ފަލަސްތީނުގެ ބިންތައް ފޭރިގަތުމުގެ މަސައްކަތް ފަށާކަށް އިސްރާއީލަކަށް ނުކެރުނު

ނަތަންޔާހޫ

ޓެލްއަވީވް (ޖުލައި 2) : އިސްރާއީލު ގަދަބާރުން ވެރިވެގެންފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ބިންތަކުގެ ބޮޑުބައެއް އިސްރާއީލުގެ ބިންތަކަކަށް ބަދަލުކޮށް އެބިންތަކުގެ މިލްކިއްޔާތު ފޭރި ގަތުމުގެ މަސައްކަތް ފެށުން މިވަގުތަށް ފަސްކުރަން އިސްރާއީލުން ނިންމައިފިއެވެ.

އިސްރާއީލުގައި ތިއްބަވާ ބޭރުގެ މުރާސިލުން ބުނާގޮތުން ހުޅަނގު އައްސޭރީގެ ޣޫރުލްއުރުދުން ގެ ބިންތަކުގެ މިލްކިއްޔާތު އިސްރާއީލަށް ބަދަލުކުރުމުގެ ކަންތައް އިއްޔެ ފެށުމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމަވާފައިވީނަމަވެސް އިއްޔެ އެކަން ފަށާފައިނުވަނީ އެމެރިކާގެ ރުހުން ނުލިބިގެންނެވެ. ހިފާފައިވާ ގުސްދުގައި ހުންނަވާ އަލްޖަޒީރާގެ ރިޕޯޓަރު ވަލީދުލްއުމްރީ ވަނީ މިކަން ކަށަވަރުކޮށް ދެއްވާފައެވެ.

މިކަމާބެހޭގޮތުން އިސްރާއީލުގެ ނޫސްތަކުން ބުނެފައިވަނީ ޣޫރުލްއުރުދުން ގެ ބިންތަކުގެ މިލްކުވެރިކަން އިސްރާއީލަށް ބަދަލުކުރުމުގެ ކަންތައް އިއްޔެ ނަތަންޔާހޫ އަށް ނުފެށުނީ އެމެރިކާގެ ރުހުން ނުލިބުމުގެ އިތުރުން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ ބައިވެރިންގެ މެދުގައިވެސް މިމައްސަލާގައި ދެބަސްވުންތަކެއް ހުރުމުންނެވެ. ދެބަސްވުންތައް ހުރީ މިކަން ފަށާނެ ތާރީޚަކާ މެދުގައި ކަމަށާ ޣޫރުލްއުރުދުން ގެ ބިންތަކުގެ މިލްކުވެރިކަން އިސްރާއީލަށް ބަދަލުކުރުމާމެދު ކޯލިޝަންގެ ބައިވެރިންގެ މެދުގައި ޚިލާފެއްނެތްކަމަށް އިސްރާއީލުގެ މިޑިއާ ބުނެއެވެ.

ހުޅަނގު އައްސޭރީގެ ބިންތަކަކީ 1967 ގައި އިސްރާއީލު ގަދަބާރުން ހިފައި އިސްތިއްމާރުކޮށްފައިވާ ފަލަސްތީނުގެ ބިންތަކެއް ކަމާއި އެބިންތަކުން އިސްރާއީލު ފައިބަންޖެހޭނެ ކަމަށް އދ.ގެ ސަލާމަތީ މަޖިލިސްގެ ދެ ގަރާރު ކަމަށްވާ 348 ވަނަ ގަރާރާއި 242 ވަނަ ގަރާރު ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ބުނެއެވެ. ނަމަވެސް އިސްރާއީލަކީ އދ. ގެ ގަރާރުތަކާއި ބައިނަލްއަގްވާމީ ގާނޫނަށް ގޮންޖަހާ ގައުމަކަށްވާތީ އިސްރާއީލުން މިގަގާރު ގަބޫލެއް ނުކުރެއެވެ.

މިއާއެކުވެސް އެމެރިކާގެ ރައްކާތެރިކަމާއި ހިމާޔަތް އިސްރާއީލަށް ލިބޭތީ އދ. ގެ ގަރާރުތަކަށް ގޮންޖަހައި ބައިނަލްއަގްޥާމީ ގާނޫނުތަކާ ޚިލާފުވާކަށް އިސްރާއީލު ޖެހިލުމެއް ނުވެއެވެ.

އެމެރިކާގެ މިހާރުގެ ސަރުކާރަކީ އިސްރާއީލުގެ ޣައިރު ގާނޫނީ އަމަލުތަކަށް ތާއީދުކޮށް ހިއްވަރު ދިނުމުގައި ހައްދު ފަހަނަޅާފައިވާ ސަރުކާރެކެވެ. ޣޫރުލްއުރުދުންގެ ބިންތަކުގެ މިލްކުވެރިކަން އިސްރާއީލަށް ބަދަލުކޮށް އެބިންތައް ފަލަސްތީނުގެ ކިބައިން ފޭރިގަތުމަށް ނަތަންޔާހޫ ގެންގުޅޭ ޕްލޭނަށް ތާއީދުކޮށް ޓްރަމްޕްގެ ސަރުކާރުންވަނީ ކުރިން ފެހިއަލި ދީފައެވެ. އަދި މިލްކުވެރިކަން ބަދަލުކުރުމަށްފަހު އެބިންތަކަކީ އިސްރާއީލުގެ ބިންތަކެއް ކަމަށް އެމެރިކާ އިއުތިރާފު ވާނެކަމުގެ ޔަގީންކަންވެސް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިއަހަރުގެ ކުރީކޮޅު ވަނީ އިސްރާއީލަށް ދެއްވާފައެވެ.

