އެފްއޭއެމްގެ މައްސަލަ މަޖިލީހުން ބަލާތީ ބައެއް ކުލަބުތަކުން ކަންބޮޑުވެއްޖެ

ދިރާގު ދިވެހި ލީގުގެ ޗެމްޕިއަންކަން މާޒިޔާއިން އުފުލާލި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކެއް ބަލައި، އެ އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާތީ، ފުރަތަމަ ޑިވިޝަންގެ ގިނަ ކުލަބުތަކަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެފްއޭއެމް އާ ބެހޭގޮތުން މައްސަލައެއް ހުށަހަޅައި ބަހުސްކޮށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައިވާ އިރު، އެ މައްސަލައިގައި ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ވަރުގަދަ އިންޒާރެއް ދީފަ އެވެ.

މި މައްސަލަ އަކީ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް އިއްޔެ ހުށައެޅި މައްސަލައާ ގުޅިގެން ފެންމަތިވެގެން ދިޔަ ކަމަކެވެ.

https://sun.mv/139377

އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށް ވަނީ މި މައްސަލައިގެ ނުކުތާތަކުގައި ފާހަގަ ކޮށްފަ އެވެ.

މިކަންތައް ގަނޑާއެކު އެފްއޭއެމްގެ ދިފާއުގައި ފުރަތަމަ ޑިވިޝަން ކުލަބުތަކުން ނުކުމެފައިވާ އިރު ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ތިން ކުލަބު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ އިތުރުން އީގަލްސްއިން ވެސް ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ.

މާޒިޔާއިން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ، މެމްބަރު އާޒިމް، އެފްއޭއެމްއާ ދެކޮޅަށް މަޖިލީހަށް ހުށައަޅާފައިވާ މައްސަލައާ ގުޅިގެން އެ ކުލަބުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށެވެ.

"މި މައްސަލައިގައި މި ކުލަބުން ކަންބޮޑުވާ ސަބަބަކީ، މެމްބަރު އަލީ އާޒިމް އަކީ ވާދަވެރި ކުލަބެއްގެ ކުރީގެ ޗެއާމަނަކަށް ވެފައި، އެކުލަބަށް މިވަގުތު ދިމާވެފައިވާ ހާލަތުގެ ސަބަބުން، އަމިއްލަ މަސްލަހަތް އިސްކޮށް، ޒާތީ ގޮތުން ފުޓުބޯޅަ އެސޯސިއޭޝަނާއި، އެހެން ކުލަބުތަކާއި މުޅި ފުޓުބޯޅަ އާއިލާއަށް ގެއްލުންވާ ގޮތަށް އަމަލު ކުރަމުންދާ ކަމަށް ގަބޫލު ކުރުމުގެ ޖާގަ އޮތުމުން." މާޒިޔާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އީގަލްސްއިން ނެރުނު ބަޔާނުގައި ވެސް މަޖިލީހުން ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކޮށްފައިވާ އިރު އެކުލަބުން ބުނީ، މިކަމަކީ އެފްއޭއެމްއާއި ކުޅިވަރާ ބެހޭ ވުޒާރާ ގުޅިގެން ފަށާފައިވާ ތަރައްގީގެ ޕްރޮޖެކްޓްތަކާއި، މަސައްކަތްތައް ފަނޑުކޮށްލުމަށް ސިޔާސީގޮތުންނާއި، އަމިއްލަ މަސްލަހަތައް ކުރާ ކަމެއް ކަމަށެވެ. އަދި ފުޓުބޯޅަ ކުލަބުތަކާއި، ކުޅުންތެރިންގެ ހައްގުގައި އެ މަސައްކަތް ހުއްޓާލުމަށް ވެސް އެކުލަބުން ވަނީ މަޖިލީހަށް ގޮވާލައިފަ އެވެ.

މީގެ އިތުރުން ޓީސީ ސްޕޯޓްސް ކުލަބުން ނެރުނު ބަޔާނުގައި ވެސް ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން ހުއްޓާލުމަށާއި، މިކަމުގެ ސަބަބުން ސަސްޕެންޝަނެއް އަތުވެއްޖެ ނަމަ ފުޓުބޯޅަ ކުޅެގެން އާއްމުދަނީ ހޯދަމުން އަންނަ ކުޅުންތެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަން އެކުލަބުން ވަނީ ހާމަކޮށްފަ އެވެ.

ފީފާގެ އިންޒާރާ އެކުވެސް މަޖިލީހުގެ މައްސަލަ ހުއްޓާލާނެ ކަމުގެ އިޝާރާތެއް ކޮށްފައި ނުވާ އިރު އެފްއޭއެމްއިން ވަނީ ކުއްލި ގޮތެއްގައި އެ އިދާރައިގެ އިންތިހާބު މިއަދު ބޭއްވުމަށް ނިންމާފަ އެވެ. އަދި މި އިންތިހާބު ކުރިއަށް ގެންދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް ކަމަށް ވެސް އެފްއޭއެމުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް