ބްރައިޓަން އަތުން ޔުނައިޓެޑް މޮޅުވި އިރު ފެނާންޑޭސްގެ ވިދާލައިފި

ޔުނައިޓެޑުގް ޕޯޗުގީޒް މިޑްފީލްޑަރު ބްރޫނޯ ފަނަންޑޭސް ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓޮން ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ގަދަ ހަތަރަކަށް އެރުމުގެ އުންމީދު އައު ކުރި އިރު ޕޯޗުގީޒްގެ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭސް ވިދާލައިފި އެވެ.

ބްރައިޓޮންގެ ހޯމް ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ޔުނައިޓެޑް ކުރި ހޯދީ 0-3 ގެ ނަތީޖާ އަކުންނެވެ. އެ މެޗުން ލިބުނު މޮޅާ އެކު ޔުނައިޓެޑް ފަސް ވަނަ އަށް ޖެހިލާފައިވާ އިރު، ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ވަނީ ކުޑަވެފަ އެވެ. ޔުނައިޓެޑް ފަސްވަނައިގައި 52 ޕޮއިންޓާ އެކު އޮތް އިރު ހަތަރުވަނައިގައި އޮތް ޗެލްސީއަށް ވަނީ 54 ޕޮއިންޓް ލިބިފަ އެވެ.

މިފަހަރުގެ ލީގުގައި ގިނަ މެޗުތަކަކުން ބަލިވެ، ބޮޑު ފާޑުކިޔުންތަކެއް އަމާޒުވި ޔުނައިޓެޑް އަންނަނީ ކޮވިޑް-19 އަށް ފަހު އަލުން ލީގު ފެށުމާއެކު ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ބްރައިޓަން އަތުން ހޯދި މޮޅާ އެކު ޔުނައިޓެޑުން މިވަނީ ޖެހިޖެހިގެން 15 މެޗު ބަލިނުވެ ފުރިހަމަކޮށްފަ އެވެ.

ރޭގެ މެޗު ފަށައިގެން މޮޅަށް ކުޅެމުން ދިޔަ ޔުނައިޓެޑުން މެޗުގައި ލީޑު ނެގީ 16 ވަނަ މިނަޓުގެ ތެރޭގަ އެވެ. އެ ގޯލަކީ ޔުނައިޓެޑްގެ އަރިމައްޗަށް ކުޅެމުން އަންނަ އާރޮން ވަން ބިސާކާ ދިން ބޯޅައަކުން ޒުވާން ފޯވާޑް މޭސަން ގްރީންވުޑް ޖެހި ގޯލެކެވެ. މި ގޯލާ އެކު މި ސީޒަނުގައި ގްރީންވުޑް ޖެހި ގޯލުގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ. އޭނާ އަކީ 18 އަހަރު ނޫނީ އެ އަށް ވުރެން ހަގު ކުޅުންތެރިންގެ ތެރެއިން ޕްރިމިއާ ލީގުގެ ތާރީހުގައި ވޭން ރޫނީ އަށް ފަހު މި އަދަދަށް ގޯލު ޖެހި ފުރަތަމަ ކުޅުންތެރިޔާ އެވެ.

ގްރީންވޫޑްގެ ގޯލާއެކު ބްރައިޓޮންއަށް ހަމަޖެހި ނުލެވިގެން އުޅެނިކޮށް ޔުނައިޓެޑަށް ލީޑު ފުޅާ ކޮށްދިނީ ޖެނުއަރީ މަހު ޔުނައިޓެޑަށް ބަދަލުވެ ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފެނާންޑޭސް އެވެ. އޭނާ ވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ވެސް ގޯލެއް ޖަހައިފަ އެވެ. ފަނޭންޑެސްގެ މި ދެ ގޯލާއެކު ޔުނައިޓެޑުގެ ސަޕޯޓަރުން އަންނަނީ ފެނާންޑެސްއަށް ވަރަށް ބޮޑަށް ތައުރީފް ކުރަމުންނެވެ.

comment ކޮމެންޓް