އައިޖީއެމްއެޗްގެ އިތުރު ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އައިޖީއެމްއެޗްގެ އިތުރު ދެ މުވައްޒަފަކު ކޮވިޑް19އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީއިން ބުނެފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އައިޖީއެމްއެޗްގެ ދެ މުވައްޒަފުންގެ އިތުރުން ވަރަށް ފަހުން ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫކޮށްލި ދެ މީހަކު ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

"މި ކޭސްއާ ގުޅިގެން މިހާތަނަށް އައިޖީއެމްއެޗްގެ ހަ ސްޓާފުންނާއި ހަތް ޕޭޝަންޓުންނާއި ދެ އެހީތެރިން ވަނީ ޕޮޒިޓިވްވެފައި،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

މީގެ ކުރިން އައިޖީއެމްއެޗްއިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ފާހަގަވެފައިވަނީ ފަސް ޕޭޝަންޓުންނާއި ހަ މުވައްޒަފުންނެވެ.

މީގެ އިތުރުން ޑރ. ނަޒްލާ ވިދާޅުވީ އައިޖީއެމްއެޗްއިން ފެނުނު ކޭސްތަކާ ގުޅިގެން ކުރިއެކޭ ވެސް އެއްފަދައިން މިހާރު ވެސް އެތަނުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތާއި ކޮވިޑުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުން މީހުންގެ ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"މިއަދު މެންދުރާ ހަމައަށް 308 ސާމްޕަލް ނެގިފައި ވަނީ. ބައެއް ސާމްޕަލްތަކުގެ ނަތީޖާ ލިބިފައި އަދިވެސް އިތުރަށް ޓެސްޓު ކުރަމުންދަނީ. އިތުރު ކޭސްތައް ފެންނަ ވަރަކަށް އިތުރަށް ކޮންޓެކްޓް ޓްރޭސިންއާއި އިތުރަށް ޓެސްޓިންގެ ކަންކަން ކުރިއަށްގެންދާނީ،" ޑރ. ނަޒްލާ ވިދާޅުވި އެވެ.

comment ކޮމެންޓް