މިނިސްޓްރީން އެޅި ފުރަތަމަ އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ނިންމާލައިފި

ކ.ހުރާގައި އަޅާފައިވާ އައުޓްޑޯރ ވޮލީ ކޯޓް

ކ. ހުރާގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ހުރާ ކައުންސިލް އަދި ހުރާގެ ދުވަސްވީ ހުއްރިއްޔާ ސްޕޯޓްސް ކްލަބް ގުޅިގެން ގާއިމްކުރި އައުޓްޑޯރ ވޮލީ ކޯޓު ނިންމާލައިފިއެވެ.

މިއީ މިނިސްޓްރީގެ ފަރާތުން ރާއްޖޭގައި ގާއިމް ކުރި ފުރަތަމަ އައުޓްޑޯރ ވޮލީ ކޯޓު ކަމަށްވާއިރު މި ކޯޓުގެ މަސައްކަތަށް މިނިސްޓްރީއިން ވަނީ ފަސް ލައްކަ ރުފިޔާއާ ގާތްކުރާ ވަރަށް ޚަރަދުކޮށްފައެވެ. އަދީ ބާކީ ޚަރަދުތައް ކޮށްފައިވަނީ ހުރާ ކައުންސިލާއި ހުއްރިއްޔާ ސްޕޯޓްސް ކްލަބުންނެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރ މަހްލޫފް ވިދާޅުވީ ވޮލީ ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރާއްޖޭގެ އިތުރު ރަށްރަށުގައި ވެސް މިފަދަ ކޯޓުތައް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރޭގަނޑުވެސް ކުޅެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ކޯޓުގެ މަސައްކަތްތައް އިޢުލާންކޮށްގެން ކުރިޔަށް ގެންގޮސްފައިވަނީ ހުރާ ކައުންސިލްގެ ފަރާތުންނެވެ.

މި ކޯޓު ގާއިމްކޮށްފައިވަނީ ހުއްރިއްޔާއަށް އެރަށު ކައުންސިލްއިން ދޫކޮށްފައިވާ ހުސްބިމުގައެވ. މި ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަށް ހުރާ ކައުންސިލާއި އެ ރަށުގެ ޒުވާނުންގެ އިތުރުން ހުއްރިއްޔާ ސްޕޯޓްސް ކްލަބްއިން ފޯރުކޮށްދިން އެހީތެރިކަމަށް މިނިސްޓަރ މަހްލޫފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ވޮލީއަކީ ދެވަނައަށް އެންމެ މަގްބޫލް ކުޅިވަރު ކަމަށްވާއިރު ވޮލީ ކުރިއެރުވުމަށް މިނިސްޓަރ މަހްލޫފްގެ އިސް ނެންގެވުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މީގެ އިތުރުން 2023 ވަނަ އަހަރު ރާއްޖޭގައި ބާއްވަން ބިޑް ކާމިޔާބު ކުރި އައިއޯއައިޖީގެ ވޮލީ އިވެންޓް ވ. އަތޮޅުގައި ބޭއްވުމަށް މިނިސްޓަރު ކުރިން ވާހަކަ ދައްކަވާފައިވާ އިރު ވޮލީގެ އިންޑޯރ އަދި އައުޓްޑޯރ ކޯޓުތަކެއް އެ އަތޮޅުގައި އަޅަނެކަމަށް ވަނީ ވައުދުވެފައެވެ.

comment ކޮމެންޓް