެވެ.

އަދި ނިޒާމު ފަސާދަކޮށް އިންސާނީ ވަގުފާރި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހިންގަމުންދާއިރު، މިއަދާ ހަމައަށްވެސް މިއަނިޔާގައި ބައިވެރިވާ އެއްވެސް ފަރާތެއް ޖަވާބުދާރީ ނުކުރެވުމަކީ އިންސާނީ ވަގުފާރިއަށް ދެވޭ ހިތްވަރެއްކަމުގައި ދެކޭ ކަމަށެވެ.

"އެހެންކަމުން، އިންސާނީ ވަގުފާރިއާ، އެކަމާ ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް، ހުޅުވާލެވިފައިވާ ނެޝަނަލް އިންކުއަރީއެއް ކުރިއަށް ގެންދިއުމަށްވެސް މިޖަމިއްޔާއިން ގޮވާލަމެވެ." ބަޔާނުގައިވެއެވެ.

މިގޮތުން، އިންކުއަރީ ކުރިއަށް ގެންދިއުމުގައި ބިދޭސީންގެ ވަގުފާރިއަށް މަގުފަހިވާގޮތަށް ހުރި ނިޒާމީ ކަންކަން ދެނެގަތުމާއި، ވަގުފާރިއާއި ކޮރަޕްޝަންގައި އެކި މުއައްސަސާތަކުގެ ދައުރާއި، ކަންކަން ހައްލު ކުރުމަށް ކަންކުރާނެ ގޮތުގެ އެކްޝަން ޕްލޭން މުރާޖާކުރުމާއި، ތަންފީޒު ކުރުމާއި، މޮނިޓާކުރުމުގައި މަދަނީ މުޖުތަމައާއި، މިދާއިރާގެ ފަންނީ ފަރާތްތަކުގެ ބައިވެރިވުން ފުޅާ ދާއިރާއެއްގައި ހޯދުމަށްވެސް ވަނީ ގޮވާލައިިފައެވެ.

ރިޒް ކުންފުނިން ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތައް ހިންގައި މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށް ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ މަސައްކަތްތެރިންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް