މަޖިލީހުން އެފްއޭއެމްއާ ތޮޅޭތީ ފީފާއިން އިންޒާރުކޮށްފި

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއާއި އެ އިދާރައިގެ ކުރީގެ ރައީސް އަދި މިހާރުގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ---

ރައްޔިތުންގެ މަޖިލީހުން އެފްއޭއެމްގެ މައްސަލަތަކެއް ބަލައި، އެ އެސޯސިއޭޝަންގެ އިންތިހާބު ހުއްޓުވުމަށް މަސައްކަތް ކުރަމުންދާތީ، ދިވެހި ފުޓްބޯޅަ އަށް ސަސްޕެންޝަނެއް އަތުވެދާނެ ކަމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަރުގަދަ އިންޒާރެއް ދީފި އެވެ.

ފީފާއިން ރާއްޖެއަށް އެގޮތަށް އިންޒާރު ދިނީ، ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އެފްއޭއެމް އާ ބެހޭގޮތުން މައްސަލައެއް ހުށަހަޅައި ބަހުސްކޮށް ކޮމިޓީ މަރުހަލާ އަށް ފޮނުވާފައި ވަނިކޮށެވެ. މި މައްސަލަ އަކީ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަދި އެފްްއޭއެމްގެ ކުރީގެ ރައީސް އަލީ އާޒިމް މަޖިލީހަށް އިއްޔެ ހުށައެޅި މައްސަލައާ ގުޅިގެން ފެންމަތިވެގެން ދިޔަ ކަމަކެވެ.

އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމްއިއްޔާ، ފީފާގެ ހިންގާ ގަވާއިދާ ޚިލާފު އެތައް ކަމެއް ފާހަގަކޮށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ހަ ނުކުތާއެއް ވަނީ ފާހަގަކޮށްފަ އެވެ. އަދި ފުރިހަމަ ކުރަންޖެހޭ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކުޅިވަރާ ބެހޭ ވުޒާރާއަށް އެންގުމަށް ވަނީ މި މައްސަލައިގެ ނުކުތާތަކުގައި ފާހަގަ ކޮށްފަ އެވެ.

https://sun.mv/139231

އެގޮތުން އެފްއޭއެމްގެ ހިންގާ ކޮމިޓީ 20 ނޮވެމްބަރު 2016 ގައި އިންތިހާބުވީފަހުން ތަފާތު އެކި ދުވަސްވަރު ކޮމިޓީއަށް ރަސްމީކޮށް އިންތިހާބުވި ބައެއް ފަރާތްތަކުން އިސްތިއުފާ ދެއްވާފައިވާ އިރު އަލުން އެ މަގާމުތަކަށް މީހުން އައްޔަން ކުރީ ގަވާއިދާ ޚިލާފަށް ކަމަށް އާޒިމް ހުށައެޅުއްވި މައްސަލައިގައި ވަނީ ބުނެފަ އެވެ. މި ގަރާރަށް އިއްޔެ ބަހުސްކުރުމަށް ފަހު ވަނީ ދިރާސާކުރަން އިޖްތިމާއީ ކޮމިޓީއަށް ފޮނުވައިފަ އެވެ.

މިއީ ރާއްޖެ އަށް ދެ އަހަރުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެ ވަނަ އިންޒާރެވެ. މީގެ ކުރިން ފީފާގެ އިންޒާރު ކުރިމަތިވީ ވެސް ސަރުކާރުން އެފްއޭއެމްއާ ދެކޮޅަށް ތުހުމަތުތަކެއް ކޮށް ބައެއް ކުލަބުތަކާއި އެކު އެ އެސޯސިއޭޝަންގެ ލީޑާރޝިޕް ބަދަލު ކުރުމަށް މަސައްކަތް ކުރި ދަނޑިވަޅެއްގަ އެވެ. އެފަހަރުގެ އެ ކަންތައް ގަނޑުގައި ފީފާގެ ވަފުދެއް ވެސް ރާއްޖެ އައިސް މައްސަލަ ބެލި އިރު ސަސްޕެންޝަނުގެ އިންޒާރާ އެކު އެ މަސައްކަތް ސަރުކާރާއި ކުލަބުތަކުން ހުއްޓާލީ އެވެ.

އެފްއޭއެމްއާ ދެކޮޅަށް މިފަހަރު މަޖިލީހުން ފަށާފައިވާ މައްސަލައާ ގުޅިގެން އެކަންތައް މިހާރު ފީފާގެ ސަމާލުކަމަށް ފީފާއިން ގެނެސްފައިވާ އިރު، ޖަވާބުގައި ފީފާއިން ބުނެފައި ވަނީ، ފީފާގެ އަސާސީ ގަވާއިދުގައި ވާގޮތަށް ނުފޫޒެއް ނެތި މިނިވަން ކަމާއެކު އެފްއޭއެމް ހިންގުމުގެ ފުރުސަތު އޮޮންނަންވާނެ ކަމަށެވެ. އަދި އެކަމަށް ހުރަސް އެޅޭގޮތަށް ތިން ވަނަ ފަރާތަކުން އެފްއޭއެމްއަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާނަމަ، ފީފާގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން ރާއްޖެއަށް ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ކައިރި ކަމަށް ފީފާއިން ވަނީ އަންގާފަ އެވެ.

އެފްއޭއެމްގެ އިންތިހާބީ މަރުހަލާ އަށް ސަރުކާރުން ވަންނަ ކަމަށް އެފްއޭއެމުން ކުރާ ތުހުމަތާ ގުޅޭ ގޮތުން އެންގި ވާހަކަތައް އަޑުއެހީ ކަންބޮޑުވުމާ އެކު ކަމަށާއި، މިއަދު ބާއްވާ އިންތިހާބަށް އެއްވެސް ނުފޫޒެއް އަތުވެއްޖެ ނަމަ އެކަން ފީފާގެ ސަމާލުކަމަށް އަލުން ގެނައުމަށް ފީފާ މެންބަރު އެސޯސިއޭޝަންގެ ޗީފް އޮފިސާ، ވެރޯން މޮސެންގޯ އޮމްބާ ސޮއިކޮށް އެފްއޭއެމް އަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވެއެވެ.

މިއަދުގެކޮންގްރެސް އަށް އިތުރު ނުފޫޒެއް މެދުވެރި ވެއްޖެނަމަ ފީފާއިން އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށްވެސް ވަނީ އަންގާފަ އެވެ.

comment ކޮމެންޓް