ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފްލެޓްތައް ޕީޕީއެމް،ޕީއެންސީގެ ބޭފުޅުނަށް ދައްކާލަން އެދެފި

ޖޫން 24، 2020: ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރާ ހިޔާ މަޝްރޫއުގެ ފްލެޓުތައް. -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ދަށުން ނިމިގެން ދިޔަ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަން ފެށި ފްލެޓްތައް ޕީޕީއެމް، ޕީއެންސީގެ ބޭފުޅުނަށް ދައްކާލަން އެދެފި އެވެ.

އެ ފްލެޓްތައް ދައްކާލުމަށް އެދި ޕީޕީއެމް، ޕީއެންސީއިން ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް ފޮނުވާފައިވާ ސިޓީއެއް މިއަދު ޕީޕީއެމްއިން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އެ ސިޓީގައި ބުނީ އެ ފްލެޓްތަކާމެދު ދިވެހި ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހާމަކޮށް އެކަން އެ ކޯލިޝަންގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

"އެ ކަންބޮޑުވުންތަކާ ގުޅިގެން މި ކޯލިޝަންގެ އިސް ބޭފުޅުންގެ ޓީމަކުން، ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ފަށާފައިވާ ފްލެޓް، ހައުސިން ޔުނިޓްތައް ބަލާލަން ބޭނުންވާތީ އަންނަ އާދިއްތަ ދުވަހުގެ ވަގުތަކަށް އެކަން ހަމަޖައްސައި ދެއްވުން އެދި ދެންނެވީމެވެ." ޕީޕީއެމް/ޕީއެންސީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެ ޓީމްގައި 30 ބޭފުޅުން ހިމެނޭނެކަަމަށް ވެސް ބުނެފައިވެ އެވެ.

ފުލެޓްތައް އެއްކޮށް ނުނިންމައި ރައްޔިތުންނަށް ދޭން ނިންމުމާ ގުޅިގެން އިދިކޮޅުން ސަރުކާރަށް ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ފިނިޝިންއާއެކު ފްލެޓްގެ ހުރިހާ މަސައްކަތްތަަކަށްވެސް ނިމިގެން ދިޔަ ސަރުކާރުގައި ފައިސާ ހަމަޖައްސައިފައިވާކަމަށްވެސް ވަނީ ބުނެފައެވެ.

އެ ފްލެޓްތައް ދޭން ސަރުކާރުން މިހާރު ނިންމާފައިވަނީ ކޮންމެ މަހަކު 11،000 ރުފިޔާ ދައްކާގޮތަށް 20 އަހަރުގެ ދުވަހުގެ މައްޗަށެވެ. އިދިކޮޅުން ވަނީ އެ ނިންމުމަށް ފާޑުކިޔައި ސަރުކާރަށް ފައިދާވާގޮށް 5،600 ރުފިޔާއަށް ފުލެޓް ދެވޭނެ ކަމަށް ބުނެފައެވެ.

comment ކޮމެންޓް