އަދިތްޔާ "ދޯ ވިލަން" ދޫކޮށްލީތަ؟

ހުނަރުވެރި އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު---

ޑައިރެކްޓަރު މޯހިތު ސުރީ ޑައިރެކްޓްކޮށް 2014 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު އޭކް ވިލަންގެ ސީކުއަލް "ދޯ ވިލަން" ގެ ލީޑު އެކްޓަރު އަދިތްޔާ ރޯއީ ކަޕޫރު އެ ފިލްމު ދޫކޮށްލައިފިކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުގައި އަދިތްޔާ އެ ފިލްމުން ވަކިވީ ފިލްމުގެ ޑައިރެކްޓަރު މޯހިތު ސުރީ އާ ދެމެދު ޚިޔާލު ތަފާތުވުމުންނެވެ. ޚިޔާލު ތަފާތުވުން ގިނަވުމުގެ ސަބަބުން އެދެމީހުން ވާހަކަ ދައްކައިގެން ވެސް އެ މައްސަލަ ހައްލުނުވުމުގެ ސަބަބުން ދެމީހުން މަޝްވަރާކުރުމަށްފަހު ނިންމީ ފިލްމުން އަދިތްޔާ ވަކިވާށެވެ.

އަދިތްޔާ ފިލްމުން ވަކިވިކަން އަދި ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ. ޚަބަރުތައް ބުނާގޮތުގައި އަދިތްޔާ ފިލްމު ދޫކޮށްލުމާއެކު މޯހިތު މިހާރު އަންނަނީ ފިލްމަށް އެހެން އެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ހަތަރު ލީޑު ތަރިން ފެނިގެންދާ އެ ފިލްމުގެ ލީޑު ތަރިންނަކީ ދިޝާ ޕާޓްނީ، ތާރާ ސުތައިރާ އަދި ޖޯން އަބްރަހަމް އެވެ. އަންނަ އަހަރުގެ ޖަނަވަރީ މަހުގެ އަށް ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ މި ފިލްމު ގިނަ ބަޔަކަށް ކަމުދާނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ.

އެ ފިލްމުގެ ފުރަތަމަ ބައިން ފެނިގެން ދިޔައީ ސިދާތު މަލްހޮތުރާއާއި ޝްރަދާ ކަޕޫރެވެ.

އަދިތްޔާ އެންމެ ފަހުން ފެނިގެންދިޔައީ މޯހިތުގެ "މަލަންގް" އިންނެވެ. އެ ފިލްމަށް ބޮޑު ކާމިޔާބީއެއް ވަނީ ލިބިފައެވެ. އަދިތްޔާ އެންމެ މަޝްހޫރުވެގެން ދިޔައީ ވެސް މޯހިތުގެ ފިލްމަކުންނެވެ. އެއީ 2013 ވަނަ އަހަރު ޝްރައްދާ އާއެކު ކުޅުނު "އާޝިގީ 2" އިންނެވެ.

comment ކޮމެންޓް