އާދިއްތައިން ފެށިގެން އެމްއެމްއޭއާއި ބޭންކުތައް ހުޅުވާނެ ދުވަސްތައް އާންމުކޮށްފި

އެމްއެމްއޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ އާދިއްތަ ދުވަހުން ފެށިގެން އެމްއެމްއޭއާއި ބޭންކުތައް ހުޅުވާނެ ދުވަސްތައް އިއުލާނުކޮށްފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އެމްއެމްއޭއާއި ބޭންކުތަކުން ހިދުމަތް ދެމުންދިޔައީ މަދު ދުވަސްތަކެއްގައި، ކަނޑައެޅިފައިވާ ވަކި ހިދުމަތްތަކެކެވެ.

މަރުކަޒީ ބޭންކް އެމްއެމްއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މިމަހުގެ ފަހެއްވާ އާދިއްތަ ދުވަހުން ފެށިގެން އެމްއެމްއޭ އަދި ބޭންކުތައް ހުޅުވާފައި ހުންނާނީ އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށެވެ.

އެމްއެމްއޭ އިން ދޭ ބޭންކިންގެ ހިދުމަތް ހެނދުނު 08:30 އިން މެންދުރުފަހު 02:00 އަށް ދޭނެ ކަމަށްވެސް އެމްއެމްއޭ އިން ބުންޏެވެ. އަދި ސިޓީއާއި ތަކެތި ބަލައިގަތުން ވެސް މި ވަގުތުތަކުގައި ކުރިއަށްދާނެ އެވެ.

އެމްއެމްއޭ އިން ބުނީ ޖެމްސް ބޭނުންނުކުރާ އިދާރާތަކާއި އާންމު ފަރާތްތަކުން އެމްއެމްއޭ އަށް ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި [email protected] އަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެދޭކަމަށެވެ.

އާދިއްތަ ދުވަހުން ފެށިގެން ކުދި ރުފިޔާ ދޫކުރުމުގެ ހިދުމަތާއި ވަކިލާރި ދޫކޮށް ބަލައިގަތުމުގެ ހިދުމަތް ދޭނީ ކޮންމެ ހަފްތާއެއްގެ އަންގާރަ އަދި ބުރާސްފަތި ދުވަހުކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ، އަދި މި ހިދުމަތް ހޯދުމަށް ކުރިޔެކޭވެސް އެއްފަދައިން އެމްއެމްއޭގެ ނަންބަރު 7919292 އަށް ހިދުމަތް ހޯދުމަށް ދާ ފަރާތުގެ މައުލޫމާތާއި ހޯދަން ބޭނުންވާ ހިދުމަތް ލިޔުމަށްފަހު އެސްއެމްއެސް ނުވަތަ ވައިބާ ކުރުމަށް އެމްއެމްއޭ އިން އެދެއެވެ.

އަދި އެމްއެމްއޭ އަށް ހިދުމަތް ހޯދުމަށް ދާ ހުރިހާ ފަރާތްތަކަކުން މާސްކް އެޅުއްވުމަށްވެސް އެ އޮތޯރިޓީ އިން އިލްތިމާސް ކުރެއެވެ.

comment ކޮމެންޓް