ކެފޭތަކުގައި ސިގިރޭޓު ބޮވޭ ގޮތަށް އުސޫލު ބަދަލުކޮށްފި

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ނިއު ނޯމަލްގައި" ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ ގޮތަށް އެޗްޕީއޭއިން ކޮވިޑް-19އާ ގުޅިގެން އެކުލަވާލި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު އިސްލާހުކޮށްފިއެވެ.

ކޮވިޑް-19އާ ގުޅިގެން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގައި އަމަލު ކުރަންވީ ގޮތުގެ އުސޫލު އެޗްޕީއޭއިން އާންމު ކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެ އުސޫލުގައި ވާގޮތުން ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ސިނގިރޭޓާއި، ޝީޝާ އަދި އީސިނގިރޭޓު ބުއިމަކީ މަނާ ކަމެކެވެ.

ނަމަވެސް، އެ އުސޫލު އިސްލާހުކޮށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު އަލުން އެ އުސޫލު ވަނީ އާންމުކޮށްފައެވެ. އިސްލާހުކޮށް ނެރުނު އުސޫލުގައި، ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ސިނގިރޭޓާއި، ޝީޝާ އަދި އީސިނގިރޭޓު ބުއިން މަނާ ކުރަން އަންގާފައި ނުވެއެވެ.

އެ އުސޫލުގައި އަންގާފައި ވަނީ، ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރާ އިރު "އެހެން މީހުންނަށް ނުފޯރާ ވަރުގެ ދުރުމިނެއްގައި" ތިބެވޭނެ އިންތިޒާމު ކެފޭތަކާއި ރެސްޓޯރެންޓުތަކުން ހަމަޖައްސަންވާނެ ކަމަށެވެ.

އެގޮތަށް ނިންމީ ކޮން ސަބަބަކާ ހުރެތޯ "ސަން"އިން ސުވާލު ކުރުމުން ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، އެ ނިންމުމަކީ އެކި ދާއިރާތަކުގެ މީހުންނާއެކު މަޝްވަރާކޮށްފައި ނިންމި ނިންމުމެއް ކަމަށެވެ.

"އިތުުރު ދާއިރާތަކާ އެކީ އެހެން ބޭފުޅުންނާއެކީ މަޝްވަރާކޮށްފައި އެގޮތަށް ބާއްވަން އަޅުގަނޑުމެން ނިންމީ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކެފޭތަކާއި ރެސްޓޯރެންޓުތަކުގައި ޑައިންއިން ހިދުމަތް ދޭން ވަނީ ފަށައިފައެވެ. އެއާއެކު، ކޮފީތަކަށް އަރައި ވަރަށް ގިނަ މީހުން ސިނގިރޭޓު ބޯން ތިބެއެވެ.

comment ކޮމެންޓް