"ވިކްޓިމް ބްލޭމިން" އަކީ ގާނޫނުން އަދަބު ލިބޭ ކުށަކަށް ހަަދަން ރަނގަޅު: ހައިތަމް

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 33 ވަނަ ޖަލްސާގެ ތެރެއިން -- ފޮޓޯ، މަޖިލިސް

ޖިންސީ ގޯނާއާއި ފުރައްސާރަ އަދި ރޭޕްގެ ޝިކާރައަކަށްވާ މީހާގެ އަބުރު ކަތިލާ، އެ ލާއިންސާނީ އަމަލުގެ ވޭން ތަހައްމަލު ކުރަމުންދާ މީހާ ކުށްވެރިކުރުން ނުވަތަ "ވިކްޓިމް ބްލޭމިން" އަކީވެސް ގާނޫނުން އަދަބު ލިބޭ ކުށެއް ކަމުގައި ކަނޑައެޅުމަށް މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހްމަދު ހައިތަމް ގޮވާލައްވައިފިއެވެ.

އެކަމަށް މެމްބަރު ގޮވާލެއްވީ ދިވެހި މުޖުތަމައުގައި ތަކުރާރުކޮށް އަންހުންނާއި ކުޑަ ކުދިން ތަހައްމަލު ކުރަމުންދާ ޖިންސީ އަދި އެހެނިހެންވެސް އަނިޔާތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވައި ނެރުއްވި ބަޔާނެއްގައެވެ.

ހައިތަމް ވިދާޅުވީ އެއްވެސް ހައްލެއް ނުލިބި، މިފަދަ މައްސަލަތަކާއި ކުށްތަށް ދުވަހަަކަށްވުރެ ދުވަހެއް އިތުރުވަމުން އަންނަ ކަމަށެވެ.

އެހެންކަމުންް ޖިންސީ ގޯނާއާއި ފުރައްސާރަ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުމުގެ އިތުރުން، "ވިކްޓިމް ބްލޭމިންގ"އަކީވެސް ގާނޫނުން އަދަބު ލިބޭ ކުށެއް ކަމުގައި ކަނޑައެޅުމަކީ އަނިޔާ ލިބުނު މީހާގެ ހައްގުތަކާއި ކަރާމާތް ރައްކާތެރި ކުރުމަށްޓަކައި ބޭނުން ޖެހިފައިވާ ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމަށާއި އަދި އެކަމަށް ގޮވާލައި ކަމަށެވެ.

"އެހެނީ، އަޅައިގެން ހުންނަ ހެދުމަކުން ނުވަތަ ޒިޔާރަތް ކުރާ މާހައުލަކުން ނުވަތަ އެހެނިހެން އެއްވެސް ކަމަކުންވެސް، އެއީ ރޭޕް ނުވަތަ ޖިންސީ ގޯނާއާއި ފުރައްސާރައަށް ހުށަހެޅެން ޖެހޭ ސަބަބެއް ނޫނެވެ." ހައިތަމްގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ހައިތަމް ވިދާޅުވީ ކުށުގެ ޝިކާރައަށްވާ މީހާ ކުށްވެރި ކުރުމުން، ކުށްވެރިންނަށް ކުށް ކުރުމަށް އިތުރު ހިތްްވަރެއް ލިބި، ކުށްތައް އިތުރުވެގެންދާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތަހްޒީބުވަމުންދާ ދިވެހި ރާއްޖޭގައި މިއީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އަޅުގަނޑުމެން އެންމެންވެސް ވާންވީ އަނިޔާ ލިބުނު މީހާއާއި މެދުގައި ހަމްދަރުދީއެވެ. ކުށްވެރި ކުރަންވީ، ކުށްވެރިޔާއެވެ. އަދި ބަލަންވީ ކުށަށް ވީ އެންމެ އަވަހަކަށް އަދަބު ދީ، އިންސާފު ގާއިމުވޭތޯއެވެ." ހައިތަމް ވިދާޅުވިއެވެ.

ހައިތަމް ވިދާޅުވީ އެއްވެސް ކުށެއްގެ ޝިކާރައަކަށް ވެފައިވާ އަންހެނަކު އަދި ކުޑަކުއްޖަކަށްވެސް އެކަމުގެ ސަބަބުން އިތުރު އެއްވެސް ނިކަމެތި ކަމެއް ލިބިގެން ނުވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމުގެ ސަބަބުން، ދުޅަހެޔޮކަމާއި ރައްކާތެރިކަމަށް އިތުރު އެއްވެސް ގޮން ޖެހުމެއް އޮވެގެން ނުވާނެ ކަމަށެވެ.

މެމްބަރު ވަނީ ޖިންސީ އަދި އެހެނިހެންވެސް އަނިޔާތައް ހުއްޓުވާ، ގާނޫން ތަންފީޒު ކުރާ އެކިއެކި މުއައްސަސާތަކުން މި ފަދަ ކުށްތަކާއި މެދު ގެންގުޅޭ ހަމަތަކާއި އުސޫލުތަކާއި މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވައިފައެވެ.

އަދި މިފަދަ މައްސަލަތަކުގައި ތަކުރާރުކޮށް މުއައްސަސާތަކުން ބޮޑެތި އިހުމާލުވުންފެންނަމުން ދިއުމުގެ ސަބަބުން، އެ މުއައްސަސާތަކާ މެދު ދެކޭ ގޮތް ބަދަލުވެ، ކުރާ އިތުބާރާ ޔަގީންކަންވެސް ގެއްލެން ފަށާފައިވާކަމަށް މެމްބަރު ވިދާޅުވިއެވެ.

އިޖްތިމާއީ އަހްލާގިއްޔަތުން އެކަހެރިވެ، މިފަދަ ލާއިންސާނީ ކުށް ކުރަމުންދާ ކުށްވެރިންގެ މައްސަލަތައް ވީ އެންމެ އަވަހަކަށް ބަލައި ދެއްވާ، ކުށްވެރިންނާއި މެދު ހަރުކަށި އަދަބު ދެއްވުމަށް އެދި އެ މުއައްސަސާތަކާއި ކަމާއި ގުޅުން ހުރި އެންމެހާ ފަރާތްތަކަށް ގޮވާލަމެވެ." ހައިތަމްގެ ބަޔާނުގައިވެއެވެ.

comment ކޮމެންޓް