ޔާމީން މިނިވަން ކުރަން ދެވަނަ ވިސްނުމަކަށް ދާވަރު ކުރާނަން: އަދުރޭ

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: ޕީޕީއެމް

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ފަސް އަހަރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރުގެ ހަރަކާތްތަކެއް ހިންގާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަދުރޭ ވިދާޅުވީ، ރައީސް ޔާމީންގެ ހާލަތާ މެދު ވަރަށް ބޮޑަށް ކަންބޮޑުވެލައްވާ ކަމަށާއި އެމަނިކުފާނަށް ހިނގާ ބިނގާ ވެ އުޅެން މިއަދު އުނދަގޫ ކަމަށް ވަކީލުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ރައީސް ޔާމީން ޖަލުގައި އޮންނެވުން އަބްދުއްރަހީމް ސިފަކުރައްވާފައިވަނީ އެމަނިކުފާނަށް ދެމުންދާ ޖިސްމާނީ އަނިޔާއެއްގެ ގޮތުގަ އެވެ. އަދި މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރުމަށް އަދުރޭ ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.

"އަޅުގަނޑުމެންގެ ހައްގު ހޯދަން ރައީސް ޔާމީން މިނިވަން ކުރަން ނިކުންނަން ޖެހޭ ކޮންމެ މަރުހަލާއެއްގެ ކޮންމެ ތަނަކަށް ވަރަށް ކެރިގެން ނިކުންނާނަން. އަދި މި ނިކުންނަ ނިކުތުން ވާނީ މި ސަރުކާރަށް އިތުރު ގޮންޖެހުމަކަށް. އަދި މި މީހުން ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ވަރުގެ ހަރަކާތްތަކެއް އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އުފައްދާނަން،" އަދުރޭ ވިދާޅުވި އެވެ.

މިއަދުން ފެށިގެން އިދިކޮޅުގެ ހަރަކާތްތައް ދެގުނަ ކުރާނެ ކަން ފާހަގަކޮށް އަދުރޭ ވިދާޅުވީ، މަގުމައްޗަށް ނިކުމެ ގޭގޭ ދޮށަށް އެއްވެސް ވާނެ ކަމަށެވެ. ރައްޔިތުން ހައްގު ހޯދަން މަގުމައްޗަށް ނިކުތުމުން އެކަމުގެ ހިތި އެންމެ ރަނގަޅަށް ލިބުނު ބަޔަކީ މިއަދު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީ ކަން އޭނާ ފާހަގަކުރެއްވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވީ، އެންމެ އާދައިގެ ގައިދީންނަށް ލިބެމުންދާ ހިދުމަތްތައް މިއަދު ރައީސް ޔާމީނަށް ޖަލުން ލިބެމުން ނުދާ ކަމަށެވެ. އެގޮތުން ޓީވީ ބެލުމާއި ކަސްރަތު ކުރުމުގެ ފުރުސަތު ވެސް ބަންދުކޮށްލާފައިވާކަމުގެ ތުހުމަތު ސައީދު ވަނީ ކުރައްވާފަ އެވެ.

comment ކޮމެންޓް