ނޫސްވެރިޔާ ޑެނިއެލް ޕާލް މަރާލިކަން ސާބިތުވި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ނޫސްވެރިޔާ ޕާލްގެ މަރުގެ މައްސަލާގައި ޖަލަށް ލާފައިވާ އަހުމަދު އުމަރު ސައީދު ޝޭހު -- ފޮޓޯ: އޭއެފްޕީ

އިސްލާމްއާބާދު (ޖުލައި 3): އެމެރިކާގެ ނޫސްވެރިޔާ ޑެނިއެލް ޕާލް 2002 ވަނަ އަހަރު ޕާކިސްތާނުގައި މަރާލި ކަމަށް ސާބިތުވެ، ޖަލަށް ލާފައިވާ ހަތަރު މީހުންގެ ހުކުމް ކަރާޗީގެ ސިންދު ހައި ކޯޓުން ބާތިލު ކުރި ނަމަވެސް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރަން ސިންދު ޕްރޮވިންސުގެ ސަރުކާރުން ނިންމައިފި އެވެ.

ޕާލް އަކީ ޕާކިސްތާނުގެ ޖާސޫސީ އިދާރާ، އައިއެސްއައި އާއި އަލްގައިދާއާ އޮތް ގުޅުން ތަހުގީގު ކުރަމުން ދަނިކޮށް 2002 ވަނަ އަހަރު ވަގަށް ނަގާފައިވާ ނޫސްވެރިޔެކެވެ. އަދި އޭނާ މަރާލުމަށް ފަހު، އޭނާގެ ކަރު ބުރި ކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ކަރާޗީގައި ހުންނަ އެމެރިކާގެ ކޮންސިއުލޭޓަށް އޭރު ފޮނުވާފަ އެވެ.

އެ މައްސަލާގައި އަލް ގައިދާގެ ލީޑަރެއް ކަމަށްވާ އަހުމަދު އުމަރު ސައީދު ޝޭހު މަރަން ޕާކިސްތާނުގެ ކޯޓަކުން 15 ޖުލައި 2002ގައި ހުކުމް ކުރި އެވެ. އަދި އިތުރު ތިން މީހަކު އުމުރަށް ޖަލަށް ލާން ހުކުމް ކުރި އެވެ.

ނަމަވެސް މިދިޔަ އޭޕްރިލް މަހުގެ ދެވަނަ ދުވަހު ކަރާޗީގެ ކޯޓަކުން ވަނީ ޕާލް ވަގަށް ނެގިކަން ޝޭހުގެ މައްޗަށް ސާބިތުވި ނަމަވެސް، ޕާލް މަރާލިކަން އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށް ބުނެފަ އެވެ. އަދި އެ މައްސަލާގައި އޭނާ ޖަލަށް ލެވޭނީ ހަތް އަހަރަށް ކަމަށް ކަނޑައަޅައިފަ އެވެ.

އޭރު ޝޭހު އާއި އެ މައްސަލާގައި ދެން ހައްޔަރު ކުރި ތިން މީހުން ވެސް ވަނީ 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކޮށްފައި ކަމުން އެމީހުން ޖަލުން ދޫކޮށްލުމަށް މަގުފަހިވި އެވެ. ނަމަވެސް އެ މީހުން މިނިވަން ވުމަށް ފުރުސަތު ނުދިނުމުގެ ގޮތުން ސިންދުގެ ސަރުކާރުން ވަނީ ބޮޑެތި ކުށްތައް ކުރާ މީހުން ތިން މަހަށް ބަންދު ކުރުމަށް ހުއްދަދޭ އަމުރެއް ތަންފީޒު ކޮށް، އެ މީހުން މި މަސް ފެށެން ދެން ޖަލުގައި ބޭތިއްބުމަށް އަމުރުކޮށްފަ އެވެ.

ކަރާޗީގެ މައި ޖަލުގެ ސުޕްރިންޓެންޑެންޓް ހަސަން ސެތޫ ވިދާޅުވި ގޮތުގައި އެ ހަތަރު މީހުން ދޫކޮށްލުމުން އާއްމު ސަލާމަތަށް ނުރައްކާ ވެދާނެތީ، އެ މީހުންގެ ބަންދުގެ މުއްދަތު އަނެއްކާ ވެސް ތިން މަހަށް އިތުރު ކުރަން ސިންދުގެ ސަރުކާރުން މިހާރު ވަނީ ނިންމާފަ އެވެ.

މީގެ އިތުރުން އެ ހަތަރު މީހުންގެ ހުުކުމް ބާތިލު ކުރި މައްސަލަ ސިންދުގެ ސަރުކާރުން ވަނީ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހަޅައިފަ އެވެ. އަދި ސެޕްޓެމްބަރު 25ގައި އެ އިސްތިއުނާފުގެ އަޑު އެހުމެއް ފަށަން ވަނީ ހަމަޖެހިފަ އެވެ.

އިނގިރޭސިވިލާތަށް އުފަން ޝޭހު އަކީ 1994 ވަނަ އަހަރު އިންޑިއާގައި ހަތަރު ބިދޭސީ ފަތުރުވެރިން ރަހީނު ކުރި މައްސަލާގައި ހައްޔަރުކޮށް ޖަލަށްލި މީހެކެވެ. ނަމަވެސް 1999ގައި ކަތަމަންޑޫއިން ނިއު ދިއްލީއަށް ދަތުރު ކުރަމުންދިޔަ މަތިންދާބޯޓެއް ބަޔަކު ހައިޖެކްކޮށް، އެބޯޓު އަފްގާނިސްތާނުގެ ކަންދަހާރުގައި ޖެއްސި އެވެ. އަދި ބޯޓުގައި ތިބި 155 މީހުން ދޫކޮށްލީ އިންޑިއާއިން ހައްޔަރުކޮށްފައިވާ ތިން މީހަކު ދޫކޮށްލުމުންނެވެ. އޭގެ ތެރޭގައި ޕާކިސްތާނުގެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ޖައިޝް އީ މުހައްމަދުގެ ލީޑަރު މަސްއޫދު އަޒްހަރާއި ޝޭހު ހިމެނުނެވެ.

comment ކޮމެންޓް