ކައިޒީންގެ އަގުބޮޑު ގިވްއަވޭތައް ހަވާލުކޮށްފި، ތައުރީފް އޮހެނީ

އިންސްޓަގްރާމްގައި 100،000 އަށް ވުރެ ގިނަ ފޮލޯވަރުން ލިބުމާއެކު، މަގުބޫލު މޮޑެލް ކައިޒީން (ކައި) އިއުލާނުކުރި ގިވްއަވޭގެ އިނާމުތައް ނަސީބުވެރިންނަށް ހަވާލުކުރުމާ އެކު އޭނާއަށް ތައުރީފް އޮހެން ފަށައިފި އެވެ.

ނަސީބުވެރި ތިން ފަރާތަކަށް 1000 ޑޮލަރު ގިވްއަވޭގެ ގޮތުގައި ދިނުމަށް ނިންމާ ކައި ކުރި ޕޯސްޓްގައި ބުނެފައިވަނީ ކޮންމެ މީހެއްވެސް އެ އިނާމު ބޭނުންވާ ސަބަބު ލިޔެލުމަށެވެ. މިގޮތުން 11،845 ކޮމެންޓާއި 18،907 ލައިކް އެ ޕޯސްޓަށް ލިބިފައިވެ އެވެ.

މި މަހުގެ 13 އިން 27ގެ ނިޔަލަށް މި ގިވްއަވޭގައި ބައިވެރިވުމުގެ ފުރުސަރު ހުޅުވާލި އިރު، ގިވްއަވޭ މިއަދު ދިނީ އެންމެން ހީކުރި ގޮތާއި ހިލާފަށް ވަރަށް ޖަޒުބާތީ އަދި އަސަރުގަދަ ވާހަކަތަކަކުންނެވެ.

ގިވްއަވޭގައި ބައިވެރިވި އޭނާގެ އެތަށް ހާސް ފޮލޯވަރުންނަށް ޝުކުރުއަދާކޮށް ކައިޒީން ދިން ހާއްސަ މެސެޖެއްގައި ބުނެފައިވަނީ ނަސީބުވެރިން ހޮވާފައިވަނީ ފައިސާގެ އިނާމް ބޭނުންވާ ސަބަބުތައް ބުނެ މީހުން ހިއްސާކުރި ވާހަކަތައް ކިޔައި އޭގެތެރެއިން 10 މީހެއް ޝޯޓް ލިސްޓްކުރުމަށް ފަހު އިންޓަވިއުކޮށް، އަދި އެ މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.

ކައިޒީންގެ ގިވްއަވޭ ލިބުނު ތިން މީހުންނަށްވެސް "ސަން" އިންވަނީ ގުޅާފަ އެވެ. އަދި މި ތިން ނަސީބުވެރިންނަށް ވެސް ކައިވަނީ މިހާރު ފައިސާ ޓްރާންސްފާ ކޮށްފަ އެވެ.

މިގޮތުން ކައި ގެ ގިވްއަވޭ ލިބުނު ފުރަތަމަ ބައިވެރިއަކީ ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލި، އާއިލާގެ ހުރިހާ ޒިންމާއެއް ކޮނޑުއަޅައިގެން ހުރި އުމުރުން އެންމެ 21 އަހަރުގެ އާމިނަތު ޝެނީފާ އެވެ. ޝެނީފާ ކައި އަށްކޮށްފައިވާ މެސެޖުގައި ބުނެފައިވަނީ އޭނާއަކީ އާއިލާގެ އެންމެެ ދޮށްޓަށް ހުރި ކުއްޖާ ކަމަށާއި ހަނގަށް ހަތަރު ކޮއްކޮ ތިބިއިރު މިހުރިހާ ދުވަހު ގޭތެރޭގެ ހަރަދު ބަރަދު ބަލަހައްޓަމުން އައީ މަހު މުސާރައިގެ ގޮތުގައި ލިބުނު އެންމެ 4،000 ރުފިޔާއިން ކަމަށެވެ. ނަމަވެސް ކޮވިޑް19ގައި ވަޒީފާ ގެއްލި ފައިސާ ލިބޭނޭ ހުރިހާގޮތެއް ބަންދުވެފައިވާކަމަށް އޭނާ ބުންޏެވެ.

