އެންމެ ބޮޑު އަމާޒަކީ ރައީސްގެ ވައުދުތައް ހާސިލް ކުރުން: ބައްސާމް

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހޯދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށް ގައުމީ ފުޓުބޯޅަ ޓީމު ޖާޒީއެއް ހަދިޔާ ކުރައްވަނީ --- ފޮޓޯ/އެފްއޭއެމް

އެފްއޭއެމްގެ އެންމެ ބޮޑު ޓާގެޓަކަށްވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެފައިވާ ފުޓުބޯޅައިގެ ވައުދުފުޅުތަކާއި، ކުޅިވަރާ ބެހޭ ވުޒާރާގެ އެދިލެއްވުންތައް ފުރިހަމަ ކުރުން ކަމަށް އެ އިދާރާއަށް ދެވަނަ ދައުރަކަށް އިއްޔެ އިންތިހާބުވި ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ އެ އެސޯސިއޭޝަނުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދެކިގެން މަސައްކަތް ކުރާނީ އެ އިރެއްގައި އޮންނަ ސަރުކާރާއި ގުޅިގެން ކުރިއަށް ދިއުން ކަމަށެވެ. އެގޮތުން ރައީސް އިބްރާހިމް ސޯލިހުގެ ފުޓުބޯޅައަށް ވެފައިވާ ވައުދުތައް ފުއްދުމަށް އިސްކަމެއް ދޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލު ކުރާގޮތުގައި އެފްއޭގެ މިހާރު އިންތިހާބުވި އެކްޒެކެޓިވް ކޮމިޓީގެ ވެސް އެންމެ ބޮޑު މަސްއޫލިއްޔަތަކަށް ހަމަ ވާނީ ރައީސުލް ޖުމްހޫރިއްޔާގެ ވައުދުފުޅުތައް، ފުޓުބޯޅައިގެ ތެރެއިން ކުރަން ޖެހޭ ކަންތައްތައް ވުން. އަޅުގަނޑުމެން މިތިބީ ހަމަ ރައީސުލް ޖުމްހޫރިއްޔާގެ ފުޓުބޯޅައިގެ ވައުދުފުޅުތައް ފުއްދުމަށް މިނިސްޓްރީ [ކުޅިވަރާ ބެހޭ ވުޒާރާ] އާ އެކު މަސައްކަތް ކުރަން ތައްޔާރަށް،" ބައްސާމް ވިދާޅުވި އެވެ.

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިއްޔެ ބޭއްވި އިންތިހާބުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކުޅިވަރު ވައުދުފުޅުތަކުގެ ތެރެއިން ވެސް ފުޓުބޯޅައަށް ހާއްސަ އިސްކަމެއް ދެއްވައިގެން ވަނީ ގިނަ ކަންތައްތަކެއް ފާހަގަ ކުރައްވާފަ އެވެ. އެގޮތުން ރާއްޖޭގައި ބައިނަލް އަގުވާމީ ގިނަ މުބާރާތްތަކެއް ބޭއްވުމާއި، ދަނޑުތައް ފުރާލުމުގެ އިތުރުން ރާއްޖޭގެ 100 ރަށެއްގައި ފީފާ އެޕްރޫވްޑް ފެންވަރުގެ ބޮޑު ފުޓުބޯޅަ ދަނޑު އެޅުން ހިމެނެ އެވެ.

އެ ވައުދުފުޅުތައް ހަގީގަތަކަށް ހެދުމަށް ކުޅިވަރާ ބެހޭ ވުޒާރާއިން މިހާރުވެސް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އަންނަ އިރު މިއަހަރުގެ ތެރޭގައި 13 ރަށެއްގެ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ނިމި އިތުރު 22 ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް މިފަހުން ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްއާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކާ އެކު ސަރުކާރާއި، އެފްއޭއެމްއާ ދެމެދު ނުތަނަވަސްކަމެއް އޮތްކަން ވަނީ ދޭހަވެފަ އެވެ.

އަދި އެއާ އެކު ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު، ފާތިމަތު ނިޔުޝާ ސޮއިކުރައްވައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފަށް ބުރާސްފަތި ދުވަހު ފޮނުއްވި ސިޓީއަށްފަހު އެ މިނިސްޓްރީން ވަނީ އެފްއޭއެމްއަށް އިންތިހާބު ލަސްކުރުމަށް އެދި ސިޓީއަށް ފޮނުވައިފަ އެވެ.

އެހެން ނަމަވެސް އެފްއޭއެމްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބެލޭނެ ކަމަށް ގަބޫލުނުކުރާ ކަމަށާއި، އެ އިދާރާގެ އެއްވެސް ކަމެއް ސީދާ ބެލޭނީ ސްޕޯޓްސް ކޮމިޝަނަށް ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ފީފާ އާއި އޭއެފްސީގެ ލީގަލް ޓީމުގެ މަޝްވަރާ ހޯދިން އަޅުގަނޑު ގަބޫލެއް ނުކުރަން މަޖިލީހަށް ބެލޭނެ ކަމަކަށް،" ބައްސާމް ވިދާޅުވި އެވެ. "އަޅުގަނޑުމެންގެ ފަރާތުން ހޯދަން ޖެހޭ މައުލޫމާތެއް އޮތިއްޔާ އެ ދާންޖެހޭ ތާކަށް ގޮސްގެން އަޅުގަނޑުމެންގެ ފަރާތުން ސާފު ކޮށްދޭން ޖެހޭ ކަމެއް ސާފް ކޮށްދޭން ތައްޔާރު." ބައްސާމް ވިދާޅުވި އެވެ.

comment ކޮމެންޓް