މިއާއެކުވެސް ޖުލައި އެކެއްގައި މިކަން ފެށުމަށް އެމެރިކާގެ ތާއީދު ނުލިބުނީ އެމެރިކާގެ އެތެރޭގެ ހާލަތު މިހާރުއޮތްގޮތުން ޓްރަމްޕްގެ ސަރުކާރަށް ފިއްތުންތައް ބޮޑުކަމުން މިކަން ލަސްކޮށްލުން މިވަގުތަށް މުހިއްމުކަމަށް އެމެރިކާ ދެކޭތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިސްރާއީލު ހިންގަން މިއުޅޭ ޖަރީމާއަށް ހުއްޓުވޭނީ މިކަމަށް ނުފޫޒު ފޯރުވޭފަދަ އަރަބި ގައުމުތައްކަމަށްވާ މިސްރު، ސައޫދީ އަރަބިއާ އަދި ޔޫއޭއީ ފަދަ ގައުތަކުން މަސައްކަތް ކޮށްގެން ކަމަށް ވިޔަސް އެގައުމުތަކުން މިކަމަށް މާބޮޑު އަޅާލުމެއް ނެތެވެ. ނަމަވެސް އުރުދުން އިންވަނީ މިކަން އިސްރާއީލުން ތަންފީޒުކޮށްފިނަމަ އިސްރާއީލާއެކު ސޮއިކޮށްފައިވާ ސުލްޙައިގެ މުއާހަދާއިން ވަކިވެދާނެކަން ދޭހަވާފަދަ ގޮތަކަށް ނުސީދާގޮތެއްގައި އިސްރާއީލަށް ހަރުކަށި އިންޒާރެއް ދީފައެވެ.

ޣޫރުލްއުރުދުންގެ ބިންތަކުގެ މިލްކުވެރިކަން އިސްރާއީލަށް ބަދަލުކުރުމަކީ އުރުދުންގެ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއްކަމާއި އެކަންކޮށްފިނަމަ އިސްރާއީލު ހިތާމަކުރަންޖެހޭނެކަމަށް ވިދާޅުވެ އުރުދުންގެ މަސްއޫލުވެރިންވަނީ އިސްރާއީލަށް ހަރުކަށި އިންޒާރުތަކެއް ދެއްވާފައެވެ. ނަމަވެސް އުރުދުން އަކީ މިސްރު، ސައޫދީ އަރަބިއާ އަދި ޔޫއޭއީ ފަދަ ބާރާއި ނުފޫޒު ހުރިގައުމެއް ނޫންކަމުން އުރުދުންގެ މިއިންޒާރަށް އެމެރިކާވެސް އަދި އިސްރާއީލުވެސް ޖެހިލުމެއް ނުވެއެވެ.

އަނެއްކޮޅުން އދ. އާއި ޔޫރަޕްގެ ގައުމުތަކުންވެސްވަނީ ޣޫރުލްއުރުދުންގެ ބިންތަކުގެ މިލްކުވެރިކަން އިސްރާއީލަށް ބަދަލުކުރިނަމަވެސް އެކަމަށް އިޢުތިރާފް ނުވާނެކަމުގެ އިންޒާރު ދީފައެވެ. މީގެއިތުރުން ޔޫރަޕްގެ އިއްތިޙާދުންވަނީ ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ގާއިމްކޮށްފައިވާ ޔަހޫދީ އަވަށްތަކުން އުފައްދާ ތަކެތި އެއިއްތިޙާދުގެ ގައުމުތަކަށް އެތެރެ ކުރުން މަނާކޮށްފައެވެ.

ޣޫރުލްއުރުދުންގެ ބިންތަކުގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުންވަނީ އެބިންތައް ފޭރިގަތްނަމަވެސް އެބިންތައް ދޫކޮށް އެހެންތަނަކަށް އެމީހުން ނުދާނެކަމަށް ބުނެ އިސްރާއީލަށް ގޮންޖަހާފައެވެ. ފަލަސްތީނުގެ ޖަމާއަތްތަކުންވަނީ އިސްރާއީލާ ދެކޮޅަށް އިންތިފާޟާއެއް ފަށާނެކަމުގެ އިންޒާރު ދީފައެވެ. ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންވަނީ އިސްރާއީލުން އެ ޖަރީމާ ހިންގައިފިނަމަ އިސްރާއީލަށް ވެފައިވާ އިޢުތިރާފް އަނބުރައި ގެނަސް އިސްރާއީލަކީ ދައުލަތެއްގެ ގޮތުގައި ބަލައި ނުގަންނާނެކަން އިސްރާއީލަށް އަންގާފައެވެ.

މިއާއެކުވެސް މަރުހަލާތަކަކަށް ބަހާލައިގެން މިއަހަރު ނިމުގެ ކުރިން ޣޫރުލްއުރުދުންގެ ބިންތަކުގެ މިލްކުވެރިކަން އިސްރާއީލަށް ބަދަލުކުރުމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނިންމަވާފައިވާ ކަމަށް އިސްރާއީލުގެ ވަޒީރެއް ކަމަށްވާ ޔޫފާލް ޝްޓައިތަޒް އިއްޔެ ވަނީ ވިދާޅުވެފައެވެ. ބިންތަކަކީ ޣޫރުލް އުރުދުންގެ ބިންތަކަކީ ފަލަސްތީނުގައި އޮންނަ ދަނޑުވެރި ކަމަށް އެންމެ ރަނގަނޅު ބިންތަކެވެ. ފަލަސްތީނުގައި އުފައްދާ ދަނޑުވެރިކަމުގެ ގާތްގަނޑަކަށް 60 އިންސައްތަ އުފައްދަނީ އެބިންތަކުގައެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް