އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވަނީ

އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން: އެފްއޭއެމްއިން މިއަހަރަށް 65 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސްކޮށްފައި -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮރޯނާވައިރަހާ ގުޅިގެން ފަސްކުރި ފުޓްބޯޅާ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިންތިހާބު އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މިއަދު ބާއްވާނެ ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އަސާސީ ގަވާއިދުގައި ބަޔާން ކޮށްފައިވާ އިންތިހާބު ބާއްވަން ޖެހޭ ތާރީހުގެ ނުވަ މަސް ދުވަސް ކުރިން އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް އެ އިދާރާގެ ހިންގާ ކޮމިޓީން ނިންމާފައި ވަނީ ފެބްރުއަރީ މަހުގެ ހަތަރުވަނަ ދުވަހު އެވެ. އެއާ އެކު އެފްއޭއެމްގެ އިންތިހާބީ ކޮންގްރެސް ބޭއްވުމަށް އެންމެ ފުރަތަމަ މަސައްކަތްކޮށްފައި ވަނީ މާޗު މަހުގެ 20 ވަނަ ދުވަހުގެރޭ އެވެ.

އެކަމަކު ކޮރޯނާވައިރަހުން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން، ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައި އޮތުމުން އެފްއޭއެމްގެ ހުރިހާ ހަރަކާތްތަކާ އެކު އެ އިންތިހާބީ ކޮންގްރެސްވެސް ފަސްކުރީ އެވެ. އެކަމަކު އާއްމު ހާލަތަކަށް ގައުމު ރުޖޫއަވެ، އަލުން އިންތިހާބެއް މި މަހުގެ ތެރޭގައި ބޭއްވުމަށް އެފްއޭއެމުން ނިންމާފައި އޮއްވާ މިފަހުން ހިނގާ ދިޔަ ބައެއް ކަންތައްތަކާ އެކު އިންތިހާބު ބޭއްވުމާ މެދު އޮތީ ސުވާލު އުފެދިފަ އެވެ.

https://sun.mv/139377

ސަބަބަކީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ހިލާފު އެތައް ކަމެއް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބަލަން ފެށުމާއި، އެ މައްސަލަ ގަނޑުގެ ތެރޭގައި ފުޓުބޯޅައިގެ މައި އިދާރައިގެ އިންޒާރެއް ވެސް އައުމުންނެވެ. ކުރިން އެފްއޭއެމްގެ އިންތިހާބު މިދިޔަ މަހުގެ 20 ވަނަ ދުވަހު ބާއްވާނެ ކަން އެފްއޭއެމުން ހާމަ ކުރި ނަމަވެސް އެ ދުވަހަށް ވެސް އެ އިންތިހާބު ނުބޭއްވި ދިޔަ އިރު މިއަދު އެ އިންތިހާބު ބާއްވަން އުޅޭކަން ފުރަތަމަ އިނގުނީ، ފީފާ އިން އިއްޔެ އެފްއޭއެމަށް ފޮނުވި ސިޓީއަކުންނެވެ.

ފީފާގެ ޗީފް މެމްބާ އެސޯސިއޭޝަންސް އޮފިސަރު ވެރޮން މޮސެންގޯ-އޮމްބާ ރޭ އެފްއޭއެމަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ ކުރިން ވެސް ޕްލޭން ކޮށްފައިވާ ގޮތަށް މިއަދު އިންތިހާބު ބާއްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް (ޖަވާ) ވަނީ މިއަދު އެފްއޭއެމްގެ އިންތިހާބު އޮންނާނެކަން "ސަން" އަށް ކަށަވަރުކޮށްދެއްވައިފަ އެވެ.

"އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވާނެ. އަދި މި އިންތިހާބު ބާއްވާ ތަނަށް އެހާ ގިނަ ބަޔަކަށް ނުވަދެވޭތީ މީޑިއާއަށާއި އެހެން ފަރާތްތަކަށް ތަންކޮޅެއް ފަހުން އެ މައުލޫމާތު ހާމަ ކުރާނަން." އެފްއޭއެމްގެ ޖެނެރަލް ސެކެއްޓަރީ ހުސައިން ޖަވާޒް(ޖަވާ) ވިދާޅުވި އެވެ.

އެފްއޭއެމްގެ މަގާމުތަކަށް ކުރިމަތިލަން ހުޅުވާލި މުއްދަތު ހަމަވިއިރު ރައީސްގެ މަގާމަށް ބައްސާމް ފިޔަވައި އިތުރު ފަރާތަކުން ކުރިމަތިލާފައެއް ނުވެ އެވެ. މީގެ ހަތަރު އަހަރު ކުރިން ކުރީގެ ރައީސް އަހުމަދު ތޯރިގް (ޓޮމް)އާ ވައްދަކުރައްވައި ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެންނެވި ބައްސާމުގެ ފުރަތަމަ ދައުރު ހަމަވާނީ މިއަހަރުގެ ނޮވެންބަރު މަހުގެ 20 ވަނަ ދުވަހު އެވެ.

ބައްސާމްގެ ދަށުން ސީނިއާ ނައިބު ރައީސްގެ މަގާމަށް މިހާރުގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަދި ގައުމީ ޓީމްގެ ކުރީގެ ފޯވަޑް އަލީ އުމަރުގެ ނަން ހުށަހަޅާފައިވާއިރު ނައިބު ރައީސްގެ މަގާމަށް ހަމަޖައްސަން ނިންމާފައިވަނީ މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އެވެ.

ހިންގާ ކޮމިޓީގައި ދެން ހިމެނެނީ މިހާރުގެ ސީނިއާ ނައިބު ރައީސް އަހުމަދު ޝަކީބް (ޑޮކް) އާއި، ކުރީގެ ސްޕޯޓްސް ކޮމިޝަނަރު އަހުމަދު ނަޝީދު (ޑޭވް) އާއި، މިހާރުގެ ހިންގާ ކޮމިޓީ މެމްބަރު އަދި އީގަލްސްގެ ޖެނެރަލް ސެކްރެޓަރީ މުފާވިޒް ހާޝިމް (މުފާ) އާއި، ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލާއި، އެފްއޭއެމްގެ ސީނިއާ މުވައްޒަފެއް ކަމަށްވާ އައިމިނަތު ޝާނީޒް (ޝާނީ) ގެ އިތުރުން މުހައްމަދު ޝިފާއު އެވެ.

comment ކޮމެންޓް