ކޮވިޑަށް ކުރި ހޭދަ 975 މިލިއަނަށް

މޭ، 23، 2020 - ކޮވިޑް 19ގެ ސަބަބުން އިގްތިސާދަށް އަދި މާލިއްޔާއަށް ކުރާ އަސަރާ ގުޅޭ ގޮތުން ފިނޭންސް މިނިސްޓްރީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު-- ފޮޓޯ/ އެންއީއޯސީ

ކޮވިޑް19 އާއި ގުޅިގެން މިހާތަނަށް 975.7 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހުގެ 25 އާއި ހަމައަށް ކޮވިޑްގެ ކަންތަކަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ މެދުވެރިކޮށެވެ. އެންޑީއެމްއޭ މެމެދުވެރިކޮށް 641.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ހެލްތު މިނިސްޓްރީ މެދުވެރިވެގެން 148.4 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.

މީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ ކޮވިޑާ ގުޅިގެން ފޯރުކޮށްދެންޖެހޭ ހިދުމަތްތައް ދިނުމަށާއި ބޭނުންވާ ސާމާނު ހޯދުމަށެވެ. އެކަމަށް 466 މިލިއަން ހޭދަކޮށްފައިވެއެވެ. ކޮވިޑަ ގުޅިގެން ހޯދަންޖެހުނު މެޝިނަރީސްތަކަށް ނުވަތަ ކެޕިޓަލް އިކުއިޕްމެންޓުތަކަށް 180.6 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

ސަބްސިޑީ ނުވަތަ އެހީގެ ގޮތުގައި ސަރުކާރުން ވަނީ މި މުއްދަތުގެ ނިޔަލަށް 114.4 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. އޮޕަރޭޝަނަލް މަސައްކަތްތަށް 67 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

މި މަސައްކަތުގައި ބޭނުންކުރާ އިމާރާތްތަކަށް 59.9 މިލިއަން ރުފިޔާ ހޭދަކުރި އިރު ދަތުރުތަކަށް 4.2 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

ކޮވިޑާ ގުޅިގެން ވަޒީފާ އަށް އަސަރުކޮށްފައިވާ ފަރަތްތަކަށް މިހާތަނަށް 10.1 މިލިއަން ރުފިޔާ އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކޮށްފައިވާއިރު ކޮވިޑް ރިކަވަރޯ ލޯން ސްކީމުގެ ދަށުން 350 މިލިއަން ރުފިޔާ ވަނީ ދޫކޮށްފަ އެވެ.

ވިޔަފާރިތަކަށް ބީއެމްއެލް މެދުވެރިކޮށް 339.1 މިލިއަން ރުފިޔާ ދޫކޮށްފައިވާއިރު އެސްޑީއެފްސީ މެދުވެރިކޮށް 108.8 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފަ އެވެ.

ކޮވިޑާ ގުޅިގެން ގާއިމްކުރި ނޭޝަނަލް އިމަޖެންސީ ސެންޓަރުގެ ނަން ހެލްތު އިމަޖެންސީ ސެންޓަރަށް ބަދަލުކޮށް، ނިއު ނޯމަލްގެ ތިންވަނަ ފޭސް މިހާރު ވަނީ ފަށައިފަ އެވެ.

އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކާޢި ބޭންކުތަކުންވެސް އާންމު ހާލަތިގައި ހިދުމަތްދޭ ވަގުތުތަކާ އެއްގޮތަށް ހިދުމަތް ދޭން ފަށާނެ އެވެ.

comment ކޮމެންޓް