މެސީ 700 ގޯލު ހަމަކުރި އިރު ބާސާއަށް ޕޮއިންޓެއް

ސްޕެނިޝް ލީގުގައި ބާސެލޯނާއާއި އެތުލެޓިކޯ ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ ލައިވްސްކޯ

ސްޕެނިޝް ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން އެއްވަރުވެ ތަށި ހޯދުމަށް ބާސެލޯނާ ކުރަމުން އައި މަސައްކަތަށް ހުރަސް އެޅުނު ނަމަވެސް އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ 700 ވަނަ ގޯލު ހަމަކޮށްފި އެވެ.

ބާސެލޯނާގެ ކޭމްޕް ނޫ ސްޓޭޑިއަމުގައި ރޭ ކުޅުނު މެޗުގައި މިވަގުތު ފޯމުގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެ މެޗުން ލިބުނު ޕޮއިންޓާ އެކު ބާސެލޯނާ ތާވަލުގެ ދެވަނައިގައި އޮތީ 33 މެޗުން 70 ޕޮއިންޓާ އެކު އެވެ. ރެއާލް މެޑްރިޑް އެއް ވަނައިގައި އޮތީ 32 މެޗުން 71 ޕޮއިންޓާއެކު އެވެ. އަދި ރޭގެ މެޗުގައި ބާސެލޯނާ ހިފެހެއްޓި އެތުލެޓިކޯ ތިންވަނައިގައި އޮތީ 59 ޕޮއިންޓާ އެކު އެވެ.

ލީގުގެ ރޭހުގައި ބާސެލޯނާއަށް މޮޅެއް ހޯދުން މަޖުބޫރުވެފައި އޮތް އެ މެޗުގައި އެ ޓީމަށް މެޗުގެ 12 ވަނަ މިނަޓުގައި ލީޑު ލިބުނީ މެސީ ނަގައިދިން ކޯނަރެއް އެތުލެޓިކޯގެ ފޯވާޑް ޑިއޭގޯ ކޮސްޓާ ގައިގައި ޖެހި ބައިކޮޅަށް ވަން ގޯލަކުންނެވެ. އެކަމަކު އޭގެ އަށް މިނެޓު ފަހުން އެތުލެޓިކޯއަށް ލިބުނު ޕެނަލްޓީއެއްގެ ފައިދާ ނަގައި އެ ޓީމުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މިޑްފީލްޑަރު ސައުލް ނިގޭޒް އެވެ.

މެޗުގެ ބޮޑު ބައި ޑޮމިނޭޓް ކޮށްގެން ބާސެލޯނާއިން މޮޅަށް ކުޅުނު ނަމަވެސް އެ ޓީމުން އުފެއްދި ގިނަ ހަމަލާތަކެއް އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފު ފެށިގެން ބާސެލޯނާގެ ވިންގް ނެލްސަން ސަމޭޑޯއަށް ކުރި ފައުލަކާ އެކު ބާސެލޯނާއަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. އެ ޕެނަލްޓީ މަޑު މަޑުން ގޯލުގެ ތެރެއަށް ފޮނުވާލައި މެސީ ވަނީ ބާސެލޯނާއަށް އަލުން ލީޑު ހޯދައިދީފަ އެވެ.

މި ގޯލަކީ މެސީގެ ފުޓްބޯޅަ ހަޔާތުގައި އޭނާ ޖެހި 700 ވަނަ ގޯލެވެ. މިހާތަނަށް ފުޓުބޯޅައިގައި މި އަދަދަށް ގޯލު ޖެހިފައި ވަނީ އެންމެ ހަތް ކުޅުންތެރިއަކަށެވެ. އޭގެތެރެއިން މިހާރު ކުޅެމުން އަންނަނީ މެސީގެ އިތުރުން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ 726 ގޯލު ޖަހައިފަ އެވެ. އެންމެ ގިނަ ގޯލު ޖެހި ލިސްޓުގެ ކުރީގައި އޮތީ ޗެކް އޮސްޓްރިއަންގެ ކުރީގެ ތަރި ޖޯސެފް ބިކޭން އެވެ. އޭނާ ވަނީ ކެރިއަރުގައި 805 ގޯލު ޖަހައިފަ އެވެ.

މެސީގެ މި ގޯލާއެކު ބާސެލޯނާއަށް އުންމީދު ލިބުނު ނަމަވެސް އޭގެ އިރަކޮޅެއް ފަހުން ސެމީޑޯ ވަނީ ބާސެލޯނާގެ އޭރިއާ ތެރެއިން ޔޯހަން ކަރެސްކޯއަށް ފައުލުކޮށް އިދިކޮޅު ޓީމަށް ޕެނަލްޓީއެއް ހޯދައިދީފަ އެވެ. އެ ޕެނަލްޓީ ވެސް ގޯލަށް ފޮނުވާލީ ސައުލް އެވެ. ސައުލް ފޮނުވާލި އެ ޕެނަލްޓީ ބާސެލޯނާގެ ކީޕަރު އެންޑާ ޓާ ސްޓޭގަން އަތުގައި ޖެހުނު ނަމަވެސް ސްޕީޑް ބާރު ކަމުން އަތް ފޮޅާލާފައި ގޯލަށް ވަނީ އެވެ.

comment ކޮމެންޓް