ކޯޓުތައް މާދަމާ ރަސްމީކޮށް ހުޅުވަން ނިންމައިފި

ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލިސް ކުރާ ކޮޓަރިއެއް -- ފޮޓޯ/ ސުޕްރީމް ކޯޓު

ކޮވިޑް-19 އަށްފަހު އަލުން ސަރުކާރު ހުޅުވަން ތައްޔާރުވެފައިވާއިރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ހުރިހާ މަސައްކަތްތައް މާދަމާ ރަސްމީކޮށް ފެށުމަށް ނިންމާފައިވާކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ ދިވެހިރާއްޖޭގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށްޓަކައި މާޗު މަހުގެ 19 އިން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުވާ އޮތް އޮތުން ނިމުމަކަށް ގެނެސް މާދަމާ ސަރުކާރުގެ މަސައްކަތްތައް ފެށުމަށް ހަމަޖެހިފައިވާތީ ކޯޓުތަކުގެ މަސައްކަތްވެސް ރަސްމީކޮށް ފެށުމަށް ނިންމާފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އިތުރަށް ބުނެފައިވަނީ ކޯޓުތަކުން ހިދުމަތް ފޯރުކޮށްދިނުމުގައި ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ހިދުމަތް ހޯދާ ފަރާތްތަކުގެ ސިއްހީ ސަލާމަތާއި ރައްކާތެރިކަމަށްޓަކަައި ފިޔަވަޅުތައް އަޅާފައިވާނެ ކަމަށެވެ.

ސަރުކާރު އިދާރާތައް ހުޅުވައިގެން މަސައްކަތް ކުރާއިރު އަމަލުކުރަން ޖެހޭ ރައްކާތެރިކަމުގެ އުސޫލުތަކާއި މިންގަނޑުތަކަށް ރިއާޔަތްކޮށް މަސައްކަތް ކުރުމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

މާލެ ސިޓީ ރެޑް އެލާޓުގައި އޮތުމުގެ ސަބަބުން މީހުން ކޯޓަށް ހާޒިރުކުރުމުގެ ބަދަލުގައި، ޝަރީއަތްތައް ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށެވެ.

comment ކޮމެންޓް