ތުރުކީން ލީބިޔާގައި ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރެއް އުފައްދައި ދެނީ

ތުރުކީ ސިފައިންގެ ވެރިޔާ އަދި ޗީފް އޮފް ސްޓާފް ޖެނެރަލް ޔުޝާރު ޣުލާރު ލީބިޔާގެ މިއިތީގާ އެއާޕޯޓްގައި

ޓްރިޕޮލީ (ޖުލައި 04) : ލީބިޔާގައި ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރެއް އުފެއްދުމާބެހޭ އަސްކަރީ އެއްބަސްވުމެއްގައި ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ތުރުކީއާއެކު ސޮއިކޮށްފި އެވެ.

މިއެއްބަސްވުމުގައި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ލީބިޔާއަށް ވަޑައިގެންއުޅުއްވާ ތުރުކީގެ ދިފާއީ ވަޒީރު ޚުލޫސީ އަކާރު އެވެ. ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެސަރުކާރުގެ ދިފާއީ ވުޒާރާ ހިންގުމާ ހަވާލުވެ ހުންނެވި ދިފާއީ ވަޒީރުގެ ނައިބު ސަލާޙް ނަމްރޫޝް އެވެ. މިއީ މިދިޔަ އަހަރު ފަހުކޮޅު ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާއި ތުރުކީ އާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެމްއޯޔޫ ގެ ދަށުން ސޮއިކުރި އެއްބަސްވުމެކެވެ.

ލީބިޔާގައި އަލަށް ބިނާކުރާ ސިފައިންގެ ލަޝްކަރަކީ ގައުމުގެ ދިފާއުކުރުން އެއީ އަސްކަރީ އަގީދާ (މިލިޓްރީ ޑޮކްޓްރިން) ކަމަށް ހަދައިގެން ބިނާކުރާ ޒަމާނީ ލަޝްކަރެކެވެ. ދޮޅު ލައްކަ މީހުންގެ ލަޝްކަރެއް ބިނާކުރުމަށް ރާވާފައިވާ މިމަޝްރޫޢުގެ ދަށުން ލީބިޔާގައި ތުރުކީން އަސްކަރީ ތަމްރީންދޭ އެތައް މަރުކަޒެއް ގާއިމްކުރާނެއެވެ. އަދި ތުރުކީ ސިފައިންގެ ކަނޑާ ވަޔާ އެއްގަމު ސިފައިންގެ ތަޖްރިބާކާރު މުދައްރިބުން ގެ އެތަށް ސަތޭކަ ބަޔަކު ޒަމާނީ ހަތިޔާރާއެކު ލީބިޔާއަށް އައިސް ތަމްރީން ދިނުމުގެ މަސައްކަތްވެސް ފަށާނެއެވެ.

ތުރުކީގެ ދިފާއީ ވަޒީރު ލީބިޔާގައި

ލީބިޔާގެ ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރުގެ އަސްކަރީ އަގީދާގައި ސިޔާސީ ކަންކަމުގެ ތެރެއަށް ސިފައިން ވަނުން މަނާވާނެ ކަމަށް އެގައުމުގެ ދިފާއީ ވަޒީރުގެ ނައިބު ސަލާޙް ނަމްރޫޝް ވިދާޅުވި އެވެ. ލީބިޔާގައި ވާދަވެރި ދެ ސަރުކާރެއް އޮންނަ އިރު މީގެތެރެއިން އދ. އާއި ބައިނަލްއަގްވާމީ މުޖްތަމައު ބަލައިގަންނަ ސަރުކާރަކީ ވެރިރަށް ޓްރިޕޮލީގައި މަރުކަޒު ހުންނަ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެވެ.

މި ސަރުކާރަށް ވާގިވެރިވާ މައިގަނޑު ދެ ގައުމަކީ ތުރުކީއާއި ގަތަރެވެ. އަނެއް ސަރުކާރަކީ ޖެނެރަލް ކަލީފާ ހަފްތަރުގެ ކޮންޓްރޯލްގެ ދަށުގައި އޮންނަ ސަރުކާރެކެވެ. އެސަރުކާރުގެ މަރުކަޒަކީ ލީބިޔާގެ އުތުރުގެ ސިޓީއެއްކަމަށްވާ ތުބްރުޤް އެވެ.

ޖެނެރަލް ހަފްތަރުގެ ކޮންޓްރޯލް އޮންނަ ސަރުކާރަށް ވާގިވެރިވަނީ މިސްރާއި ޔޫއޭއީ އާއި ސައޫދީ އަރަބިޔާ އެވެ. ދެހާސް އެގާރަ ވަނަ އަހަރު ލީބިޔާގެ އޭރުގެ ޒައީމް ކާނަލް މުއައްމަރުލްގައްޒާފީގެ ވެރިކަން ރައްޔިތުންގެ އުތުރިއެރުމާ އަދި ހުޅަނގުގެ އަސްކަރީ މަދަދާއެކު ވައްޓާލައި ގައްޒާފީ އަވަހާރަކޮށްލުމާއެކު ލީބިޔާގެ ސިފައިންގެ ލަޝްކަރު ރޫޅި ވަނީ ބައިބައިވެފައެވެ.

ސިފައިންގެ ތެރޭގައި ތިބި ގައްޒާފީ އަށް ތާއީދުކުރާ ފަރާތްތައް ގުޅުނީ ޖެނެރަލް ހަފްތަރު އާއެވެ. އިދިކޮޅު ވިސްނުމުގެ މީހުން ފަހުން ގުޅުނީ އޭގެ މާފަހުން އދ.ގެ ބެލުމުގެ ދަށުން ލީބިޔާގައި އުފެއްދި ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރާއެވެ. ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުގައި ސިފައިންގެ ލަޝްކަރުތަކެއް ނޯވެއެވެ. ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރު ދިފާއުކުރަނީ ހަތިޔާރުއެޅި އެކި ޖަމާއަތްތަކުންނެވެ.

