ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދުވެސް މުޒާހަރާކޮަށްފި

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދު ކުރި މުޒާހަރާ -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ޖިންސީ އަނިޔާއާ ދެކޮޅަށް މިއަދުވެސް މާލޭގައި މުޒާހަރާކޮށްފި އެވެ.

ޖެންޑާ މިނިސްްޓްރީ ކުރިމަތިން ފެށި މިއަދުގެ މުޒާހަރާވެސް އިންތިޒާމް ކުރީ، ޖިންސީ އަނިޔާއާ ދެކޮޅަށް އަޑުއުފުލާ ވޮއިސް އޮފް ޗިލްޑްރެންގެ ފަރާތުންނެވެ.

ޖެންޑާ މިނިސްޓްރީ ދޮށުގައި އަޑު އުފުލުމަށްފަހު، މުޒާހަރާގެ ބައިވެރިން މަޖީދީ މަގުން އާޓިފިޝަލް ބީޗު ކައިރިން ބޭރު މަގުން ގޮސް މިއަދުވެސް މަޑު ކުރީ، ރައީސް އޮފީސް ކައިރީ ހުންނަ ބީއެމްއެލް ކުރިމަތީގައެވެ.

މުޒާހަރާގެ ބައިވެރިން މައިގަނޑު ގޮތެއްގައި ގޮވާލާފައިވަނީ، ޖިންސީ އަނިޔާ ހުއްޓުވުމަށާއި އެފަދަ ކުށްތަކުގައި އިންސާފު ހޯދައި ދިނުމަށެވެ. އަދި މުއައްސަސާތައް މިކަމުގައި ޒިންމާދާރުވުމަށްވެސް މުޒާހަރާގެ ބައިވެރިން ވަނީ ގޮވާލާފައެވެ.

މަގުތަކުގައި މުޒާހަރާގެ ބައިވެރިން ހިނގާފައި ދިޔަ އިރު، ޓްރެފިކްވެސް ބަލަހައްޓައި، މުޒާހަރާ ކުރުމަށް ފުލުހުން ވަނީ ފުރުސަތު ދީފަ އެވެ. މިދިޔަ އަންގާރަ ދުވަހު ޖިންސީ އަނިޔާއާ ދެކޮޅަށް ކުރި މުޒާހަރާގައި ފުލުހުން ކޮންމެވެސް ވަަރަކަށް ހުރަސް އެޅި ނަމަވެސް، މިއަދުގެ މުޒާހަރާއަށް ފުލުހުން އެއްވެސް ވަރަކަށް ހުރަސް އަޅާފައި ނުވެއެވެ.

މިއަދުގެ މުޒާހަރާ ނިންމާލުމަށް ބީއެމްއެލް ކުރިމަތީގައި ތިބި އިރު، އަނިޔާ ލިބުނު ބައެއް ފަރާތްތައްވެސް ވަނީ އެ މީހުންގެ ހިޔާލު ފާޅުކޮށްފައެވެ. އޭގެ އިތުރުން ފުލުހުންނަށް އެމީހުންގެ ހުވާ ހަދާންކޮށްދީ، ރޭޕް ކުރާ މީހުން ހިމާޔަތް ކުރުން ހުއްޓާލުމަށްވެސް ވަނީ ގޮވާލާފައެވެ.

ފަހަކަށް އައިސް ޖިންސީ އަނިޔާގެ މައްސަލަތައް ވަނީ އިތުުރުވެފައެވެ. ފުލުހުންގެ ވެބްސައިޓުގައި ހާމަ ކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުން، މިއަހަރު މިހާތަނަށް ޖިންސީ އަނިޔާގެ 241 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގަައި ހުސްވި ޖޫން މަހު ހުށަހެޅި 30 މައްސަލައާއި، މިމަހުގެ މި ތިން ދުވަހު ހުށަހެޅި ހަ މައްސަލަ ހިމެނެއެވެ.

comment ކޮމެންޓް