ބިދޭސިން ދިވެހިން ރަހީނުކުރުން "އޯކޭވުމަކީ" ގައުމަށް ގައްދާރުވުން: މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ -- ސަން ފޮޓޯ: މުހައްމަދު މުޒައްޔިން ނާޒިމް

ބިދޭސިން ދިވެހި ބިމުގައި ދިވެހިން ރަހީނުކުރުމަކީ "އޯކޭ" ކަމެއް ކަމަށް ދުށުމަކީ ގައުމަށް ގައްދާރުވުން ކަމަށް ގަބޫލު ކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މާރިޔާ މިއަދު ވިދާޅުވީ ބިދޭސިންގެ ހައްގު ހޯދުމަށް ރާއްޖޭގެ ކޯޓުތަކާއި ހިޔުމަން ރައިޓްސް ކޮމިޝަން، އަދި ލޭބާ ރިލޭޝަންސް އޮތޯރިޓީ އާއި މިނޫން ވެސް އިތުރު ގާނޫނީ އިންތިޒާމުތައް ހުންނަ ކަމަށެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަން އުޅުނު ބިދޭސިންތަކަކަށް މުސާރަ ނުދޭތާ އެއްތައް މަހެއް ވެފައިވަނިކޮށް އިއްޔެ އިން ފެށިގެން އެ ރަށުގައި ހަމަނުޖެހުން ހިންގަމުންދާ މައްސަލާގައި މިނިސްޓަރު ވިދާޅުވީ "ދިވެހި ބިމުގައި، ދިވެހިން ރަހީނުކޮށް، މުދަލަށް ގެއްލުން ދިނުމަކީ މުސާރަ ނުލިބުމުން އޯކޭ ކަމެއް ކަމުގައި ދުށުމަކީ އޯކޭ ކަމެއް ކަމުގައި ދުށުން އެއީ ގައުމަށް ގައްދާރުވުން ކަމަށް އަޅުގަނޑު ދެކެން،" ކަމަށެވެ.

ބޮޑުފިނޮޅު މައްސަލާގައި ފުލުހުން މިއަދު ބުނީ އެރަށުގައި ހަމަނުޖެހިން ހިންގި ކަމުގެ ތުހުމަތުގައި 19 ބިދޭސީ އަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު މާރިޔާ މިއަދު ކުރެއްވި އެހެން ޓްވީޓެއްގައި ވަނީ ބިދޭސިން ހިންގަމުންދިޔަ ހަމަނުޖެހުމަށް ހައްލެއް ހޯއްދަވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔަ އަށް ޝުކުރު އަދާ ކުރައްވައިފަ އެވެ. މައްސަލަ ހައްލު ކުރުމަށް ބަންގްލަދޭޝް ހައިކޮމިޝަނުން ދިން އެއްބާރުލުމާއި އެހީތެރިކަމަށް ވެސް މިނިސްޓަރު ވަނީ ޝުކުރު އަދާ ކުރައްވައިފަ އެވެ. މިނިސްޓަރު ވިދާޅުވީ ބޮޑުފިނޮޅުގައި ތިބި ހުރިހާ ދިވެހިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެމީހުން ސަލަމަތް ކުރުމަށް ފުލުހުން ކުރި މަސައްކަތް ފުރިހަމަ ކަމަށެވެ.

ބޮޑުފިނޮޅުގައި ހިނގަމުން ދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ރޭ ވަނީ މާލެއިން ފުލުހުންގެެ ޓީމެއް އެރަށަށް ގޮސްފައެވެ.

އިރުއަރަން ގާތްވެފައިވަނިކޮށް ފުލުހުން ވަނީ އެ ރަށަށް އަރައި ރަހީނު ކޮށްފައިވާ 12 ދިވެހިން ސަލާމަތް ކޮށްފަ އެވެ.

ސަލާމަތްކުރި ދިވެހިންގެ ހާލު ރަނގަޅު ކަމަށާއި، އެމީހުންނަށް އެއްވެސް އަނިޔާއެއް ކޮށްފައި ނުވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

އެރަށަށް ދިޔަ ފުލުހުންގެ ޓީމުން މިހާރު ދަނީ ރަށުތެރޭގައި ހުރި ތަކެއްޗާއި ތަންތަނަށް ދީފައިވާ ގެއްލުންތައް ބަލައި މައުލޫމާތު އެއްކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

އަދި ބަންގްލަދޭޝް ހައިކޮމިޝަންގެ އޮފިޝަލުންގެ އެހީތެރިކަމާއެކު އެރަށުގައި ތިބި ބިދޭސީ މަސައްކަތްތެރިންނާ މުއާމަލާތްކޮށް، ހަމަނުޖެހުމުގައި ޝާމިލުވާ މީހުން ދެނެގަނެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް