މަބްރޫކު: ބެންޗްމާކަކާ އެކު ހަޔާތުގެ އެންމެ ބޮޑު ކާމިޔާބީ

މަބްރޫކު އޭނާގެ ޓީމާއެކު --

"މަބްރޫކުގެ މައުލޫމާތުތައް ވެގެން ދިޔައި، ރައްޔިތުންނާއި ކޮވިޑާ ދޭތެރޭ އެޅުނު އެންމެ ވަރުގަދަ ބުރިޖަށް،،" ވޭތުވެެދިޔަ ހަތަރު މަސްދުވަހު ދަތި އުދަނގޫ ދަނޑިވަޅުގައި ރައްޔިތުނާ ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް އުޅުއްވި މުހައްމަދު މަބްރޫކު އަޒީޒާ ގުޅޭ ގޮތުން ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވި އެވެ.

ކޮވިޑްގެ ނުރައްކާތެރި ހާލަތުގައި، އެ ނުތަނަވަސްކަމުގައި މިނިސްޓަރަށްވެސް ޔަގީންވި އެއް ކަމެއް އޮތެވެ. އެއީ ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކު ގޯހެއް ނުހަދާނެކަމެވެ.

"އަޅުުގަނޑުމެންނަށް ހާސްކަމެއް ނެތި ދާ އެއްކަމެއް އޮވޭ. އެއީ މަބްރޫކުގެ މައުލޫމާތު ފޯރުކޮށްދިނުން. އެ ދުވަހު ހިނގާ ކަންކަން ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށްދެވޭނެ މެދު އަޅުގަނޑުމެންނަށް އެއްވެސް ޝައްކެތް ނޯވޭ،" ހާސްކަމާއި ކަންބޮޑުވުންތަކެއް ހިމެނޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މަބްރޫކު ކަން ކުރެއްވީ އެފަދަ ހާސްކަމެއް ރައްޔިތުންނަށް ނުފޯރުވާނެ ގޮތަކަށް ކަމަށް ފާހަގަކުރައްވަމުން ހެލްތު މިނިސްޓަރު ވިދާޅުވި އެވެ.

ރޭ އެންއޯއީސީން ބޭއްވި ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވާހަކަ ދައްކަވަނީ: ނޫސްވެރިންގެ ބައްދަލުވުން ހާއްސަކުރެއްވީ މަބުރޫކްއަށް --- ފޮޓޯ/ އެންއޯއީސީ

ދަންވަރެެއް ފަތިހެއް ނެތި މަބްރޫކު ކުރި މަސައްކަތް ނޫސްވެރިންވެސް ބަލައިގަތީ ޝުކުރުވެރިކަމާއެކު އެވެ. އެންއޯއީސީގެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ފަދައިން ކޮންމެ ނޫސްވެރިއެއްގެ ޝުކުރު މަބްރޫކަށް އޮހިގަތެވެ.

ސަބަބަކަށް ވީ، ނޫސްވެރިން ކޮންމެ ގަޑިއަކު ގުޅާލިނަމަވެސް ފޯނު ނަންގަވަ އެވެ. ކުރާ ސުވާލަކަށް އެގަޑީގައި ދޭނެ ޖަވާބެއް ނެތް ނަމަވެސް ފަހުންވިޔަސް އެ ޖަވާބު ހޯއްދަވައި ފޯރުކޮށްދެއްވަ އެވެ. ސަރުކާރުގެ އެހެން އިދާރާތަރުކުގެ ތަރުޖަމާނުންނަށް ގުޅައި މައުލޫމާތު ހޯދުމަށް ބައެއް ފަހަރު ދަތިތަކެއް ކުރިމަތިވި ނަމަވެސް މަބްރޫކާ ގުޅުމުގައި ހުރަހެއް ނެތެވެ. ކޮންމެ އިދާރާއެއްގައި "މަބްރޫކެއް" ހުންނަން ޖެހޭކަމަށް މިއަދު ނޫސްވެރިން ބުނަމުންދެވެ.

ވޭތުވެދިޔަ ހަތަރު މަސްދުވަހު އެންއޯއީސީން 160 ނޫސްވެރިންގެ ބައްދަލުވުން ބޭއްވި އިރު، އޭގެ ތެރެއިން 111 ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ބައިވެރިވެވަޑައިގެންނެވިއެވެ. އެއިން ކޮންމެ ނޫސްވެރިންގެ ބައްދަލުވުމުގެ ލައިވްއަށްފަހު، ގިނަ ވަގުތު ނޫސްވެރިންގެ ސުވާލުތަކަށް ޖާވާބު ދެއްވުމަށް މަބްރޫކު މަޑުކުރެއްވިއެވެ. އެހެންޔާ ޝުކުރު ނުދަންނަވާ ނޫސްވެރިންގެ ޝުކުރު ހައްގުވި ސަބަބުތަކަކީމި އެވެ.

އެންމެ ބޮޑު އިސްކަމެއް ދިނީ މައުލޫމާތު ފޮރުވުމެއްނެތި ހާމަ ކުރުމަށް!

އެންއޯއީސީގެ ތަރުޖަމާނުކަމުގެ މަގާމާ ހަވާލުވެ، މަބްރޫކުގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން: އޭނާ އެންމެ އިސްކަމެއް ދެއްވީ މައުލޫމާތު ފޮރުވުމެއް ނެތި ހާމަ ކުރުމަށް --- ސަން ފޮޓޯ / އަހްމަދު ސައީދު

މުޅި ދުނިޔެއަށްވެސް ކުރިމަތިވި ވައިރަހުގެ ބިރުވެރިކަމުގެ ތެރޭ ވެސް ރައްޔިތުންނަށް އެއްވެސް ފޮރުވުމެއްނެތި މައުލޫމާތުތައް ފޯރުކޮށްދިނުމަށް ފަސްޖެހުމެއްނެތި އޭނާ ކުރެއްވީ ސާބިތު ހިދުމަތްތަކެކެވެ.

ރައްޔިތުންނަށް ކޮވިޑް19 ގެ މައުލޫމާތު ފޯރުކޮށްދިނުމުގެ މި ބުރަ، ބޮޑު މަސްއޫލިއްޔަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުކުރެއްވި އިރު، މަބްރޫކު ޖެހިލުންވި އެއް ކަންތައް އޮތެވެ.

އެއީ ސިއްހީ މިފަދަ ކަމެއްގައި އޭނާއަށް ސިއްހީ ގޮތުން މާބޮޑު މައުލޫމާތުތަކެއް ނޭނގުމެވެ. ސިއްހީ މާހިރަކަށް އޭނާ ނުވުމެވެ. ޕޮޓިލިކަލް ސައިންސްގެ ދާއިރާއިން ތައުލީމް ހާސިލް ކުރެއްވި މަބްރޫކުގެ ހިތުގައި އޭރު އުފެދުނު ސުވާލަކަށްވީ، ސިއްހީ ކަންކަތަކުގައި ރައްޔިތުންނަށް މައުލޫމާތު އަރުވާ މީހަކަށް އޭނާ ވާނީ ކިހިނެތް ހެއްޔެވެ؟

"އަޅުގަނޑަކީ މެޑިކަލް ޕްރޮފެޝަލްއެއް ނޫން. އޭރު ބަލިތަކާ ގުޅޭ ގޮތުންވެސް އަދި ހާއްސަކޮށް މިފަދަ ބަލިތަކާ ގުޅޭ ގޮތުން މާބޮޑު މައުލޫމާތުތަކެއް ނޭނގެ. އެހެންވެ އެރު ހިތައް އެރި ކިހިނެތްބާއޭ މިކަން ކުރާނީ. ނަމަވެސް އޭރު ރައީސް އޮފީހުންވެސް ދެއްވި ޔަގީން ކަމަކީ، އަބަދުވެސް ސިއްހީ ކަންކަމާ ގުޅޭ ގޮތުން ޑޮކްޓަރުން އަރާނެއޭ. އެހިސާބުން ވަރަށް ބޮޑު ހިތް ހަމަޖެހުމެއް ލިބުނު،" މަބްރޫކު ވިދާޅާޅުވި އެވެ.

މްބްރޫކާއެކު ޑިރެކްޓާ އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކު: މަބްރޫކު އެންމެ ޖެހިލުންވީ، އޭނާ ސިއްހީ މާހިރަކަށް ނުވުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަބްރޫކްއަކީ، އޭނާ ގަބޫލު ކުރައްވާ އުސޫލުތަކުގައި ހިފައްޓަވަން ވަރަށް ބޮޑަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ހަމަހަމަކަމާއެކު އެއްވެސް ނޫސްވެރިއެއް ތަފާތު ކުރުމެެއް ނެތި އެ މަސައްކަތް ކުރެއްވި އެވެ. އޭގެ އިތުރުން ކަންކަން ފޮރުވުމަށް މަަސައްކަތް ނުކުރައްވައި، ތެދު މައުލޫމާތު ހާމަ ކުރައްވަން މަސައްކަތް ކުރެއްވި އެވެ. އަދި "ކަންކަން ފޮރުވަން ބުނާ ދުވަހަކު މި ގޮނޑިއަކު ނީންނާނެ"ކަމަށް މަބްރޫކް ވަރަށް ކެރިވަޑައިގެން އެތައް ފަހަރަކު ވިދާޅުވެފައިވެ އެވެ.

އޭނާ އެންމެ ބޮޑު އިސްކަމެއް ދެއްވީވެސް ކަންކަން ނުފޮރުވާ، ރައްޔިތުންނަށް ހާމަކުރުމަށެވެ.އަދި އެއީ އޭނާގެ މަސައްކަތް ރައްޔިތުން ބަލައިގަތް އެއް ސަބަބުކަމަށް މަބްރޫކުވެސް ދެކެވަޑައިގަންނަވަ އެވެ.

"ވަރަށް ބޮޑު ޒިންމާއަކާ ހަވާލުވީ. އަމާޒަކަށްވީ، ތެދު ބަހުން ކަންކަން ކިޔައި ދިނުން. އެއްވެސް ފޮރުވުމެއް ނެތި. އަދި މިކަމުގައި އޮތް އުންމީދާއި، ނުރައްކާއާ ދެމެދު ބެލެންސްއެއް ގެންގުޅުނިން. އެއީ ރައްޔިތުން ވަރަށް ބަލައިގަތް ކަމެއް،" މަބްރޫކު "ސަން"އަށް ވިދާޅުވި އެވެ.

"ނޫސްވެރިންގެ ސަބަބުން ރަނގަޅުކުރަންވީ ކަންކަން ފެނުނު"

ނޫސްވެރިންގެ ބައްދަލުވުމަަކަށްފަހު، މަބްރޫކު ނޫސްވެރިންނާއެކު: ނޫސްވެރިންގެ ސަބަބުން އޮޕަރޭޝަންގައި ރަނގަޅު ކުރަންވީ ކަންތައްތައް ދެނެގަނެވުނުކަމަށް ވިދާޅުވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19 ގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ އޭޕްރިލް 30 ވަނަ ދުވަހުއެ ވެ. އެ މަރާއެކު އެންއީއޯސީއާއި މުޅި ސަރުކާރުވެސް ޕްރެޝަރަށް ވެއްޓުނު އިރު، އެ ހާލަތުގައި ކަން ކުރި ގޮތާ މެދު އެތައް ސުވާލެއްވެސް ކުރިމަތިވި އެވެ.

މަބްރޫކަށްވެސް މިދިޔަ ހަތަރު މަހުގެ ތެރޭގައި އެންމެ އުނދޫވީ އެ ދަނޑިވަޅެވެ.

"ކޮންމެ މަރަކުންވެސް އުދަނގޫތަކެއް ވޭ. ޑޮކްޓަރުންނަށް އެއާ ފޭސް ކުރަން ފަސޭހަވެދާނެ. ނަމަވެސް ފުރަތަމަ މަރުން ވަރަށް ބޮޑަށް ހާސް ކުރުވި،" މަބްރޫކު ވިދާޅުވި އެވެ.

މަބްރޫކު ދެކެވަޑައިގަންނަވާ ގޮތުގައި ކޮވިޑް19 ގެ މުޅި އޮޕަރޭޝަން ޒިންމާދާރުކުރުމުގައި ނޫސްވެރިން ވަރަށް މުހިންމު ދައުރެއް އަދާކުރި އެވެ. ވަރަށް ފަހުރުވެރިވާ ކަމެއްގެ ގޮތުގައި ފަހަގަކުރައްވަމުން އޭނާ ވިދާޅުވީ މިއީ ވަރަށް ރީތި ޑިމޮކްރެޓިކް މިސާލެއް ކަމަށެވެ.

"މުޅި މި އެކްސައިޒަކީ، ވަރަށް ރީތި ޑިމޮކްރެޓިކް އެކްސަޒެއް. ކިތަންމެ ރައްޓެހި ނަމަވެސް އެއްވެސް ޖާނަލިސްޓަކު ދުލެއް ނުދޭ. ފަސޭހަކޮށް ނުދޭ. ވަރަށް ޓަފް ސުވާލު އަހާ. އެއާއެކު އޮޕަރޭޝަނަށް ރަނގަޅު ކުރަން ހުރި ކަންކަންވެސް ފެނުނު. އަދި ރަނގަޅު ކުރަން ޕްރެެޝަރަކަށްވި،" މަބްރޫކު ވިދާޅުވި އެވެ.

"އެ ޕްރެޝަނާ ނައުމަށް އެވެސް ކަހަލަ ނިޔަތެއް ނެތް. އަޅުގަނޑުގެ ނިޔަތަކަށްވީ، ނޫސްވެރިން ކުރިމަތި ކުރުވާ ސުވާލުތަކާއެކު އޮޕަރޭޝަން ޒިންމާދާރުވުން. އެއީ ވަރަށް ރީތި މިސާލެއް. އެއީ ޗެކް އެންޑް ބެލެންސް މީޑިއާއެކު ކްރިއޭޓް ކުރާ ގޮތަކީ،"

ހަޔާތުގެ އެންމެ ބޮޑު ކާމިޔާބު!

މަބްރޫކު: މިއީ ހަޔާތުގެ އެންމެ ބޮޑު ކާމިޔާބު ކަމަށް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މި ބޮޑު ޒިންމާ ނިންމާލި އިރު، މަބްރޫކަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްޔިތުން އޭނާގެ މަސައްކަތް ބަލައިގަތުމެވެ. ކުރެއްވި މަސައްކަތަށް ރައްޔިތުންގެ ޝުކުރާއި ލޯބި އޮހިގަތުމުން އޭނާއަށް ނުހަނު ބޮޑެތި އުފާތަކެއް ލިބުނު އިރު، އެންއީއޯސީގެ ތަރުޖަމާނުގެ ގޮތުގައި ކުރެވުނު މަސައްކަތަށް ދިރިއުޅުމުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީކަމަށް އޭނާ ބުނެ އެވެ.

"ލައިފް ޓައިމްގެ އެންމެ ބޮޑު އެޗީވްމަންޓް މިއީ. އެންމެ ފަހުރުވެރިވާ މަސައްކަތް މި ކުރެވުނީ،" ރައީސް އޮފީހުގައި އަންޑާ ސެކެޓްރީކަމުގައި ހުރުމަށްފަހު، އެންއޯއީސީގެ ތަރުޖަމާނެއްގެ ގޮތުގައި މަސައްކަތް ކުރަން ފެއްޓެވި މަބްރޫކު ވިދާޅުވި އެވެ.

"ލައިފް ބެލެންސްއެއް ނެތް މިދިޔަ ހަތަރު ދުވަހު. ނިދަން އެކަނި ގެޔަށް ވަންނަނީ." މަބުރޫކް ވިދާޅުވި އެވެ.

ޖުލައި އެއްވަނަ ދުވަހުން ފެށިގެން އެންއީއޯސީ އުވާލާފައިވާ އިރު، މަބްރޫކު ވިދާޅުވީ އަލުން އެނބުރި ރައީސް އޮފީހުގައި އަދާކުރަމުން ދިޔަ އަންޑަސެކްރެޓަރީކަމުގެ ވަޒީފާއަށް ދިޔަ ނަމަވެސް ހެލްތު އެމަޖެންސީ އޮޕަރޭޝަނަށް އޭނާގެ އެހީތެރިކަން ލިބޭނެ ކަމަށެވެ.

އެންއޯއީސީގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން --

ރާއްޖޭގައި އެންމެ ފުރަތަމަ ކޮވިޑް19 ގެ ކޭސްއެއް ފެނުމާއެކު މާޗު ހަތްވަނަ ދުވަހު ދަރުބާރުގޭގައި އެންއީއޯސީ ގާއިމުކުރި އިރު، ފަރުވައެއް ހޯދިފައި ނުވާ މި ބައްޔާ ދެކޮޅަށް ރާއްޖެއިން ކުރި ހަނގުރަމައިގައި ސަރުކާރުގެ 70 އަށްވުރެ ގިނަ އިދާރާއިން ރެޔާ ދުވާލު މަސައްކަތްކުރި އެވެ.

ތަޖުރިބާކާރުން އެންމެ ފުރަތަމަ ކުރެއްސެވި ލަފާގެ ޗާޓުތަން ދެއްކީ މި ބަލި އެއްލައްކަ މީހުންނަށް ޖެހި، 2،000 އެއްހާ މީހުން މަރުވާނެ ކަމަށެވެ. ނަމަވެސް ވަކި ހިސާބަކުން އަންދާޒާގެ އަދަދުތައް ދަށްވަމުން ދިޔައެވެ. އެ އަދަދުތަކާ އަޅާ ބަލާއިރު، ރާއްޖޭގައި ބަލި ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު ވަރަށްވެސް ބޮޑުތަން ކުޑައެވެ. ރާއްޖެއިން މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު ހުރީ 2،400 ގައެވެ. ބަލި ޖެހުނު 10 މީހުން މަރުވި ނަމަވެސް 80 ޕަސަންޓު މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.

ތަފާސް ހިސާބުތަކަށް ބަލައި، މަބްރޫކުވެސް އަދި ހެލްތު މިނިސްޓަރު އަމީންވެސް ގަބޫލުކުރައްވަނީ ރައްޔިތުންގެ ހިތްވަރާއެކު އެންއީއޯސީން ކުރީ ވަރަށް ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ.

''އަޅުގަނޑުމެންގެ ޑޮކްޓަރުން މިތާގައި ދައްކަމުންދިޔަ ވާހަކަތައް އަޑުއައްސަވައި، ގައިދުރުކުރުމުގެ ކަންތައްތަކާއި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވައި، ނުހަނު ދަތި ހާލުގައި، އެތައް ބަޔަކު އެތައް ގުރުބާނީއެއްވެގެން ކުރި މަސައްކަތުގެ ނަތީޖާ މިއީ،" މަބްރޫކުގެ ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

އެންއޯއީސީން ބޭއްވި އެންމެ ފަހުގެ ނޫސްވެރިންގެ ބައްދަލުވުން --- އެންއޯއީސީ ފޮޓޯ/ މުހައްމަދު ޝަރުހާން

އެންއޯއީސީގެ މަސައްކަތް މިހާ ކާމިޔާބުކޮށް ގެންދެވުނީ، މަބްރޫކުގެ ޓީމާއި، މުޅި އެންއޯއީސީގެ މަސައްކަތުން ކަމަށް ފާހަގަކުރައްވަމުން، އެ ހުރިހާ އެންމެންނަށް އޭނާ ޝުކުރު އަދާކުރެއްވި އެވެ.

ރާއްޖެއިން އަދިވެސް ބަލީގެ ނުރައްކާ ފިލައިގެން ގޮސްފައި ނުވާ އިރު، އެންއީއޯސީގެ ތަރުޖަމާނުގެ ހައިސިއްޔަތުން ދެއްވި އެންމެ ފަހު ޕްރެސް ކޮންފަރަންސް މަބްރޫކު ނިންމާލެއްވީ އަދިވެސް ރައްޔިތުން ހިތްވަރާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި، ބައްޔާ މެދު ފަރުވާތެރިވުމަށް އިލްތިމާސްކުރައްވަމުންނެވެ.

މިދިޔަ ހަތަރު މަސް ދުވަހު ތަރުޖަމާނުގެ ގޮތުގައި މަބްރޫކު ފޯރުކޮށްދެއްވި އެ މައުލޫމާތުތަކަކީ ރާއްޖޭގެ ތާރީހަށް މުހިންމު މައުލޫމާތުތަކެކެވެ. އަޅުގަނޑުމެންގެ ގަލަންތަކުން ތާރީހު ލިޔާނީ މަބްރޫކުގެ ނަމާއެކު އެވެ.

comment ކޮމެންޓް