ބޭސްފަރުވާއަށް އިތުރު މީހުން އިންޑިއާއަށް ފޮނުވޭނެ: މިނިސްޓަރު ޝާހިދު

އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާ ބައްދަލުކުރެއްވުން-- ފޮޓޯ/ ފޮރިން މިނިސްޓްރީ

ރާއްޖެއިން ފަރުވާ ކުރެވެން ނެތް ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް އިތުރު ދިވެހީންނަށް ވެސް އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން އެގައުމުގެ ސަރުކާރުން ދީފި އެވެ.

ކޮވިޑް-19 އާ ގުޅިގެން އިންޑިއާގެ ބޯޑަރު ބަންދުކޮށްފައިވުމާ ގުޅިގެން އިންޑިއާ ރައްޔިތުން ނޫން އެހެން މީހުންނަށް އެގައުމަށް މިވަގުތު ނުވަދެވެ އެވެ.

އެހެންނަމަވެސް އެހެން ގައުމުތަކަށް އަދި ދީފައި ނުވާ ހާއްސަ ހުއްދައެއްގެ ދަށުން އާސަންދައިގެ ދަށުން ފަރުވާކުރަމުންދާ ހާލުދެރަ ބަލި މީހުން އިންޑިއާއަށް ގެންދިޔުމަށް އިންޑިއާއިން ދިން ފުރުސަތުގައި 28 ބަލި މީހަކު އިއްޔެ އިންޑިއާއަށް ވަނީ ގޮސްފަ އެވެ.

އިތުރު ބަލިމީހުންނަށް އިންޑިއާއަށް ދެވޭނެކަމުގެ ޔަގީންކަން ދީފައިވަނީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުއާއެކު މިއަދު ހަވީރު ފޮރިން މިނިސްޓްރީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ.

ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ދަށުން އިންޑިއާއަށް އެތެރެވާ ހުރިހާ ފަރާތްތަކުން ކަރަންޓީންވާން ޖެހޭތީ، ފަރުވާއަށް ދާ ދިވެހިންވެސް ކަރަންޓީން ފުރިހަމަކުރަން ޖެހެ އެވެ.

އިންޑިއާ ސަރުކާރާއެކު ފޮރިން މިނިސްޓްރީއިން ކުރި މަޝްވަރާތަކަށްފަހު ހޮސްޕިޓަލްގެ ވަކި ސަރަހައްދެއްގައި ކަރަންޓީން ވުމުގެ ފުރުސަތު ވަނީ ދިވެހީންނަށް ދީފައެވެ.

ބޮޑެތި ބަލިތަކަށް ފަރުވާކުރާ ފަރާތްތައް އިންޑިއާއަށް ގެންދިޔުމަށް ލިބުނު ހާއްސަ ހުއްދައިގެ ދަށުން ބަލި މީހުން އިންޑިއާއަށް ގެންދިޔުމުގެ މަސައްކަތް އާސަންދަ ކުންފުންޏާ ގުޅިގެން ފޮރިން މިނިސްޓްރީއިން ކުރަމުންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

comment ކޮމެންޓް