ފެނަކައާ ހޯރަފުށި ކައުންސިލް ގުޅިގެން ބޮޓްލިން ޕްލާންޓެއް ގާއިމުކުރަނީ

ހޯރަފުށީފައި ފެން އުފައްދާ ޕްލާންޓެއް ގާއިމް ކުރުމަށް ފެނަކައާއި އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---

ފެނަކަ ކޯޕަރޭޝަނާއި ހޯރަފުށީ ކައުންސިލް ގުޅިގެން އެ ރަށުގައި ބޮޓްލިން ޕްލާންޓެއް ގާއިމް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ ޕްރޮޖަކްޓަކީ ހޯރަފުށީ ކައުންސިލްގެ ހިއްސާ އޮންނަ ގޮތަށް ޖޮއިންޓް ވެންޗާ އުސޫލުން ބޯފެން އުފައްދައި ފުޅީގައި ބަންދުކުރާ ޕްލާންޓެއް ގާއިމްކޮށް ހިންގުމުގެ ޕްރޮޖެކްޓެކެވެ.

ވެބްކޮންފަރެންސްކޮށް ބޭއްވި ރަސްމިއްޔާތެއްގައިި ފެނަކައިގެ ފަރާތުން އެ އެއްބަސްވުމުގައް ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު އެވެ. އަދި ހޯރަފުށީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދުއެވެ.

ހޯރަފުށީފައި ފެން އުފައްދާ ޕްލާންޓެއް ގާއިމް ކުރުމަށް ފެނަކައާއި އެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަހްމަދު ސައީދު ---

އެއްބަސްވުމުގެ ދަށުން ދުވާލަކު 10،000 އާއި 12،000 ދެމެދުގެ ފެން ފުޅިއަށް އަޅައި ބަންދު ކުރެވޭނެ އެވެ. އަދި ޕްރޮޖެކްޓްގެ ތެރެއިން ކޮންމެ ގެއަކަށް ޑިސްޕެންސާއެއް ވެސް ހަވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ވަނީ ބުނެފަ އެވެ.

ތިލަދުންމަތީގައި މިހާރު ވެސް ފެން އުފައްދާ ބަންދުކުރާ ކާރުހާނާއެއް ހުރެއެވެ. އެއީ މިދިޔަ އަހަރު ކުރީ ކޮޅުގައި އެމްޑަބްލިއުއެސްސީގެ ސްބްސިޑަރީ ކުންފުނި އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އިން ހދ. ކުޅުދުއްފުށީގައި ގާއިމްކޮށްފައިވާ ކާރުހާނާ އެކެވެ.

އެ ޕްލާންޓްގައި ގަޑިއަކު 9،000 ފުޅި ބަންދުކުރުމުގެ ގާބިލްކަން ލިބިގެންވާ ކަމަށް އައިބީއެމް އިން ވަނީ އޭރު ބުނެފަ އެވެ.

comment ކޮމެންޓް