މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފި

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތެއްގެ އޯޕަނިން މެޗްގެ ތެރެއިން. ސްޒުކީގެ ސްޕޮންސާޝިޕާއެކު ސާފްޗެމްޕިއަންޝިޕްގެ މިއަހަރުގެ މުބާރާތް ސާފް ސްޒުކީކޕަށް ވަނި ބަދަކލުކޮށްފައި --- ސަން ފައިލް ފޮޓޯ/ އަހްމަދު މުޖުތަބާ

ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުން އަދިވެސް ބައެއް ގައުމުތަކަށް އަރައިގަނެވިފައި ނުވުމާއެކު މިއަހަރުގެ ސެޕްޓެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް އަންނަ އަހަރަށް ފަސްކޮށްފިއެވެ.

ދެ އަހަރުން އެއް އަހަރު، ސާފްގެ ގައުމުތަކުގެ މެދުގައި ބޭއްވޭ މި މުބާރާތް މިފަހަރު ބަންގްލަދޭޝްގައި ބޭއްވުމަށް އެގައުމުން ބިޑް ކާމިޔާބުކޮށްފައިވާ އިރު މުބާރާތް ބޭއްވުމަށް ކުރިން ތާވަލުކުރެވިފައި އޮތީ މިއަހަރުގެ ސެޕްޓެމްބަރު މަހަށެވެ. އެކަމަކު ކޮރޯނާ ވައިރަހުގެ ސަބަބުން ފަސްކުރި އޭއެފްސީ އަދި ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތައް ވެސް އެތާރީހުގައި ބާއްވަން ޖެހުމާއެކު ސާފް ފަސްކުރާނެ ކަމުގެ އިޝާރާތެއް ކުރިން ވެސް ވަނީ ކޮށްފަ އެވެ.

އެގޮތުން ސާފްގެ ސެކެއްޓްރީ ޖެނެރަލް އަންވަރުލް ހައްޤު ހިލާލް، ޤައުމުތަކުގެ ފުޓުބޯޅަ އިދާރާތަކުގެ ސެކެޓްރީ ޖެނެރަލުންނާއި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމުގައި ވަނީ އަންނަ އަހަރަށް މުބާރާތް ފަސްކޮށްފައިވާ ކަމަށް އަންގާފަ އެވެ. އަދި މި ބައްދަލުވުމުގައި މުބާރާތް އަލުން ބާއްވާނެ ތާރީހަކާ މެދު މަޝްވަރާތައް ކުރެވުނު އިރު މިއަހަރު އެ މުބާރާތް ބޭއްވުމަށް ގިނަ ގައުމުތަކުން ތާއީދެއް ނޫނެވެ.

ސަބަބަކީ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާ އެކު ގިނަ ގައުމުތަކުން އޮތީ އެފަދަ މުބާރާތަކަށް ތައްޔާރަށް ނޫން ކަމަށާއި، ސާފް ބާއްވާނަމަ ދެން ހުރި އެހެން މުބާރާތްތަކަށް ވެސް އެކަމުގެ އަސަރުކޮށް ގައުމުތަކުގެ ލީގު ފެށުމަށް ދަތިތަކެއް ހުރުން ކަމަށް ވަނީ ބައްދަލުވުމުގައި ފާހަގަ ކޮށްފަ އެވެ.

ހިލާލް ވިދާޅުވީ، ސާފް ޗެމްޕިއަން ޝިޕް އަންނަ އަހަރު ބޭއްވުމަށް އަދި ދުވަހެއް ކަނޑައަޅާފައި ނުވާ ކަމަށެވެ. އަދި ސީދާ ތާރީޚެއް ކަނޑައަޅާނީ ސާފްގެ މެމްބަރު ޤައުމުތަކާއި ސްޕޮންސަރުންނާއި މަޝްވަރާ ކުރުމަށްފަހު ކަމަށް އޭނާ ވިދާޅުވިއެވެ. ހަމަ އެހެންމެ މުބާރާތަށް ތައްޔާރުވާން ވަގުތު ލިބޭނެހެން ކުރީބައިގައި ދުވަހެއް ނިންމައި އިއުލާނުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސާފް ޗެމްޕިއަންޝިޕް އެންމެ ފަހުން 2018 ވަނަ އަހަރު ބޭއްވި އިރު އެ މުބާރާތް ކާމިޔާބު ކުރީ ރާއްޖެ އެވެ. ބަންގްލަދޭޝްގައި އެފަހަރު ކުޅުނު އެ މުބާރާތުގެ ތަށި ރާއްޖެ އުފުލާލީ ފައިނަލުގައި އިންޑިއާ 1-2 އިން ބަލިކޮށްގެންނެވެ.

comment ކޮމެންޓް