މެދުކެނޑިފައި އޮތް ގައުމީ ޓީމުގެ ޕްރެކްޓިސްތައް ފަށައިފި

ގުއާމާއާ ދެކޮޅަށް ނިކުންނަ ރާއްޖޭގެ ގައުމީ ޓީމް ވާމް އަޕް ކުރަނީ --- ފޮޓޯ: އެފްއޭއެމް

ގިނަ ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު ގައުމީ ފުޓުބޯޅަ ޓީމުގެ ޕްރެކްޓިސްތައް މިއަދު ރަސްމީކޮށް ފަށައިފި އެވެ.

ކޮވިޑް-19ގެ ސަބަބުން ކުޅިވަރު ކުޅޭ ހުރިހާ ތަންތަން ބަންދު ކުރުމާއެކު ފުޓުބޯޅައިގެ ހުރިހާ ހަރަކާތްތައް ވެސް މިދިޔަ މާޗް މަހުން ފެށިގެން އޮތީ މެދުކެނޑިފަ އެވެ. އަދި އެއަށްފަހު ޝެޑިއުލް ކޮށްގެން ކުޅެން ތައްޔާރުވަމުން އައި ވޯލްޑް ކަޕް/ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް ވެސް ފަސްކުރި އިރު އަންނަ އޯގަސްޓް މަހުގެ ތެރޭގައި އެ މެޗުތައް އަލުން ފެށުމަށް ވަނީ ނިންމާފަ އެވެ.

އެއާއެކު މިދިޔަ މަހުގެ ތެރޭގައި ގައުމީ ސްކޮޑު އަލުން އިއުލާންކޮށް، މިއަދު ވަނީ ރަސްމީކޮށް ޕްރެކްޓިސްތައް ފަށައިފަ އެވެ. އެގޮތުން 26 ކުޅުންތެރިންނާއެކު މިއަދު ހެނދުނު ގަލޮޅު ދަނޑުގައި ޕްރެކްޓިސް ފަށާފައިވާ އިރު ސްކޮޑުގެ ބާކީ ތިބި ކުޅުންތެރިންނަށް ޕްރެކްޓިހަށް ހާޒިރު ނުވެވުނީ ރަށް ރަށަށް ގޮސްފައި ތިބި ކުޅުންތެރިންނާއި ކޮވިޑް-19 ގެ ސަބަބުން މޮނީޓަރިންގް ހާލަތަށް ލާފައިވާ ގެއެއްގައި ދިރިއުޅެމުން އައި ކުޅުންތެރިއަކަށް ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.

އެޗްޕީއޭއިން ކުރިން އާންމުކުރި އުސޫލާ އެއް ގޮތަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ތައްޔާރުވަމުން އައީ ދެ ގްޕަކަށްރޫ ބަހާލައިގެން ޓީމް ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށެވެ. އެކަމަކު ދާދި ފަހުން އުސޫލަށް ގެނެވުނު ބަދަލާއެކު އެއް ފަހަރާ އެއްވެ އުޅެވޭ މީހުންގެ އަދަދު 30 އަށް ބަދަލުވުމުން ގައުމީ ޓީމު އެކުގައި ޕްރެކްޓިސް ކުރެވޭގޮތަށް ވަނީ ހުއްދަ ދީފަ އެވެ.

އެއާއެކުވެސް އެޗްޕީއޭއާއި، ފީފާގެ ގައިޑްލައިންތަކާ އެއްގޮތަށް އަމަލުކޮށްގެން ގައުމީ ޓީމުގެ ޕްރެކްޓިސްތައް މިއަދު ފެށި އިރު ކުރިން ވާހަކަ ދެކެވިފައި އޮތީ ޕްރެކްޓިސް ފެށުމުގެ ކުރިން ހުރިހާ ކުޅުންތެރިން ޓެސްޓް ކޮށްގެން ފެށުމަށެވެ. އެގޮތުން އިއްޔެ ހުރިހާ ކުޅުންތެރިން ކޮވިޑަށް ސްކްރީން ކޮށްފައިވާއިރު، އަލާމަތެއް ފެނިއްޖެނަމަ ކޮވިޑަށް ޓެސްޓް ކުރާނެކަމަށް އެޗްޕީއޭއިން ވަނީ ބުނެފަ އެވެ.

ކޮރޯނާވައިރަސް (ކޮވިޑް-19)ގެ ސަބަބުން ފަސްކުރި 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ މެޗުތައް އަންނަ އޮކްޓޫބަރު މަހު ފަށަން އޭއެފްސީން މިހާރު ވަނީ ނިންމާފަ އެވެ. ކޮލިފައިންގެ މެދުތެރެއިން ރާއްޖޭން ވަނީ ގައުމީ ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލު ގެނެސްފަ އެވެ.

އެގޮތުން ކޯޗަކަށް ނެދަލެންޑްސްގެ މާޓިން ކޫޕްމަން ހަމަޖެއްސިއިރު، އެސިސްޓަންޓުންގެ ގޮތުގައި މަސައްކަތްކުރާނީ މަޝްހޫރު ކޯޗު ގޫސް ހިޑިންކްގެ ކޮއްކޮ ރެނޭ ހިޑިންކާއި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކޯޗު އަލީ ސުޒޭނެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ 32 ކުޅުންތެރިންގެ ސްކޮޑު:

މާޒިޔާ: ސަމޫހު އަލީ (ސަމުއްޓެ)، މުހައްމަދު އިރުފާން (އިރޭ)، އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)، އިބްރާހިމް އައިސަމް، ހަމްޒާ މުހައްމަދު (ހަމްޕު)، ހުސެން ޝަރީފް (ހުސެން)، ހުސައިން ނިހާން (ނިހާޓް)، އާދަމް ނިޒާމް (ކިތުނާ)، ހަސަން ނާއިޒް (ދާދު)، އިބްރާހިމް ވަހީދު (އިއްބެ) މުހައްމަދު މުޖުތާޒް (މުޖޭ).

އީގަލްސް: އަހުމަދު ނޫމާން (ހެލްމެޓް)، އިމްރާން ނަޝީދު (އިންމަ)، އަހުމަދު ރިޒްވާން (ރިޒޭ)، ހުސެއިން ސިފާއު (ކުރޯ)، ހަސަން ރާއިފް އަހުމަދު (ހަންނަ)، އަލީ ފާސިރު (ސެންޓޭ)، ހަސަން ނަޒީމް (ޗޯޓު) ރީހާން އަބްދުލް ޢަނީ (ބޮބީ)

ޓީސީ: އަލީ އަޝްފާގު (ދަގަނޑޭ)، އަކުރަމް އަބްދުލް ގަނީ (އަކޫ)، އަހުމަދު ރިލްވާން (ބެން)، އިސްމާއިލް އީސަ (މެސީ)، އަލީ ޝާމިސް (ތޮއްޕޭ)، އިބްރާހިމް އިޝާން (ސައްޓު)

ގްރީން ސްޓްރީޓްސް: މުހައްމަދު އާރިފް (ބަކާ)، އަބްދުﷲ ޔާމީން (ޔާން)، މުހައްމަދު އުމެއިރު، މުހައްމަދު ޝަފީއު (ޗެކް)، މުހައްމަދު ސައީދު

ދަ ގްރާންޑޭ: މުހައްމަދު ފައިސަލް، ރަޝީދު

comment ކޮމެންޓް