ދެވަނައަށް ހޮވުނު ނަސީބުވެރިއަކީ މާޒިނާ މުހައްމަދު އެވެ. އޭނާ މި ގިވްއަވޭ ބޭނުންވާ ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ ތެލަސީމިއާގައި އިތުރު ފަރުވާ ހޯދަން ޖެހިފައިވާ އޭނާގެ ފިރިމީހާގެ ބޭސްފަރުވާއަށް ހަރަދުކުރުމަށެވެ. މާޒިނާ ބުނި ގޮތުގައި ކޮންމެ އަހަރަކުވެސް އެއްފަހަރު ރާއްޖެއިން ބޭރުން ހަދަންޖެހޭ ޓެސްޓްތަކެއް ހުންނައިރު، ކޮވިޑް19ގެ މި ހާލަތުގައި މާލީގޮތުން އެދެމަފިރިންނަށް ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ދިމާވެފަ އެވެ. އެހެންކަމުން ކައިޒީންގެ ފަރާތުން ލިބުނު މި ހަދިޔާއަކީ އެދެމަފިރިންގެ އުންމީދު އާކޮށްދީ ބޭސްފަރުވާއިން ކުރިއަށްދިއުމަށް ލިބުނު އާހިތްވަރެކެވެ.

ތިންވަނަ ނަސީބުވެރިއަކީ ދެ ކިޑްނީ ފެއިލްވެފައިވާ މަަންމަގެ ބޭސްފަރުވާއަށް ފައިސާގެ އެހީތެރިކަން ބޭނުންވެފައިވާ ސާއްކޮ ނުވަތަ މުހައްމަދު ހުޝާމް އިސްމާއިލް އެވެ. ބައްޕައެއްގެ އެހީތެރިކަމާއި ނުލާ އާއިލާގެ ހުރިހާކަމެއް ބެލެއްހެއްޓި މަންމަ މިއަދު ބަލިވެ އެދުމަތިވެފައިވާއިރު، މަންމަ އާއި އާއިލާގެ ތިބި ފަސްކުދިންގެ ޒިންމާތައް އުފުލަންހުރި ހުޝާމްއަށް ވެސް ކައިޒީންގެ ފަރާތުން މި ލިބުނު އެހީތެރިކަމާ އެކު އޭނާ މުޅިން އާ ހިތްވަރަކާއި ޖޯޝެއް ދިރިއުޅުމުގައި ކުރިއަށްދާން ލިބިއްޖެކަމަށް ހުޝާމް ސަން އަށް ދިން އިންޓަވިއުގައި ބުންޏެވެ.

މީގެ އިތުރުން ކައި ވަނީ އޭނާގެ ގިވްއަވޭގައި ބައިވެރިވި ޒުވާން ކުއްޖަކު އެދިފައިވާހެން އެކުއްޖާގެ ބައްޕައަށް ފުރޮޅުލީ ގޮނޑިއެއްވެސް ގަނެދީފަ އެވެ.

ކައިޒީންގެ ގިވްއަވޭއަށް އެތަށް ބައެއްގެ ސަމާލުކަން ލިބުނުއިރު، ހުރިހާ ބައިވެރިންގެ މެސެޖުތައް ވެސް ވަކިވަކިން ކިޔާފައިވާނޭކަމަށް އޭނާ ބުންޏެވެ.

"ހުރިހާ އެންމެންގެ މެސެޖުތައްވެސް ވަކިވަކިން ކިޔާލިން. ކޮންމެ ރެއަކު ދަންވަރު އާންމުކޮށް މެސެޖުތައް ކިޔާލެވެނީ، ގާތްގަނޑަކަށް ހަތަރު ނޫނީ ފަސް ގަނޑިއިރު ކޮންމެ ފަހަރަކު ހޭދަކުރަން. ދުވަހަކުވެސް މީގެ ކުރިން ނުހުންނާނެ މެސެޖުކުރި ހުރިހާ އެންމެނަށް އޭޓެންޑްވެފަ އެވެ. ވަރަށް ކުރާހިތުން ކުރީ ކަމެއް މިއީ" ކައި ބުންޏެވެ.

ކޮވިޑް19ގެ ބަލިމަޑުކަމުގައި އެތަށްބައެއް ފައިސާގެ އެހީތެރިކަމަށް ބޭނުންވެފައިވާއިރު، މި ގިވްއަވޭ އާއި އެކު ކައިއަށް ވެސް އިތުރު ހިތްވަރެއް ލިބުނު ކަމަށް އޭނާ ބުންޏެވެ.

"ކައި އަށް ވިސްނުނު ދިރިއުޅުމުގައި އަސްލު މީހުން ކުރާ ސްޓްރަގަލް. އަސްލު ފިރިހެނުންނަށް ވުރެ އަންހެނުން ގިނައީ. އެކަނިވެރި މަންމައިންނާއި މިހެން ގޮސް ދަރިން ނުލިބޭ މީހުން. އެ ހުރިހާ ވާހަކަތަކެއް ކިޔާފައި އަސްލު ވަރަށް އަސަރުކުރި. އިތުރަށް މިކަހަލަަ ކަންކަންކުރަން ހިތްވަރުލިބިއްޖެ" ކައި ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު