މި މަހުގެ 15 އިން ފެށިގެން މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވަނީ

މާލެ ސިޓީ: ގެސްޓްހައުސްތައް ހުޅުވާނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި -ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ރާއްޖޭގެ ބޯޑަރު ހުޅުވައި ފަތުރުވެރިކަން އަލުން ފަށާއިރު މި މަހުގެ 15 އިން ފެށިގެން މާލޭ ސަރަހައްދުގެ ހޮޓާތަކާއި ގެސްޓު ހައުސްތައް ޓްރާންސިޓު ހޮޓަލުގެ ގޮތުގައި ބޭނުންކުރަން ފެށުމަށް ޓުއަރިޒަމް މިނިސްޓްރީއިން ނިންމައިފި އެވެ.

ކޮވިޑް-19 އަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވައި މި މަހުގެ 15 އިން ފެށިގެން ރިސޯޓުތައް ހުޅުވަން ފެށުމަށް ހުއްދަ ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ފަތުރުވެރިކަން އަލުުން ފެށުމަށް ތައްޔާރުވެފައިވާއިރު ކޮވިޑް-19 އަށްފަހު ފަތުރުވެރިކަން ކުރިއަށް ގެންދާނެ ގޮތަށް ބަލައި ވަނީ ހާއްސަ ގައިޑްލައިނެއް އެކުލަވާލާފައެވެ.

މިއަދު ޓުއަރިޒަމް މިނިސްޓްރީއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ގައިޑްލައިންގެ ސެކްޝަން ޑީ2ގައި ބަޔާންކޮށްފައިވާ ފަދައިން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ގެސްޓުހައުސްތަކާއި ހޮޓާތައް މި މަހުގެ 15 އިން ފެށިގެން ޓްރާންސިޓް މޫވްމެންޓްތަކަށް މިނިސްޓްރީގެ ހުއްދައާއެކު ހުޅުވޭނެގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ގައިޑްލައިން އާއި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މިންގަނޑުތަކުގެ ތެރެއިން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ގެސްޓުހައުސްތައް ޓްރާންސިޓް ހޮޓެލްތަކުގެ ގޮތުގައި ބޭނުންކުރުމަށް ހުއްދަ ދެވޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މިނިސްޓްރީއިން ބުނެފައިވަނީ ހުއްދަ ދޫކުރެވޭ ފަރާތްތަކުން، ހުޅުވުމުގެ ކުރީން އަދި ހުޅުވުމަށްފަހު އޮޕަރޭޝަންތައް ހިންގުމުގައި ގައިޑްލައިނާ އެއްގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ.

ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރުވެފައިވާއިރު ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ގައިޑްލައިންގައި ބުނީ އޮގަސްޓް އެކެއްގައި ގެސްޓްހައުސްތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ތާރީހު ބަދަލުވެދާނެ ކަމަށާއި ގެސްޓްހައުސްތައް ހުޅުވާ ލުމުގެ ކުރިންވެސް ރާއްޖެ އަންނަ ފަތުރުވެރިއަކަށް، ޓޫރިސްޓް ރިސޯޓަށް ދިޔުމުގެ ކުރިން މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ ގެސްޓްހައުސްއެއްގައި، ޓްރާންސިޓު ސްޓޭ އަކަށް ހާއްސަ ހުއްދައެއްގެ ދަށުން މަޑު ކުރެވިދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އަދި މިގޮތަށް މަޑުކުރާއިރު ފަތުރުވެރިޔާ އަށް އޭނާ ހުންނަ ގެސްޓްހައުސް އިމާރާތުން ބޭރަށް ނުދެވޭނެ ކަމަށާއި އޭނާގެ ކެއިންބުއިމުގެ ކަންތައްވެސް ހަމަޖައްސަން ޖެހޭނީ ގެސްޓްހައުސް ގައި ކަމަށް ބުނެފައިވެއެވެ. މިގޮތަށް ގެސްޓުހައުސްތަކަށް ފަތުރުވެރިން ގެންދާ އުޅަނދުތަކަކީ އެޗްޕީއޭގެ ގައިޑްލައިންތައް ބުނާގޮތަށް އޮޕަރޭޓުކުރާ އުޅަނދުތަކަށް ވާންޖެހޭނެކަމަށް ގައިޑްލައިންގައި ބުނެފައިވެއެވެ.

comment ކޮމެންޓް