އެމެރިކާގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ކާންޔޭ ވެސްޓް ބުނެފި

އެމެރިކާގެ ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ވަނީ ރައީސް ކަމަށް ވާދަ ކުރާނެ ކަމަށް ބުނެފަ -- ފޮޓޯ: އޭޕީ

ވޮޝިންޓަން (ޖުލައި 5): އެމެރިކާގައި މި އަހަރު ބާއްވަން ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓް ބުނެފި އެވެ.

އިއްޔެ ވެސްޓް ކުރި ޓުވީޓެއްގައިވާ ގޮތުން މިއީ އެމެރިކާއަށްޓަކައި އެންމެން އެއްބައިވެ، މުސްތަގުބަލު ބިނާ ކުރާންވީ ވަގުތެވެ. އަދި އޭނާ ވަނީ އެގައުމުގެ ރައީސް ކަމަށް ވާދަ ކުރަން ނިންމާފައި ކަމަށް އެޓުވީޓުގައިވެ އެވެ.

އޭގެ ފަހުން ވެސްޓްގެ އަންހެނުން އަދި މަޝްހޫރު ރިއަލިޓީ ޓީވީ ސްޓާރ ކިމް ކާޑޭޝިއަން ވަނީ އެ ޓުވީޓު ރީޓުވީޓުކޮށްފަ އެވެ. އަދި ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލަން މަސްކްވެސް ވަނީ ވެސްޓްގެ ކެމްޕޭނަށް އޭނާ ތާއިދު ކުރާ ކަމަށް ބުނެފަ އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އަންނަ ނޮވެމްބަރު ތިނެއްގައި ބާއްވަން ހަމަޖެހިފައިވާ އިރު އެ އިންތިހާބުގައި ބައިވެރިވުމަށް ބޭނުންވާ ލިޔެކިޔުންތައް ވެސްޓް ހުށަހަޅާފައިވާކަން އަދި ޔަގީންވެފައި ނުވެ އެވެ.

މީގެ ކުރިން ވެސްޓް ވަނީ އެމެރިކާގެ މިހާރުގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑެސީއަށް ވާދަ ކުރައްވަމުން ގެންދަވާ ޑޮނަލްޑް ޓްރަމްޕަށް ތާއިދުކޮށް ވާހަކަ ދައްކާފަ އެވެ. އަދި އޭނާ ވަނީ ޓްރަމްޕްގެ ކުރީގެ ކެމްޕެއިން ޝިއާރު ކަމަށްވާ "މޭކް އެމެރިކާ ގްރޭޓް އެެގެއިން" ޖަހާފައިވާ ތޮފި އަޅައިގެން 2018 ވަނަ ވައިޓް ހައުސްއަށް ގޮސް، ޓްރަމްޕާ ބައްދަލުކޮށްފަ އެވެ.

ވެސްޓް ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމާ ބެހޭ ގޮތުން ޓްރަމްޕްވެސް އަދި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓުކަން ގާތްގަނޑަކަށް ކަށަވަރުކޮށްފައިވާ ޖޯ ބައިޑެންވެސް އަދި ވަކި އެއްޗެކޭ ވިދާޅުނުވެ އެވެ.

ވެސްޓް ވަނީ މީގެ ކުރިންވެސް އޭނާ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް ބުނެފަ އެވެ. އެގޮތުން މިދިޔަ އަހަރު ނިއު ޔޯކްގެ ވިޔަފާރި ފެސްޓިވަލެއްގައި ވެސްޓް ވަނީ 2024 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރާނެ ކަމަށް ބުނެފަ އެވެ. އަދި 2015 އަހަރުގެ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސްގައި އޭނާ ވަނީ 2020ގެ ރިޔާސީ އިންތިހާބުގައި އޭނާ ވާދަ ކުރާނެ ކަމަށް ބުނެފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް