ބޮޑުފިނޮޅު މައްސަލާގައި ކޮންޓްރެކްޓަރުވެސް ޑިވެލޮޕަރުވެސް ޒިންމާއެއް ނުނެގި

ޖުލައި 2، 2020: ބ. ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުން: މުޒާހަރާ ކުރި ބިދޭސީން ވަނީ ދިވެހިންގެ ބަޔަކު ރަހީނުކޮށް، އެ ރަށުގައި ހުރި މުދަލަށް ބޮޑެތި ގެއްލުން ދީފައި -- ފޮޓޯ: ފުލުހުން

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރާ، ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދިން މައްސަލައިގައި ކޮންޓްރެކްޓަރު ރިޒް މޯލްޑިވްސްއިން ޑިވަލޮޕަރު ސީލް މޯލްޑިވްސް އަށް ކުރި ތުހުމަތުތައް އެ ފަރާތުން ދޮގުކޮށް އެ ޒިންމާ ނަގަން ޖެހޭނީ ރިޒް މޯލްޑިވްސްއިން ކަމަށް ބުނެފި އެވެ.

ބޮޑު ފިނޮޅުގެ ކޮންޓްރެކްޓު މަސައްކަތްތަކެއް ކުރާ ރިޒް ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ނުދީގެން އެރަށުގައި މަސައްކަތްކުރާ ބިދޭސިންތަކެއް އިއްޔެ ވަނީ ހަމަނުޖެހުން ހިންގައިފަ އެވެ. އެކަމާ ގުޅިގެން ކޮންޓްރެކްޓަރު، ރިޒް މޯލްޑިވްސް އިން ބުނީ މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ޑިވެލޮޕަރާއެކު ވެފައިވާ އެއްބަސްވުމުގައި ބުނާގޮތަށް އެކުންފުންޏަށް ލިބެންޖެހޭ ފައިސާ ލިބިފައި ނުވާތީ ކަމަށެވެ.

ނަމަވެސް މި ވާހަކަތައް ދޮގުކޮށް ސީލް މޯލްޑިވްސްގެ ގާނޫނީ ޓީމް، އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށެވެ. އަދި ކޮންޓްރެކްޓްގެ ދަށުން 7,000 ރުފިޔާ ގެ ރޭޓުން ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް ފައިސާ ދައްކަންޖެހޭނެކަމަށް އެއްބަސްވުމުގައި ބުނާއިރު، 21 މިލިއަނަށްވުރެ ގިނަ ރުފިޔާ މިހާރުވެސް ކޮންޓްރެކްޓަރަށް ޑިވެލޮޕަރުގެ ފަރާތުން ދީފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

"މި ފައިސާއިން ކޮންޓްރެކްޓަރަށް އެފަރާތުގެ 200އެއްހާ މުވައްޒަފުންނަށް ފައިސާ ނުދެވެންވީ އެއްވެސް ސަބަބެއް ނުވިސްނެ އެވެ. އަދި، ލޯކްރާފްޓްގެ ފަރާތުން ކަމުގެ ހަގީގަތް ބަޔާންކޮށް ތަނުގައި މަސައްކަތްކުރަމުންދަނީ ކޮންޓްރެކްޓަރ ގެ 200 މުވައްޒަފުން ކަމަށް ބަޔާންކޮށްފައިވާއިރު، ކޮންޓްރެކްޓަރުގެ ފަރާތުން 300 މުވައްޒަފުން ތަނުގައި މަސައްކަތް ކުރަމުންދާކަމަށް ބަޔާންކޮށް ކޮށްފައިވާ އިންވޮއިސްތަކަށްވެސް، ޑިވެލޮޕަރުގެ ފަރާތުން ފައިސާ ދައްކާފައިވުމުން، މިއީ ކިހިނެތް ހިނގާފައިވާކަމެއްތޯ ބެލުމުގެ ގޮތުން ޑިވެލޮޕާގެ ފަރާތުން މިހާރު އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށް ގެންދާކަންވެސް މިފުރުސަތުގައި ފާހަގަކުރަމެވެ،" އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެެ އިތުރުން ރިޒް ގެ މުވައްޒަފުން އެރަށުގައި ހަމަނުޖެހުން ހިންގައި، ދެން އެރަށުގައި މަސައްކަތް ކުރަން ތިބި ފަރާތްތަކަށްވެސް އުނދަގޫ ފޯރުވާފައިވާ ކަމަށާއި ރަށުގައި މަސައްކަތްކުރަމުންދިޔަ އިތުރު ފަރާތްތަކުގެ މަސައްކަތްތަކަށް ތިން ފަހަރެއްގެ މަތިން ހުރަސް އަޅައި، މަސައްކަތް ހުއްޓުވައި، އަގު ބޮޑު ހެވީ މެޝިނަރީތަކަށް ގެއްލުންދީ، މާރާމާރީ ހިންގާފައިވާކަމަށް ބުނެފައިވެ އެވެ.

މިކަން އެނގޭ ފޮޓޯތަކާ އެކު، މި މައްސަލަ ހައްލުކުރުމަށް ގެ މެއި މަހުގެ 23 ވަަނަ ދުވަހު ގައި ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް ސިޓީއެއް ފޮނުވި ކަމަށާއި، މާރާމާރީ ހިންގައި ރަށަށާއި ރަށުގައި ހުރި މުދަލަށް ގެއްލުންދިނުމުގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ވަގުތުން ވަގުތަށް ރަށުން ބޭލުމަށާއި، ދެން ތިބި މީހުންގެ ތެރެއިން ކޮންޓްރެކްޓަރުގެ ބާކީ މުވައްޒަފުން މެއި މަހުގެ ނިޔަލަށް ރަށުން ބޭލުވުމަށް ކޮންޓްރެކްޓަރަށް އަންގާފައިވާނެ ކަމަށް ޑިވެލޮޕަރުން ތަމްސީލު ކުރާ ލޯ ފާމުން ނެރުނު ބަޔާނުގައިވެ އެވެ.

ރިޒްގެ ފަރާތުން ވަކާލާތު ކުރާ ލޯކްރާފްޓުން މިމައްސަލާގައި ނެރުނު ބަޔާނަށް ރިއާޔަތްކޮށް، ސީލް ތަމްސީލުކުރާ ލޯފާމުން ބުނީ ސައިޓުގައި މަސައްކަތްކުރާ ކޮންޓްރެކްޓަރުގެ މުވައްޒަފަކު ފަރުވާކުޑަވުމުގެ ސަބަބުން ނުވަތަ އެހެންވެސް ޑިސިޕްލިނަރީ މައްސަލައެއްގެ ސަބަބުން ސައިޓުގައި ނުބެހެއްޓުމަށް ނުވަތަ މަސައްކަތުގައި އިތުރަށް ނުގެންގުޅުމަށް ޕްރޮޖެކްޓް މެނޭޖަރު ނުވަތަ ޑިވެލޮޕަރު ނިންމައިފިނަމަ، އެމުވައްޒަފަކު ވަގުތުން މަސައްކަތުން ދުރުކޮށް ސައިޓުން ބޭރުކޮށްދިނުމަށް ކޮންޓްރެކްޓަރު އެއްބަސްވާކަމަށް ކޮންޓްރެކްޓުގައި އޮންނާނެ ކަމަށެވެ.

އެހެންކަމުން މެއިމަހުގެ 23 ގައި ގައި ޑިވެލޮޕަރުގެ ފަރާތުން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް އަމަލުނުކުރަން ކޮންޓްރެކްޓަރަށް އެއްވެސް އުޒުރެއް ދެއްކެން ނޯންނާނެ ކަމަށް ބުނެފައިވެއެވެ.

"މުވައްޒަފުން ބޭލުމުގެ ކަންކަން ކުރިއަށް ގެންދިއުމުގައި އެހީތެރިވެދިނުމަށް ޑިވެލޮޕަރގެ ކިބައިން އެދިފައިވާކަމަށް ލޯކްރާފްޓްގެ ނޫސް ބަޔާނުގައި ބުނެފައިވީނަމަވެސް، އޭރުވެސް މިހާރުވެސް ޑިވެލޮޕަރުގެ ފަރާތުން ބުނަމުން މިދަނީ ރަށުން މީހުން ބޭލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ކަމަށް، ކަމާ ގުޅޭ އެންމެހައި ލިޔުންތައް ހެކިދެކެއެވެ. އަދި އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން މުވައްޒަފުން ރަށުން ބާލާފައި ނުވަނީވެސް، ކޮންޓްރެކްޓަރު ކަން އެނގޭކަން ފާހަގަކުރަމެވެ." އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ އިތުރުން ލޯކްރާފްޓްގެ ބަޔާނުގައި، ބޮޑުފިނޮޅުގައި ތިިބި މުވައްޒަފުންނަކީ ހިއުމަން ޓްރެފިކް ކުރުމުގެ ކެޓަގަރީއަށް ފެތޭ ބައެއް ކަމަށް ބެލެވިދާނެކަމަށް ބުނެފައިވާއިރު އެ މުވައްޒަފުންނަކީ، ލޯކްރާފްޓްގެ މުވައްކިލު، ރިޒްގެ މުވައްޒަފުންކަން ފަހަގަކުރާ ކަމަށް އެޑްވޮކަސީ ޗެމްބާސް އިން ނެރުނު ބަޔާނުގައިވެ އެވެ.

އެގޮތުން އެމީހުންނަށް މުސާރަ ދޭންޖެހެނީވެސް ކޮންޓްރެކްޓަރު ކަމަށާއި އަދި މުޒާހަރާކޮށް މާރާމާރީ ހިންގައި ހެވީ މެޝިނަރީތަކަށް ގެއްލުން ދިނުމާއި ގުޅިގެން، އެކަން ޑިވެލޮޕަރުގެ ފަރާތުން ފުލުހުންނަށް ރިޕޯޓްކުރުމުން، ފުލުހުންގެ ފަރާތުން ދިޔަ އޮފިސަރުންނާ ހަވާލާދީ ބަޔާނުގައި ބުނީ ކޮންޓްރެކްޓަރުގެ މުވައްޒަފުންގެ އަތުގައި، ޑޮކިއުމަންޓްތައް ނެތުމުގެ ސަބަބުން، އެފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި ދަތިތައް ހުރިކަމަށެވެ.

"އަދި މިކަން އިތުރަށް ބެލި ބެލުމުން، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން މުވައްޒަފުންގެ އިންޝުއަރެންސް ކަންކަންވެސް ކޮންޓްރެކްޓަރު ގެ ފަރާތުން ފުރިހަމަ ކޮށްފައި ނުވާކަމަށާއި، ވޯކް ވިސާވެސް އޭގެ ތެރެއިން ގިނަ މުވައްޒަފުންގެ އަތުގައި ނެތްކަން ޑިވެލޮޕަރަށް ވަނީ ފާހަގަކުރެވިފައެވެ،" ސީލްގެ ގާނޫނީ ޓީމުން ނެރުނު ބަޔާނުގައި ބުންޏެވެ.

ޑިވެލޮޕަރގެ ފަރާތުން ކޮންޓްރެކްޓަރަށް އެއްވެސް ފައިސާއެއް މިހާރު ދައްކަންޖެހޭތޯ ބަލާއިރު، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ކޮންޓްރެކްޓަރުގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކަށްވުރެ އިތުރަށް ފައިސާ ދެވިފައިވާކަމަށް ޑިވޮލޮޕަރަށް ގަބޫލުކުރެވޭ ކަމަށާއި އަދި ސައިޓްގައި މަސައްކަތް ނުކުރާ ދުވަސްތަކަށް ކޮއްތު ފައިސާ ވެސް ދެވިފައިވާކަން ލިޔެކިއުންތަކުން ފެންނަން ހުންނާނެ ކަމަށް ބުންޏެވެ.

އިއްޔެގެ ވަގުތެއްގައި ކޮންޓްރެކްޓަރުގެ މުވައްޒަފުން ދިވެހިންތަކެއް ރަހީނުކޮށް، ރަށުގައި ހުރި ތަންތަނަށާއި، ހެވީ މެޝިނަރީތަކަށާއި، ވޯޓާ ޕައިޕްލައިން ތަކަށާއި، އެހެނިހެން ތަކެއްޗަށް ބޮޑެތި ގެއްލުންތައް ދީފައިވާއިރު، އެތަކެއް މިލިއަން ރުފިޔާގެ ގެއްލުން ކޮންޓްރެކްޓަރުގެ ފަރާތުން ޑިވެލޮޕަރަށް ލިބިފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މި ގެއްލުމުގެ ބަދަލު އެސެސް ކުރެވުމުން މީޑިއާއާ ހިއްސާ ކުރާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

މި މައްސަލަ މިގޮތަށް ދިމާވިިއިރު، ޑިވެލޮޕަރުގެ ފަރާތުން ކޮންޓްރެކްޓަރަށް އިތުރަށް ދައްކަންޖެހޭ ފައިސާއެއް ނެތްއިރުވެސް، މި މައްސަލަ ޙައްލުކުރުމުގެ ގޮތުން، އިއްޔެ އާއި ހަމައަށް ޑިވެލޮޕަރުގެ ފަރާތުން އެކި ހުށަހެޅުންތައް ހުށަހަޅާފައިވާކަމަށާއި، އެގޮތުން މައްސަލަ ހައްލުކޮށް، ރަށުން މުވައްޒަފުން ބާލާނަމަ، އިތުރަށްއއް މިލިއަން ރުފިޔާ ދިނުމަށް ޑިވެލޮޕަރުގެ ފަރާތުން ހުށަހަޅާފައިވާކަމަށާއި، ނަމަވެސް، ކޮންޓްރެކްޓަރު ގެ ފަރާތުން އެއްބާރުލުން ނުދިނުމުގެ ސަބަބުން، މައްސަލަ ޙައްލުކުރެވޭ ގޮތް ނުވީކަމަށް ސީލް މޯލްޑިވްސް އާއި ހަވާލާދީ އެ ކުންފުނީގެ ގާނޫނީ ޓީމުން ބުނެފައިވެ އެވެ.

"މައްސަލަ ހައްލުކުރުމުގެ ބަދަލުގައި، ކޮންޓްރެކްޓަރުގެ ފަރާތުން ރަށުގައި ތިބި އެންމެހައި ދިވެހި މުވައްޒަފުންތައް ރަށުން ގެންދިއުމަށްޓަކައި ލޯންޗަށް އެރުވުމުން، އެކަމާ ކޮންޓްރެކްޓަރުގެ މުވައްޒަފުންތައް ރުޅިއައިސް، ތިމަންނަ މެންނާ ހަވާލުވާނެ ބަޔަކު ނެތި، މިތަނުން ފުރައިގެން ނުދެވޭނެކަމަށް ބަޔާންކޮށް، ލަޓިބުރިތަކާއި ދަގަނޑު ހޮޅިތައް ކޮންޓްރެކްޓަރުގެ ދިވެހި މުވައްޒަފުން ތިބި ލޯންޗާ ދިމާލަށް އުކާފައިވާކަން ލޯފާމުން ބެލިބެލުމުން އެނގިފައިވާކަމަށާއި، މިމަންޒަރު ދައްކުވައިދޭ ވީޑިއޯ ލޯފާމަށް ލިބިފައިވާކަމަށާއި، މީޑިއާއިން ބޭނުންފުޅުވެލައްވާނަމަ، ވީޑިއޯ މީޑިއާއާ ހިއްސާކޮށްދޭނެ ވާހަކަ ދަންނަވަމެވެ" އެ ބަޔާނުގައި ބުނެފައިވެ އެވެ.

ބޮޑުފިނޮޅުގައި ހަމަނުޖެހުން ހިންގި 19 ބިދޭސީއަކު ފުލުހުން ވަނީ މިއަދު ހައްޔަރު ކޮށްފައެވެ. ފުލުހުން އެރަށުގައި ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ އޮފިސަރުންނަށްވެސް އަނިޔާވިއިރު، ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

އެރަށަށް ދިޔަ ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް