އަންހެން ކުދިން ޓްރެފިކޮށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި އެޕްސްޓީންގެ ކުރީގެ ލޯބިވެރިޔާ ހައްޔަރުކޮށްފި

ގިލެއިން މެކްސްވެލް ޖެފްރީ އެޕްސްޓީންއާއެކު: އެޕްސްޓީންއާއެކު ގިނަ އަދަދެއްގެ އަންހެން ކުދިންނަށް ގޯނާ ކުުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ގިލެއިންގެ މައްޗަށް ކުރެވޭ --

ދެ ހާހުގެ ކުރީ ކޮޅުން ފެށިގެން އެމެރިކާގެ ނިއުޔޯކާއި ފްލޮރިޑާގައި ގިނަ އަދަދެއްގެ ކުޑަ އަންހެން ކުދިން ޓްރެފިކްކޮށް، އެ ކުދިންނަށް ޖިންސީ ގޯނާ ކުރުމަށް "ސެކްސް ރިންގް"އެއް ގެންގުޅުނު މަޝްހޫރު ފައިނޭންސިއާ އަދި މިލިއަނަރު، ޖެފްރީ އެޕްސްޓީންއަށް އެކަންކަން ކުރުމުގައި އެހީތެރިވި ކަމަށް ތުހުމަތު ކުރެވޭ އޭނާގެ ކުރީގެ ލޯބިވެރިޔާ ގިލެއިން މެކްސްވެލް، 58، އެފްބީއައިއިން ހައްޔަރުކޮށްފިއެވެ.

އެމެރިކާގެ ރައީސް، ޑޮނަލްޑް ޓްރަމްޕްއާއި ކުރީގެ ރައީސް ބިލް ކްލިންޓަންއާއި ހޮލީވުޑްގެ ތަރިން ފަދަ މަޝްހޫރު، އަދި ފުންނާބު އުސް މީހުންނާ ގާތް ގުޅުމެއް ގެންގުޅުނު އެޕްސްޓީން ހައްޔަރު ކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އޭނާގެ މައްޗަށް ކުރި ދައުވާތަކަށް އޭނާ އިންކާރު ކުރިއެވެ.

ޝަރީއަތް ނިމެންދެން ފެޑެރަލް ޖަލެއްގައި ބަހައްޓައިފައި ހުއްޓާ މިދިޔަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައި އެޕްސްޓީން ވަނީ ދަންޖެހިގެން އަމިއްލައަށް މަރުވެފައެވެ.

އެޕްސްޓީންއާއި އޭނާއާއެކު ކުށްތަކުގައި ބައިވެރިވި ކަމަށް ތުުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު، މިހާރު ބޮޑުވެފައި ތިބި އޭނާގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ގިނަ އަދަދެއްގެ އަންހެނުން ވަނީ ހާމަކޮށްފައެވެ.

އެ މީހުން ތުހުމަތު ކުރާ ގޮތުގައި އެޕްސްޓީންގެ ކުރީގެ ލޯބިވެރިޔާ އަދި ފަހުން ގާތް ރަހުމަތްތެރިޔާ ގިލެއިން މެކްސްވެލްވެސް ވަނީ އެޕްސްޓީންއަށް އަންހެން ކުދިން ހޯދައިދީ، އެ ކުދިން ގްރޫމްކޮށް، ޓްރެފިކްކޮށް، ޖިންސީ ގޯނާ ކުރުމުގައި ބައިވެރިވެފައެވެ. ގިލެއިން ވަނީ މީގެ ކުރިން އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެޕްސްޓީން ހައްޔަރު ކުރިއިރު، ގިލެއިންވެސް ހައްޔަރު ނުކުރީ ކީއްވެތޯ މީގެ ކުރިން ސުވާލު އުފެދުނެވެ. އެޕްސްޓީން ހައްޔަރު ކުރި ފަހުން މިއަދާ ހަމައަށް އޭނާ އުޅުނީ އާންމު ތަންތަނުން "ފިލައިގެން"ނެވެ.

ނަމަވެސް، އެފްބީއައިއިން މިއަދު އިނގިރޭސިވިލާތަށް ނިސްބަތްވާ ގިލެއިން ހައްޔަރުކޮށްފައިވާ ކަމަށް އެމެރިކާގެ މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެޕްސްޓީންގެ ކުށްތަކާ ގުޅޭ މައްސަލަތަކެއްގައި އޭނާ ހައްޔަރު ކުރީ ނިއުހޭމްޕްޝާ ސްޓޭޓްގެ ބެޑްފޯޑްއިންނެވެ. އޭނާގެ މައްޗަށް ވަނީ އެ ޖިންސީ ކުށްތަކާ ގުޅިގެން ދައުވާކޮށްފައެވެ.

ގިލެއިންގެ އިތުރުން، އެޕްސްޓީންގެ ސެކްސް ރިންގުގައި ބައިވެރިވި ކަމުގެ ތުހުމަތު އިނގިރޭސި ރާނީގެ ދަރިކަލުން ޕްރިންސް އެންޑްރިއުއަށްވެސް ކުރެވެއެވެ. ނަމަވެސް، އޭނާވެސް ވަނީ އެކަން ދޮގުކޮށްފައެވެ. އަދި އިނގިރޭސި ޝާހީ ގަނޑުވަރުންވެސް އެކަންކަން ދޮގުކުރެއެވެ.

އެކަން ދޮގުކުރުމަށް ޕްރިންސް އެންޑްރިއު ބީބީސީއަށް މިދިޔަ އަހަރު ދެއްވި އިންޓަވިއުއެއް އުންމީދުކުރި ގޮތާ ހިލާފަށް ހިނގައި، އެތައް ފާޑުކިޔުމެއް އޭނާއަށް އަމާޒުވުމާ ގުޅިގެން އޭނާ 2019 ނޮވެމްބަރުން ފެށިގެން އޭނާ ހުރީ ޝާހީ ޒިންމާތަކުން ދުރުކޮށްފައެވެ.

އެޕްސްޓީންގެ ޝިކާރައަކަށްވި ގިނަ އަދަދެއްގެ އަންހެނުން އެ މީހުންގެ ވާހަކަތައް ކިޔައިދޭ "ޖެޕްރީ އެޕްސްޓީން: ފިލްތީ ރިޗް" ނަމަކަށް ކިޔާ ޑޮކިއުމެންޓްރީއެއް ނެޓްފްލިކްސްއިން އުފައްދައި، މި އަހަރުގެ މޭ މަހު ރިލީޒްކޮށްފައިވާ އިރު ދުނިޔޭގެ ގިނަ ބަޔަކު ވަނީ އެ ބަލައިފައެވެ.

comment ކޮމެންޓް