ލީބިޔާގައި ޕްރޮފެޝަނަލް ސިފައިންގެ ލަޝްކަރެއް އަލަށް އުފައްދާއިރު ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ތާއީދުކުރާ ހަތިޔާރުއެޅި ހުރިޔާ ޖަމާއަތްތަކެއްގެ ހަނގުރާމަވެރިން އެ ލަޝްކަރުގެ ތެރެއަށް ވަދެގެންދާނެކަމަށާ އެއަށްފަހު ލީބިޔާގައި ސިފައިންގެ ރަސްމީ ލަޝްކަރު ފިޔަވައި ހަތިޔާރުއެޅި އެހެން ޖަމާއަތްތައް ލީބިޔާގައި ނުތިބޭނެ ކަމަށް ވެސް ސަލާޙް ނަމްރޫޝް ވިދާޅުވި އެވެ. ޕްރޮފެޝަނަލް ލަޝްކަރުގެ އަމާޒަކީ ލީބިޔާގެ ހުރިހާ ސަރަހައްދުތަކެއް ވަތަނީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެނަސް ލީބިޔާގައި މިހާރު ގެއްލިފައިވާ އެއްބައިވަންތަކަމާއި ވަހްދަތު އަލުން ގާއިމް ކުރުންކަމަށްވެސް ނަމްރޫޝް ވިދާޅުވި އެވެ.

ލީބިޔާގެ ބިމާއި ސަރަހައްދުތަކުގެ އެއްބައި މިހާރު އޮންނަނީ ޖެނެރަލް ހަފްތަރުގެ ބާރުތަކުގެ ކޮންޓްރޯލްގެ ދަށުގަ އެވެ. އަނެއްބައި އޮންނަނީ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް ތާއީދުކުރާ ހަތިޔާރުއެޅި އެކި ޖަމާއަތްތަކުގެ އަތްދަށުގަ އެވެ.

ދާދިފަހުން ތުރުކީގެ އަސްކަރީ އެހީއާއެކު ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރުން ވަނީ ހަފްތަރުގެ ކޮންޓްރޯލްގެ ދަށުގައި އޮތް ލީބިޔާގެ ހުޅަނގާއި ހުޅަނގު އުތުރުގެ ހުރިހާ ސަރަހައްދުތައް މިނިވަންކޮށް ހަފްތަރުގެ ބާރުތައް މެދުތެރޭ ސިޓީ އެއްކަމަށްވާ ސިރްތު ސިޓީ އާ ހަމައަށް ފަހަތަށް ޖައްސާފަ އެވެ. މިދިޔަ ހަފްތާގައި ތުރުކީގެ އަސްކަރީ އަދި ވިޔަފާރީގެ ބޮޑު ދެ ވަފްދު ލީބިޔާއަށްވަނީ ޒިޔާރަތްކޮށްފަ އެވެ.

ތުރުކީގެ ބޭނުމަކީ ތެލާއި ގުދްރަތީ ގޭހުގެ މުއްސަނދިކަން ލިބިފައިވާ ލީބިޔާގެ ވަތަނީ އެއްބައިވަންތަ ކަމުގެ ސަރުކާރަށް އަސްކަރީ ގޮތުން އެހީވެ ލީބިޔާގެ ހުރިހާ ސަރަހައްދުތަކެއް އެސަރުކާރުގެ ބާރުގެ ދަށަށް ގެނަސް ލީބިޔާ އެއްބައިވަންތަ ކުރުމަށްފަހު ލީބިޔާއާ އިގްތިސާދީ ގުޅުންތައް ބިނާކޮށްގެން ވިޔާފާރީގެ ފައިދާ ހާސިލް ކުރުން ކަމަށް ވަނީ ބެލެވިފަ އެވެ.

ލީބިޔާއަށް ޒިޔާރަތް ކުރި ތުރުކީގެ ދެ ވަފްދުގައި ތުރުކީގެ ގިނަ އަދަދެއްގެ ވަޒީރުންނާއި ތުރުކީގެ ބޮޑެތި ކުންފުނިތަކުގެ އިސްވެރިންނާއި ވިޔަފާރި ވެރިން ހިމެނެއެވެ. ލީބިޔާއަށް ވަޑައިގެން އުޅުއްވާ ތުރުކީގެ އަސްކަރީ ވަފްދުގައި އެގައުމުގެ ދިފާއީ ވަޒީރު ޚަލޫސީ އަކާރުގެ އިތުރުން ތުރުކީ ސިފައިންގެ ލަޝްކަރުތަކުގެ ކޮމާންޑަރު އަދި އާމީ ޗީފް އޮފް ސްޠޓާފް ޖެނެރަލް ޔުޝާރު ޣުލާރު އާއި ތުރުކީ ސިފައިންގެ އިސް ބައެއް ޖެނެރަލުން ހިމެނިވަޑައިގަންނަވައެވެ.

ތުރުކީ އަކީ ނޭޓޯގައިވާ ދެވަނައަށް އެންމެ ވަރުގަދަ ސިފައިންގެ ލަޝްކަރު އޮންނަ ގައުމެވެ. އެމެރިކާ ފިޔަވައި ތުރުކީގައި އޮންނަ ވަރުގެ އެއްގަމު ސިފައިންގެ ޕްރޮފެޝަނަލް ބިޔަ ލަޝްކަރެއް ނޭޓޯގެ އެއްވެސް ގައުމެއްގައި ނޯވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް